Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

"ފާސްޓް ފުޑް" ހަބް ހުޅުވުން 26 ގައި

ހިތަދޫގައި މިހާރު ޑެލިވަރީގެ ހިދުމަތް އެންމެ އިތުބާރާ އެކު ފޯރުކޮށް ދެމުން އަންނަ ފާސްޓް ފުޑްގެ ހަބް ހުޅުވުމުގެ ގޮތުން ޖުލައި 26 ގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިިިފި އެވެ.

ހިތަދޫ ކުޑަކުދިންގެ ޕާކް ކައިރީގައި ހުޅުވާ ފާސްޓް ފުޑް ހަބްގެ އިވެންޓް އޮންނާނީ އެ ދުވަހު ހަވީރު 5:00-11:00 އަށެވެ.

ފާސްޓް ފުޑްގެ އޯނަރު އަހުމަދު ނާއިދު "އައްޑޫ ލައިވް" އަށް ބުނީ "ފާސްޓް ފުޑް 750" ގެ ނަމުގައި ބާއްވާ އިވެންޓަކީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ އިވެންޓެއް ކަމަށެވެ.

"އެ ދުވަހު ތަފާތު ބާވަތްތަކުގެ ކާތަކެތި ރަހަ ބަލާލުމުގެ ފުރުސަތު ވެސްއ އޮންނާނެ. ހަމަމިއާ އެކު ކަސްޓަމަރުންނަށް ވަަރަށް ހާއްސަ ސަޕްރައިޒެއް ވެސް އޮންނާނެ،" އޭނާ ބުންޏެވެ. "އިވެންޓްގެ ނަމުގައި ސެވަން ފިފިޓް ހިމެނާފައި އޮތީ ވެސް ސަޕްރައިޒެއްގެ ގޮތުގައި."

ފާސްޓް ފުޑްގެ ޑެލީވަރުގެ ހިދުމަތް މިހާރު ވަރަށް ފުޅާކޮށް އަދި ވަރަށް އަވަސްކަމާ އެކު ފޯރުކޮށް ދެމުން އަންްނަ ފާސްޓް ފުޑް ހަބް ހުޅުވުމުން ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އެތަނުން ބުންޏެވެ.

އެގޮތުން 26 ގެ ފަހުން ފާސްޓް ފުޑް ހަބް ކޮންމެ ދުވަހަކު ހަވީރު 5:00-11:00 އަށް ހުޅުވާފައި ހުންނާނެ އެވެ.

"އޭރުން ކަސްޓަމަރުންްނަށް އައިސް ކައިރިކޮށްލާފައި ކާއެއްޗިއްސަށް އޯޑަރު ވެސް ދެވޭނެ. އަދި ކޮފީ ކަހަލަ ތަފާތު ބުއިންތައް ވެސް އޭރުން ލިބިގެން ދާނެ،" ނާއިދު ބުންޏެވެ.

އޭނާ ބުނީ 26 ވަނަ ދުވަހު ބާއްވާ "ފާސްޓް ފުޑް 750" އަކީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ އިވެންޓަކަށް ވާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.

"ޖުލައި ސައްބީހާ ދިމާކޮށް އައްޑޫގައި މާ ބޮޑު ހަރަކާތެއް ވެސް ނެތީމާ އެ ދުވަހު އާއިލާތަަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތެއް ފަހިކޮށް ދިނުމުގެ ގޮތުން ސައްބީހުގައި މި އިވެންޓް ބާއްވަން ނިންމީ ވެސް،" ނާއިދު ބުންޏެވެ.

ފާސްޓް ފުޑުން އަންނަނީ ސައިކަލް ވިއްކާ ލިޓަސް އާ ގުޅިގެން ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް ވޭވް 110 ގެ ސައިކަލެއް ލިބޭ މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

"ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016"ގެ ނަމުގައި އެޕްރީލް މަހު މި ޕްރޮމޯޝަންގެ ކޯސްޕޮންސަރުންނަކީ ހައިޑްރޯ ހޯމް ޑެކޯ އާއި، ޗާންދަލިއާ، އައިލެންޑް ބުކްޝޮޕް އަދި ސްކައި ސިކްސް އެވެ.

މި ޕްރޮމޯޝަންގެ ދެވަނަ އަށް ދާ ފަރާތަކަށް ހައިޑްރޯ ޑެކޯ ހޯމްކެއާ އިން ސޯފާ ސެޓެއް ހުށަހަޅާފައިވާ އިރު ތިން ވަނަ އިނާމަކަށް އައިލޭންޑް ބުކްޝޮޕްއިން ހުށަހަޅާފައި ވަނީ 42 އިންޗީގެ އެލްސީޑީ ޓީވީއެކެވެ.

އަދި ހަތަރު ވަނަ އިނާމަކަށް ޗާންދަލިއާއިން އޮޓޯ ދޮންނަ މެޝިނެއް ވަނީ ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަންގެ ފަސް ވަނައަށް ދާ ފަރާތަކަށް ސްކައި ސިކްސްއިން ވަނީ މާލޭ/ގަން ދެކޮޅު ޓިކެޓް ހުށަހަޅައިފަ އެވެ.

ފާސްޓް ފުޑަށް ދޭ ކޮންމެ އޯޑަރާ އެކު ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ އެވެ.

އަދި ކޫޕަން އެޅުމަށް ހިތަދޫގެ ދެ ސަރަހައްދެއްގައި ކޫޕަން އަޅާ ފޮށި ވަނީ ބަހައްޓާފަ އެވެ.

އެގޮތުން "ގްލޯ ފުޑް" އާއި "ސަރުސަން 2" ފިހާރައިގައި ކޫޕަން ފޮށި ހުންނާނެ އެވެ. އެހެން ނަމަވެސް ގްލޯ ފުޑްގައި ބެހެއްޓި ކޫޕަން ފޮށި 26 ގެ ފަހުން ހުންނާނީ ފާސްޓް ފުޑް ހަބްގަ އެވެ.