Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އެއް ކުށެއް: މަހްލޫފް ނޫން އެންމެން ޖޫރިމަނާ!

އެމްޑީޕީ އިން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި މަހުލޫފް ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފަކީ ފުލުހުންގެ ބަންދަށް ވަރަށް ފަރިތަ ބޭފުޅެކެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ވެސް ތަފާތު އެކި ފަހަރު މަތީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ބަންދުގައި ދުވަސްތައް ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ނަޝީދުގެ ދުވަސްވަރުވެސް މަހުލޫފުގެ މައްޗަށް ދަޢުވާކުރަން ފޮނުވިއެވެ. މަޚުލޫފުއާއި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަޙީދުގެ މައްޗަށް އުފުލި އެ ދަޢުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސް އަލުން އެ ދަޢުވާ އުފުލުމުން ހައިކޯޓުން ނިންމާފައިވަނީ އެ ދަޢުވާ އަނބުރާ ގެންގޮސް އަލުން ނުއުފުލޭނެކަމަށެވެ. އެފަހަރު އަލީވަޙީދު އިސްތިޢުނާފްކުރި އެ މައްސަލަ ނިމުނުގޮތުން މަޚުލޫފުވެސް ސަލާމަތްވިއެވެ.

މިހާރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ބަންދުކުރެވުނު ހިސާބުން މަޚުލޫފު ސަރުކާރާ އިދިކޮޅަށް ނިކުންނެވިއެވެ. އޭރުވެސް ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި އޮތީ މަޚުލޫފު ޖަލަށް ލެވޭނެކަމެވެ. ނޭނގިފައި އޮތީ ޖަލަށް ލެވޭނެ ދުވަހެކެވެ. އެންމެ ފަހުން އެންމެންނަށްވެސް ކުރިންވެސް އެނގިފައި އޮތްގޮތަށް މަޚުލޫފު ޖަލަށްލެވުނީއެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެގެން 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ. މަޚުލޫފުގެ މައްޗަށް މި ޙުކުމް އައުމުން އާދައިގެ މަތިން އިދިކޮޅު ސިޔާސީ އެންމެން އެ ޙުކުމް ކުށްވެރިކޮށް ބޭއިންސާފުކަމުގެ ވާހަކަ ދެއްކ ިނަމަވެސް ހައިކޯޓުން އެ ޙުކުމް ބާޠިލް ނުކުރާހާ ހިނދަކު ނުވަތަ މަޢާފް ލިބިގެން މިނިވަން ނުކުރާހާ ހިނދަކު އެ ޙުކުމުގެ މުއްދަތު ޖަލުގެ ކުޑަގޮޅީގައި ހޭދަކުރުން ނޫންގޮތެއް މަޚުލޫފަކަށް ނެތެވެ.

މަޚުލޫފުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކޮށްފައިވާއިރު މި ބާވަތުގެ މައްސަލަތައް މީގެ ކުރިންވެސް ރާއްޖޭގެ އެކި ކޯޓުތަކުން ބަލައި ޙުކުމްކޮށްފައިވެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ޙުކުމްތައް ޢާއްމުކޮށް ފެންނަން ނުހުންނާތީ އެ ޙުކުމްތައް ނޭނގުނަސް ކްރިމިނަލް ކޯޓުގެ ބައެއް ޙުކުމްތައް ވެބްސައިޓުން ފެންނަން ހުންނާތީ މިބާވަތުގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރާގޮތް ވެބްސައިޓްގައި މިހާރުވެސް ޢާއްމުކޮށްފައިވާ އެ ޙުކުމްތަކުގެ އަލީގައި ދެނެގަތުމަކީ އުނދަގޫކަމެއް ނޫނެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ފެންނަން ހުރި ޙުކުމްތަކަށް ބަލާއިރު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމުގެ ދަޢުވާ ސާބިތުވެފައިވާ މައްސަލަތަކުގެ ނިންމުންތަކަށް ބަލާއިރުފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމުގެ ކުށުގެ 11 މައްސަލައެއް ވެބްސައިޓުގައި ޝާއިޢުކޮށްފައިވެއެވެ. މި މައްސަލަތަކަށް ބަލާއިރު ވަރަށް ޝައުޤުވެރ ިކުރުވަނިވި ކަންތައްތަކެއް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލަތަކަށް ބަލާއިރު މަޚުލޫފުގެ މައްސަލާގައި އޭނާ 4 މަހާއި 24 ދުވަހަށް ޖަލަށް ލާންކުރި ޙުކުމާއި ދެން ކްރިމިނަލް ކޯޓުންކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން ވެބްސައިޓުން ފެންނަން ހުރި ޙުކުމްތަކާ ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. ވެބްސައިޓުން ފެންނަން ހުރި ޙުކުމްތަކަށް ބަލާއިރު މަޚްލޫފުގެ މައްޗަށް ޖަލު ޙުކުމެއް އިއްވުމުގެ ކުރިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމުގެ ދަޢުވާ ސާބިތުވި 10 މީހުންގެ ތެރެއިން ޖަލު ޙުކުމެއް އިއްވާފައިވަނީ އެންމެ މީހަކަށެވެ.

އެއީ ކްރިމިނަލް ކޯޓުގެ ނަމްބަރ ކްރިމިނަލް ކޯޓުގެ ނަމްބަރ 728/Cr-C/2013 ނަމްބަރު ޤަޟިއްޔާގައި އަޙްމަދު ޖުނައިދު ނަމަކަށް ކިޔާ މީހަކު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތުވެގެން 4 މަހަށް ޖަލަށް ލުމަށް ކުރި ޙުކުމެވެ. އެ ޙުކުމަށްބަލާއިރު އެއީ 2011 ޑިސެމްބަރ 16 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޖުނައިދު މާލޭ ކަސްޓޯޑިއަލްއަށް ޙާޟިރުކޮށް ކުޑަކަމުދާތަކެތި ދޭން އެންގުމުން އެ އެއްޗެހި ދިނުމަށް އިންކާރުކޮށްގެން އިއްވި ޙުކުމެކެވެ. އެއީ މަސްތުވާތަކެއްޗާބެހޭ އާޤާނޫނު އައުމުގެ ކުރިން ކޮށްފައިވާ ޢަމަލެއްގެ މައްޗަށް އުފުލިފައިވާ ދަޢުވާއަކަށްވާތީ މިހާރުގެ ޤާނޫނުގެ ދަށުން 1 އަހަރުގެ ޖަލުޙުކުމެއް އަންނާތީ ލުއި އަދަބު ދިނުމުގެ ގޮތުން 4 މަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީކަމަށް ބެލެވެއެވެ.

މަޚުލޫފު އާއި އަޙްމަދު ޖުނައިދު ފިޔަވައި ދެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމުގެ ދަޢުވާ ސާބިތުވި އަނެއް 9 މީހުންގެ މައްޗަށްވެސް އިއްވާފައިވަނީ ޖޫރިމަނާގެ ޙުކުމެވެ. މި ޙުކުމްތަކަށް ތަފްޞީލުކޮށް ބެލުމުން އެ މަންޒަރު އަދި މާބޮޑަށް ސާފުވެއެވެ.

1 މާރޗް 2012 ގައި ޕިކަޕެއްގައި ފުލުހުންގެ ސަފު ފަޅާލި މީހާއަށްވެސް 3000 ރުފިޔާގެ ޖޫރިމަނާއެއް.

ކްރިމިނަލް ކޯޓުގެ ނަމްބަރ 25/Cr-C/2013 މައްސަލާގައި މުޙައްމަދު ސަލީމް ނަމަކަށްކިޔާ މީހެއްގެ މައްޗަށް އިއްވާފައިވާ ޙުކުމްގައި 1 މާރޗް 2012 ގައި މަޖިލިސް ހުޅުވި ދުވަހު އަލިކިލެގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ފުލުހުން އެތުރިގެން ތިއްބާ ޕިކަޕެއްގައި ދުއްވާފައިގޮސް ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާކަން ސާބިތުވާތީ އޭނާ 3000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ޝީލްޑްތަކުގައި ތަޅައި ފުލުހުންގެ ސަފު ފަޅާލި މީހުންނަށްވެސް 3000 ރުފިޔާގެ ޖޫރިމަނާއެއް.

1 މާރޗް 2012 ގައި ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާއާ ގުޅިގެން މާލޭގައި ކުރި މުޒާހަރާގައި އެ ތަނުގައި ތިބި ފުލުހުން ހިފައިގެންތިބި ޝީލްޑްތަކުގައި އަތުންނާއި ފައިން ތަޅައި، ޝީލްޑްތައްކޮއްޕާ، ފުލުހުންގެ ސަފުފަޅާލައި ފުލުހުންގެ ދައުރުއަދާކުރުމަށް ހުރަސްއަޅާފައިވާކަން ސާބިތުވެގެން އަހްމަދު ނަޒީރު އާއި އަޙްމަދު އާހިދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަމްބަރ 602/Cr-C/2013 މައްސަލާގައި 3000 ރުފިޔާއިން ޖޫރިމަނާކޮށް 28 ޖެނުއަރީ 2014 ގައި ޙުކުމްކުރައްވާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން ފުލުހުންގެ ދައުރުއަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވި 11 މައްސަލައިގެ ތެރެއިން މަޚުލޫފުގެ މައްސަލަ ފިޔަވައި ޖަލުޙުކުމެއް އައިސްފައިވަނީ އެންމެ މީހަކަށްކަމަށްވީއިރު ފުލުހުން މީހަކު ހައްޔަރުކުރުމަށް ހުރަސްއެޅި މީހުންނާއި ޕަކަޕުން ޖައްސައި ފުލުހުންގެ ސަފު ފަޅާލި މީހުންނާއި އަދި އަތާއި ފައިން ފުލުހުންގެ ޝީލްޑްތަކުގައި ތަޅައި ސަފުފަޅާލި މީހުންނާއި އަދި ބެރިކޭޑްތައް ކޮއްޕައި ބެރިކޭޑްތައް އުކާލި މީހުންނަށްވެސް 3000 ރުފިޔާގެ ޖޫރިމަނާ ޙުކުމްތައް ކްރިމިނަލް ކޯޓުން ކޮށްފައިވުމުން ޙުކުމް ކުރެއްވުމުގައި ހަމަހަމަކަން ގެންގުޅުއްވާ މިންގަނޑާ މެދު ސުވާލުއުފެއްދުމުގެ ޖާގައެބައޮތެވެ.

ޚާއްސަކޮށް މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޘިމް ގެ މައްޗަށްވެސް ފުލުހުންގެ ދައުރުއަދާކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވިއިރު އިއްވި ޙުކުމަކީ 3000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ޙުކުމްކަމަށްވެފައި މަޚުލޫފުގެ މައްޗަށް ޖަލުޙުކުމެއްއައީ ކީއްވެތޯ މީހުން ސުވާލުކުރާނެއެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގައި 4 މަހާއި 24 ދުވަހަށް މަޚުލޫފު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރައްވާފައިވާއިރު ފުލުހުންގެ ދައުރުއަދާކުރުމަށް ހުރި މީހަކަށް ޙަމަލާދިން މައްސަލަތަކުގައިވެސް ކުށް ސާބިތުވީ މީހުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. މިގޮތުން ގ. ވޯޓާރލޫ ޢަބްދުﷲ ނަސީރު ނަމަކަށް ކިޔާމީހަކު 5 މާރިޗް 2013 ގައި ފުލުހުންގެ ވެހިކަލެއް ދުއްވަން އިން މީހެއްގެ ކަންކަށިމަތީގައި އަތުން ޖެހުމުން ފުލުހުންގެ ދައުރުއަދާކުރަން ހުރި މީހަކަށް ޙަމަލާދިންކަން ސާބިތުވެ އޭނާއަށް އިއްވާފައިވަނީ 3000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ޙުކުމެވެ.

ކޯޓުތަކުގެ ނިންމުންތައް ޢާއްމުކޮށް ޝާއިޢުކޮށް އެންމެންނަށް ފެންނަން ހުރުމުގެ އިތުރަށް އެއްބާވަތެއްގެ މައްސަލަތަކުގައި އެއްހަމައަކުން ޙުކުމް ކުރެވުމަކީ އިންސާފުލިބިދެވޭކަން ރައްޔިތުންނަށްވެސް ބަލައިގަންނަން ފަސޭހަވާނެކަމެކެވެ.

މަޚުލޫފުގެ މައްޗަށް އިއްވި ޙުކުމް ބަޔަކު ބަލައިނުގަތުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް މައްސަލައަކަށްވަނީ އޭނާއާމެދު ތަފާތުކުރިކަމަށް ބަޔަކަށް ޤަބޫލުކުރެވޭގޮތަށް ކަންކަން ވެފައިވާތީއެވެ. މަޚުލޫފުގެ މައްޗަށް އިއްވި ޖަލުޙުކުމަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ފުލުހުންގެ ބަންދުކޮށްފައިވާ ސަރަޙައްދުގެ ތެރެއަށް ވަންކަމަށް ބުނާ މައްސަލާގައި ދެން އޮތީ ޙުކުމް އިއްވުމުގެ ޝަރީޢަތެވެ. ކްރިމިނަލް ކޯޓުން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގައި ބެރިކޭޑް ފަޅާލައި އުކާލި މީހުންނަށާއި، ޕިކަޕުން ޖައްސައި ބެރިކޭޑް ފަޅާލި މީހުންނަށާއި ޝީލްޑްތަކުގައި ތަޅައި ސަފުފަޅާލި މީހުންނަށްވެސް ޖޫރިމަނާގެ ޙުކުމެއްކޮށްފައިވާއިރު މަޚުލޫފަށް ޖަލުޙުކުމެއް އިއްވައިދޭން ދައުލަތުން އެދިފައިވާކަމަށްވެެއެވެ. އެ ޙުކުމްވެސް ގިނަދުވަހެއް ނުވެ އެނގިދާނެއެވެ. ނަމަވެސް މަޚުލޫފަށް އިއްވި ޖަލު ޙުކުމާމެދު ޖަވާބު ނުލިބޭ ސުވާލުތައް ހުރިގޮތަށް ހުރީއެވެ.