Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

އައްޑު އަށް ބޯކޮށް ވާރޭ ވެހެނީ، ދަތިތަކެއް

ފޭދޫ ބޮޑު މަގުގައި ފެން ބޮޑުވެފައިވާ އިރު ވެހިކަލްތަކެއް ދުއްވަނީ. ފޮޓޯ/ އައްޑޫ ލައިވް

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހެމުންދާ އިރު ބައެއް އަަވަށްތަކުގެ އެކި ހިސާބުތަކުގައި ފެން ބޮޑުވެ، އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއަދު ވަރަށް ހެނދުނުއްސުރެން ބޯކޮށް ވާރޭ ވެހެމުންދާކަން ފާހަަގަކޮށްލެވެ އެވެ.

އެގޮތުން މީގެ ކުރިން ވެސް އަވަށްތަކުގައި އާންމުކޮށް ފެން ބޮޑުވާ ސަރަަހައްދުތަކުގައި ފެން ބޮޑުވެ، ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ވެސް އެކި ވަރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ބޯކޮށް ވާރޭ ވެހެމުން އަންނަ އިރު، މި ދުވަސްކޮޅު ފެނަކަ އިން އަންނަނީ އައްޑޫގެ ބައެއް މަގުތައް ކޮނެގެން ކަރަންޓް ކޭބަލްތަކެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެހެންވެ އެކަމަށް އާންމުން ވީހާ ވެސް ބޮޑަށް ސަމާލުވުމަށް ފެނަކަ އެދެ އެވެ.

މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން އައްޑު އަށް ބޯކޮށް ވާރޭ ވެހި ބައެއް އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އައްޑު އަށް ބޯކޮށް ވާރޭ ވެހެމުންދާ އިރު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެއީ (މިއަދު 11:30-17:30) އާ ދެމެދު އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑި އިރަށް ލަފާ ކުރާ ގޮތުގައި އައްޑު އަށް މޫސުން ވަރަށް ބޮޑަށް މޫސުން ގޯސް ވާނެ ކަމަށާއި ކަނޑު ގަދަވެ، ވައި ވެސް ގަދަ ވާނެ ކަމަށެވެ.