Last Updated: April 24, 12:21
Wednesday, April 24, 2024
ރިޕޯޓް

ކުނި ނަގައި ދޭން ހަމަޖެއްސި އަގުތައް މާ ބޮޑު!

އައްޑޫ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެން އެކުގައި މިވަނީ މަސައްކަތް ކުރަންޖެހިފައެވެ. އަތޮޅުގެ އެކި ތަންތަނަށް ކުނި އަޅައި ހަޑިކޮށްފައި އޮތް އޮތުން ބަދަލު ކުރަން މި ވަނީ ޖެހިފަ އެވެ.

ސަރުކާރުން އެކި ފަހަރުމަތިން އައްޑޫގެ ކުނި މެނޭޖް ކުރުމުގެ ވާހަކަ ދަނީ ދައްކަމުންނެވެ. ވާހަކަ ދައްކައިގެން ކަމެއް ހައްލުވާނަމަ މިހާރު އައްޑޫގެ ކުނީގެ ހާލަތު އޮންނާނީ ރަނގަޅުވެފަ އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުން ފެށިގެން ރަށް ރަށުގެ ހޭޅިފަށާއި، ރަށުގެ އެކި އެކި ފަޅު ގޯތިތައް މިވަނީ ކުނިން ފުރާލާފައެވެ.

މީގެ ކުރިން ކައުންސިލުން ބަލަހައްޓަމުން ދިޔަ ކުނި ކޮށި އެންވައިރަމެންޓް މިނިސްޓްރީން ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެމްއާރްޑީސީ) އާއި ހަވާލުކޮށް، ކުނި ނެގުން ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކުރިން އަމިއްލަ ފަރާތެއް މެދުވެރިކޮށް ކައުންސިލުން ދެމުން ދިޔަ ހިދްމަތް ސަރުކާރުގެ ކުންފުންޏަކުން ދޭން ފެށުމުން ހުރިހާ ރައްޔިތުންވެސް އުއްމީދު ކުރީ ކުރިއަށްވުރެ ރަނގަޅަށް ކުނީގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް އެތައް މަހެއް ފާއިތުވެ ދިޔަ އިރު އަދިވެސް އެދެވޭ ހިދްމަތެއް ނުދެވެއެވެ. ގޭގެއިން ނެރެފައި ހުންނަ ކުނި ހަފްތާއެއްވާ އިރު ކިރިޔާ ނަގާލެވެނީއެވެ.

ހިތަދޫ ކުނި ކޮށްޓަށް ކުނި ޖަމާކޮށްފައި. ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އައްޑޫލައިވް
ހިތަދޫ ކުނި ކޮށްޓަށް ކުނި ޖަމާކޮށްފައި. ކުނި ނައްތާލުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުން. ފޮޓޯ: އައްޑޫލައިވް

އެމްއާރްޑީސީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ހަލީމް ދާދި ފަހުން "އައްޑޫލައިވް"އަށް ވިދާޅުވީ، ކުނީގެ ކަންކަމަކީ އެކުންފުނީގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެކަން މެންޑޭޓް ގައި ހިމަނައިގެން ވަރަށް އަވަހަށް ކުނި ރަނގަޅު ގޮތުގައި މެނޭޖް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ކުނި ރަނގަޅު ގޮތެއްގައި ނެގޭނެ އިންތިޒާމް ހަމަޖައްސަމުން، އެކަމާއި ގުޅޭ މަޝްވަރާތައް ހައުސިން މިނިސްޓްރީ އާއި ކޮށްފިން" ހަލީމް ވިދާޅުވިއެވެ.

އެމްއާރްޑީސީން ކުނީގެ ކަންކަން ހަރުދަނާ ނުކުރެވި އުޅެނިކޮށް، މިވަނީ ކުނި ނެގުމަށް އަގު ކަނޑައަޅައި އަންނަ މަހުން ފެށިގެން އަގު ނަގާނެ ކަން އާއްމުކޮށް އިއްލާން ކޮށްފައެވެ.
jhklj

އެމްއާރްޑީސީން ބުނީ އަގުތައް ކަޑައެޅީ އެންވައިރަމެންޓް މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ކުނިނެގުމަށް އަގު ކެޑިއިރު މީގެ ކުރިން ކުނި ނެގުމަށް ނަގަމުން ދިޔަ ފީތަކުގެ ތަފްސީލަށް ބަލާލަން ޖެހެއެވެ.

ކައުންސިލުން އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ހަފްތާއަކު އެއްފަހަރު، ގެއަކުން ކުނި ނެގުމަށް 50 ރުފިޔާ ނެގިއިރު، ހަފްތާއަކު 2 ފަހަރު ކުނި ނަގާނަމަ ނަގަމުން ގޮސްފައިވަނީ 85 ރުފިޔާއެވެ. ހަފްތާއަކު 3 ދުވަހު ކުނި ނަގާނަމަ އޭރު ނަގަމުން ގޮސްފައިވަނީ 100 ރުފިޔާއެވެ.

ނަމަވެސް އެމްއާރްޑީސީން މިހާރު އާއްމުކޮށްފައިވާ އަގުތަކަށް ބަލާއިރު، އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެމްއާރްޑީސީން އާއްމުކޮށްފައިވާ އަގުތަކަށް ބަލާއިރު ގޭބިސީތަކާއި ފިހާރަ އާއި އޮފީސްތަކުން ހަފުތާ އަކު ތިން ދުވަހު ކުނި ނަގައި ދޭނީ މަހަކު 159ރ. އެވެ. ފިހާރަކާއި އޮފީސްތަކުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 318ރ. އަށެވެ.

މިފަދަ ބޮޑު އަގެއްގައި އެމްއާރްޑީސީން މިހިދްމަތް ދޭން ފަށާއިރު މި ހިދްމަތް މި އަގުގައި ރައްޔިތުން ބަލައި ގަތުން ވަނީ އުދަނގޫ ކަމަކަށްވެފައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހިތަދޫ ރައްޔިތަކު ބުނީ މިހާރުވެސް އަސާސީ ހިދްމަތް ތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ވަގުތެއްގައި ކުނި އުކާލަން ނިންމި އަގުތައް ބޮޑު ކަމަށެވެ.

"މިހާރުވެސް މިއުޅެނީ ކަރަންޓް ބިލް އަތް ނުފޯރައިގެން، ތަކެތީގެ އަގު އިންތިހާއަށް ބޮޑު، އާމްދަނީ ލިބޭނެ ގޮތެއް ނެތް. ކިހިނެއް މިފަދަ ވަގުތެއްގައި ކުނި އުކާލަން 159 ރ މަހަކު ދެއްކޭނީ"

ކުނީގެ މައްސަލަ އިންތުހާއަށް ބޮޑުވެފައިވާއިރު އެކިތަން ތަނަށް ކުނި އުކާލާ ފަރާތްތަކަށް ފަސޭހައިން ކުނި އުކާލެވޭނެ އިންތިޒާމް ހަމަޖައްސައި ދޭން ޖެހެއެވެ. ނޫންނަމަ މިކަމަކަށް ހައްލެއް އޮތްތަނެއް ނުފެނެއެވެ.