Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ފެނަކަ ސޭލްސް ސެންޓަރު: ކީއް ކުރާ ތަނެއް؟

ފެނަކަ ކޯޕަރޭޝަނިން ހިތަދޫގައި ސާވިސް ސެންޓަރެއް ހެދީ އައްޑޫގެ ރައްޔިތުންގެ ފަސޭހަކައަށެވެ. ކަރަންޓާ ގުޅުން ހުރި ސާމާނުތައް ރައްޔިތުންނަށް ފަސޭހަ އިން އައްޑޫން ލިބޭނެ ގޮތް ހަދައި ދިނުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް 2014 ގައި ހުޅުވި އެ ސެންޓަރު ހުރުމަކުން ރައްޔިތުންނަށްވާ އެއްވެސް ފަސޭހައެއް ނެތެވެ. ރީތި އިމާތެއް ހަދާފައި ނަން ބޯޑް އެޅުވިޔަކަސް ވާނެ ކަމެއް ހަރާމެވެ.

ހިދުމަތެއް ރައްޔިތުންނަށް ދޭން ބޭނުންވާ ނަމަ، ހިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކޮށް ދޭށެވެ. ނަމެއްގައި ސޭލްސް ސެންޓަރެއް ހުރުމަކުން ކުރާނީ ކޮން ފައިދާއެއްތޯ އެވެ.

ފެނަކަގެ އައްޑޫ ސޭލްސް ސެންޓަރުގެ އެންމެ ބޮޑު މައްސަލައަކީ އެތަނުން ބޭނުންވާ ތަކެތި ނުލިބޭ މައްސަލަަ އެވެ. ކަރަންޓާ ގުޅޭ ހުރިހާ ސާމާނެއް ލިބޭނެ ކަަމަަށް އުންމީދުކޮށްގެން އެތަނަށް ދިއުމުގެ ބޭނުމެއް ނެތެވެ.

ތަނުން ކޭބަލެއް ލިބުނަސް، ލިސްޓްގައި ގިނައިން ހުރީ އެތަނުން ލިބެން ނެތް އިއްޗިއްސެވެ. އެނގިފައިވާ ގޮތުގައި ސޭލްސް ސެންޓަރުން ގިނަ ތަކެތި ހުސްވެފައި ހުންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

"އިއްޔެ އަޅުގަނޑު ދިޔައީ ފެނަކައިން ދިން ކޯޓޭޝަނަކަށް ބޭނުންވާ ތަކެތި އެތަނުން ގަންނަން. އެކަމަކު ލިސްޓްގައި ހުރި ތަކެތީގެ ތެރެއިން ސޭލްސް ސެންޓަރުން ލިބޭނެ ކަމަށް ބުނީ ކަރަންޓް ކޭބަލް އެކަނި. އިތުރު އެއްވެސް އެެއްޗެއް ލިބޭކަށް ނެތް،" ފޭދޫ މީހަކު "އައްޑޫ ލައިވް" އަށް ބުންޏެވެ.

އޭނާ ބުނީ ކޯޓޭޝަން ހިފައިގެން ކަމާކަން ފަށާފައި ހިތަދު އަށް ދިޔައީ ސޭލްސް ސެންޓަރުން ހުރިހާ އެއްޗެއް ލިބޭނެ ކަމުގެ ޔަގީންކަމުގަ އެވެ.

"އެކަމަކު ބޭކާރު ދަތުރަށް އެކަންވީ. ދެން މި ޖެހުނީ އެކި ފިހާރަތަކަށް ދުއްވައިގެން އެކި ތަންތަނުން އެކި އެއްޗެހި ހޯދަން،" އޭނާ ބުންޏެވެ. "އަޅުގަނޑު ހިތަށް އަރާ މިއީ ފެނަކަ އިން ރީއްޗަކަށް ހުޅުވައިގެން އުޅޭ ސޭލްސް ސެންޓަރެއް ބާއޭ؟"

މިއީ ފެނަކެގެ ސޭލްސް ސެންޓަރުގެ ހިދުމަތާ މެދު އައްޑޫގެ އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ.

ސަރުކާރުގެ ކުންފުންޏަކުން ރައްޔިތުންނަަށް ހިދުމަތެއް ދޭ ނަމަ، އެކަން ރަނގަޅަށްކޮށް ދޭށެވެ. އިމާރާތެއް ހަދާފައި ނަން ނޯޑު އަޅުވާފައި މުވައްޒަފުން ލާފައި ތިއްބަކަސް ރައްޔިތުންނަށް ތިޔަ ސޭލްސް ސެންޓަރަކުން ވާނެ ފައިދާއެއް ނޯންނާނެ އެވެ.

ސޭލްސް ސެންޓަރުގެ މަގުސަދު ހާސިލް ނުވާ ނަމަ ތިތަން ބޭކާރު ތަނަކަށްވުން ނޫން ކަަމެއް ނުވާނެ އެވެ. ރައްޔިތުންނަށް ތަޖުރިބާ ކުރަން ޖެހިފައި ވަނީ އެކަމެވެ.