Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

އައްޑޫގެ މުދިމުން މަގުމަތިވެއްޖެ، މިނިސްޓަރު ކޮބާ؟

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް މިނިސްޓަރީތަކަށް ނަގަމުން ގޮސް މިސްކިތްތައް ބެލެހެއްޓުމާއި، މިސްކިތްތަކާއި ގުޅުން ހުރިކަންކަން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށައް ގެންދިޔަތާ އެތައް މަހެއް ވެއްޖެ އެވެ.

ކައުންސިލުން މީގެ ކުރިން މުދިމުންގެ ހާޒިރީ ބަލަހައްޓައި، މުސާރަދީ، މިސްކިތްތައް ދިޔައީ ބަލަހައްޓަމުންނެވެ. އޭރު އެކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަަކަށް ދިޔައީ ފައިސާ ދެމުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުންފެށިގެން އައްޑޫ ސިޓީ ކައުންސިލަށް ޖަމާ ކުރަމުން ދިޔަ މިސްކިތްތަކާއި ގުޅޭ ފައިސާ ޖަމާ ކުރިން އިސްލާމިކް މިނިސްޓްރީއަށް ބަދަލުކޮށް މިސްކިތްތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޒިއްމާ މިނިސްޓްރީން ނެގިއެވެ.

ނަމަވެސް މި މަހުގެ 14ވީ ބުރާސްފަތި ދުވަހާއި ހަމައަށް މިސްކިތްތަކާއި މުދިމުންގެ ކަންކަން ބަލަހައްޓަމުން ގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

މިމަހުގެ 14 ވަނަ ދުވަހު ކައުންސިލުން ވަނީ މިސްކިތްތަކާއި، މުދިމުންގެ ކަންކަން ބަޖެޓް ނެތުމާއި ގުޅިގެން އެމަސައްކަތް ހުއްޓާލިކަމަށް އިއްލާން ކޮށްފައެވެ. އެއާއި އެކު އައްޑޫގެ މިސްކިތްތަކުގެ މުދިމުން މިވަނީ މަގުމަތުވެފައެވެ.

"އައްޑޫ ލައިވް" އާއި ވާހަކަ ދެއްކި ބައެއް މުދިމުން ބުނީ ސޮއި ކުރަންދާން ޖެހޭ ތަނެއް، މިސްކިތްތަކުގެ ކަންކަމާއި ގުޅޭ އޮފީހެއް އައްޑޫގައި ނެތްކަމަށެވެ. އެހެންވެ ހުރިހާ މުދިމުން ތިބީ ބޮޑު މާޔޫސްކަމެއްގައެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށައް މިސްކިތްތަކުގެ ކަންކަން ގެންދިޔަ އިރު، މިހާރު އައްޑޫގައި އިސްލާމިކް މިނިސްޓްރީގެ ކޯޑިނެޓަރެއް ވަނީ ބަހައްޓާފައެވެ. ނަމަވެސް އެއީ އެއްވެސް ބާރެއް ނެތް ހަމައެކަނި "ބޮލެއް" ކަމަށް މުދިމުން ބުނެއެވެ.

މުދިމުންގެ ކަންކަން ބެލެހެއްޓުން އައްޑޫ ސިޓީ ކައުންސިލުން ހުއްޓާލާފައިވަނީ އެކަމާއި ގުޅޭ ގިނަ މަޝްވަރާތައް މިނިސްޓްރީ އާއި ދެމެދު ކުރެވުމަށްފަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީން ނިންމައިގެން ތިބީ ލޯކަލް ކައުންސިލް މެދުވެރިކޮށް އަނެއްކާވެސް އެޒިއްމާ ކައުންސިލުން ކުރާ ގޮތަށް ހަމަޖެއްސުމަށެވެ. ނަމަވެސް އެކަމަކަށް އަލި މަގެއް ފެނިފައި ނުވެއެވެ.

މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ދިޔަފަހުން މިސްކިތްތައް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް މިނިސްޓަރ ޑރ. ޒިޔާދު ބާގިރުއަށް "އައްޑޫ ލައިވް"އިން ވަނީ ގުޅަން މަސައްކަތްކޮށްފައެވެ.

ނަމަވެސް މިނިސްޓަރ ފޯނު ނުނަންގަވާތީ ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑޫގެ މިސްކިތްތަކުގެ މުދިމުން މަގުމަތިވެ، މިސްކިތްތައް ނުބެލެހެއްޓި ދާއިރު، އިސްލާމިކް މިނިސްޓްރީ މިވަނީ ނިދާފައެވެ. މި މުހިއްމު ކަމަށް މިނިސްޓްރީގެ އެއްވެސް ޒިއްމާއެއް ނެތްކަހަލައެވެ.