Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ކީޕަރު ލަބާން ފަސް އަހަރަށް ޖަލަށް

އީގަލްސް ފުޓުބޯޅަ ކުލަބުގެ ކުރީގެ ގޯލު ކީޕަރު އިބްރާހިމް ލަބާންގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކުށް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ލަބާން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު މޭއި 1 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީ އިން ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުން ހިނގައި މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔަ ފުލުހަކު ބިމަށް ވައްޓައި އިތުރު ބަޔަކާއެކު އަނިޔާކޮށް މާރާމާރީ ހިންގުމުގެ ތުހުމަތުގައި އީގަލްސް ގެ ޓްރެއިނިންގ ގައި ހުއްޓައެވެ.

މިއަދު ކްރިމިނަލް ކޯޓުން ލަބާންގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ނިމިފައިވީފަހުންނެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މޭ އެއްވަނަ ދުވަހުގެ ރޭ 10:00 އިން 10:30 އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރަމުންދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގުމައްޗަށް ވައްޓާލައި އަނިޔާކޮށްފައިވާކަމަށާއި މިހާދިސާގައި ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސެއިން އަށް ޓެކުލްކޮށް އޭނާ ވައްޓާލާފައިވަނީ ލަބާން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

މިމައްސަލާގައި ލަބާންގެ އިތުރުން އިތުރު ހަތަރު މީހެއްގެ މައްޗަށްވެސް 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ލަބާން ހައްޔަރު ކުރިއިރު އޭނާ އަކީ އީގަލްސްގެ އެއް ނަންބަރު ކީޕަރެވެ. އަދި އޭނާ ހައްޔަރު ކުރުމާއި ގުޅިގެން އީގަލްސް ވަނީ ކުޅުންތެރިޔާއާއި ޓީމާއި ދެމެދު ހަދާފައިވާ ކޮންޓްރެކްޓު އުވާލާފައެވެ. އީގަލްސްގެ އިތުރުން ލަބާނަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެވެސް ކީޕަރެވެ.