"ޓެޓްސޯ" ގެ ނަމުގައި ފޭދޫގައި އާ ރެސްޓޯރަންޓެއް މިރޭ ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
ފޭދޫ ބޮޑު މަގުގައި "ސީ މީ" ފިހާރަ ހިސާބުގަނޑުގައި ރެސްޓޯރަންޓް ހުޅުވުމާ ގުޅިގެން މިރޭ ވަނީ ދައުވަތު ދީގެން އެތަނުގެ ރަހަތައް ދައްކާލުމުގެ ގޮތުން ހާއްސަ ކެއުމެއް ބާއްވައިފަ އެެވެ.
ޒަމާނީ ފެންވަރަށް ހިތްގައިމުކޮށް އައުޓް ޑޯ އާއި އިންޑޯ ވެސް އެކުލެވޭ ގޮތަށް ހަދާފައިވާ "ޓެޓްސޯ" އަކީ އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓްގެ ޒިންމާދާރު ވެރިއަކަށް ހުންނަވާ މުހައްމަދު ޖަލީލާއި އޭނާގެ ދަނބިދަރިއަކާ ގުޅިގެން ތަރައްގީކޮށް ހިންގާ ރެސްޓޯރަންޓެކެވެ.
ރެސްޓޯރަންޓް ހަދާފައިވާ ގޮތަށް ބަލާ އިރު ހާއްސަކޮށް އެތަނުގެ އިންޑޯގެ އިންޓީރިއާ ވަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެ އެވެ. އެ ބައި ހުންނަނީ ފިނި ވެސް ކޮށްފަ އެވެ.
ޖަލީލްް ވިދާޅުވީ "ޓެޓްސޯ" އަކީ ކަސްޓަމަރުންނާ ވަަރަށް ރައްޓެހިކޮށް، އަދި ކަސްޓަމަރުން ބޭނުންވާ ކަހަލަ ހިދުމަތްތަކެއް އަވަސްކަމާ އެކު ލިބިގެން ދާނެ ތަނެއް ކަމަށެެވެ.
އެގޮތުން ކައިވެނި ޕާޓީތަކާއި އުފަން ދުވަހުގެ ޕާޓީތައް ވެސް އެ ތަނުގައި ބާއްވައި ދޭނެ އެވެ.
"މިތަނަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ހިދުމަތް ހޯދައި ގަނެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ ތަނެއް. އަގުތައް ހުންނާނި އެންމެ އާދައިގެ މީހާގެ އަތްފޯރާ ހިސާބުގައި،" ޖުމްލަ 16 މުވައްޒަފުންނާ އެކު ހިންގާ ރެސްޓޯރަންޓާ ބެހޭ ގޮތުން ޖަލީލް ވިދާޅުވި އެވެ.
މާދަމާ އިން ފެށިގެން ރެސްޓޯރަންޓްގެ ހިދުމަތް އާންމުކޮށް ދޭން ފަށާ އިރު، ހަފުތާއެއް ވަންދެން ރެސްޓޯރަންޓް ހުޅުވާނީ މެންދުރު 12:00 ގަ އެވެ. އަދި ރޭގަނޑު 12:00 ހަމައަށް އަބަދު ވެސް ހުުޅުވާފައި ހުންނާނެ އެވެ.
އޭނާ އަދި ވިދާޅުވީ 10 އަހަރުގެ މުއްދަތަކަށް ކުއްޔަށް ނަގާފައިވާ، ބިމެއްގައި "ޓެޓްސޯ" ހެދީ އަމިއްލަ އިންވެސްޓްމަންޓަކުން ކަމަށެވެ.
ޖަލީލް ވިދާޅުވީ ރަށުގެ ބޮޑު މަގުގައި ރެސްޓޯރަންޓެއް ހުޅުވަން ބޭނުންވި މައިގަނޑު ސަބަބަކީ އާންމުކޮށް ފޭދޫގެ އެފަދަ ތަންތަން ހުންނަނީ ލިންކް ރޯޑްގައި ކަމަށްވާތީ އެވެ.
"ރަށުގެ ބޮޑު މަގެއްގައި މި ކަހަލަ ތަނެއް ހުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަންނޭނގޭ. އެހެންވެ އަސްލު ބޮޑު މަގުން ތަނެއް ހޯދައިގެން މިކަން ކުރީ." އޭނާ ވިދާޅުވި އެވެ.