Last Updated: April 23, 13:19
Tuesday, April 23, 2024
ކުޅިވަރު

ފުލުހުންނާއި ސިފައިންނަށް ފުޓުބޯޅައިން ފުރުސަތެއް

ގައުމީ ސިފައިނާއި ފުލުހުންނަށް ގައުމީ ފެންވަރުގައި ފުޓުބޯޅަ ކުޅުމަށް އަނެއްކާ ވެސް އެފްއޭއެމް އިން ފުރުސަތު ދޭން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ސަރުކާރުގެ މުއައްސަސާތަކަށް ގައުމީ ފެންވަރުގައި ވާދަ ނުކުރެވޭނެ ގޮތަށް އެފްއޭއެމް އިން ވަނީ ނިންމައި ސަރުކާރުގެ މުއައްސަސާ ތަކަށް ވާދަ ކުރެވޭނެގޮތަށް ރެކްރިއޭޝަން މުބާރާތެއް ބާއްވަން ހަމަޖައްސާފަ އެވެ.

މީގެ ކުރިންވެސް ފުލުހުންނާއި ސިފައިންނަށް ޓީމެއް އެކުލަވާލައި ދިވެހި ލީގުގައި ވާދަކުރުމުގެ ފުރުސަތު އެފްއޭއެމް އިން ވަނީ ދީފައެވެ. އެންމެ ފުރަތަމަ 2009 ވަނަ އަހަރު އެގޮތަށް ނިންމައި ޖެހިގެން އައި އަހަރު ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.

އެއަށްފަހުވެސް އެފްއޭއެމް އިން ވަނީ ސިފައިންނާއި ފުލުހުންނަށް މިފުރުސަތުދީ އަނެއްކާވެސް ބާތިލުކޮށްފައެވެ. މިދިޔަ އަހަރު އެގޮތަށް ނިންމިއިރު ސިފައިންގެ ޓީމު ވަނީ ދެވަނަ ޑިވިޝަނުގެ މަގާމެއް ހޯދުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާން ކުޅޭ ކޮލިފިކޭޝަނުން ޖާގައެއް ހޯދާފައެވެ.

އަދި ފުލުހުންގެ ޓީމު ވަނީ ދެވަނަ ޑިވިޝަނުގައި ތިންވަނަ މަގާމު ހޯދާފަ އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ވިދާޅުވެފައިވަނީ މިފުރުސަތު އަނެއްކާވެސް ދިފާއީ ބާރުތަކަށް ދީފައިވަނީ ދިވެހި ލީގު އިތުރަށް ފޯރިގަދަ ކޮށް ސަރުކާރު މުއައްސަސާ ތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިން ހޯދައި ގައުމީ ޓީމަށް ކުޅޭނެ ފެންވަރުގެ ކުޅުންތެރިން ތިބިނަމަ އެފުރުސަތު އެކުޅުންތެރިންނަށްވެސް ދިނުމަށެވެ.