Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ހިތަދު އާއި ގަމުގައި ފެންވަރު ރަނގަޅު ޖިމެއް ހަދަނީ

ހިތަދު އާއި ގަމުގައި ފެންވަރު ރަނގަޅު ފިޓްނަސް ޖިމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓްރީގެ ޕާމެނަންޓް ސެކްރެޓަރީ އަލީ ޒަކީ "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ހިތަދޫ އަދި ގަމުގައި ޖިމް ހެދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒަކީ ވިދާޅުވީ އެމިނިސްޓްރީން ހިތަދޫ އަދި ގަމުގެ ޖިމަށް ބޭނުންވާ ސާމާން ހޯދުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށް ނާކާމިޔާބް ވެފައިވާ ކަމަށެވެ.

"ހިތަދޫ އަދި ގަމުގެ ޖިމް ނުހުޅި މާ ލަސްވެއްޖެ. މިކަމަށް މާ ބޮޑު ބަހަނާއެއް ދައްކާކަށް ނެތީން، މިހާރު މިވަނީ އަނެއްކާވެސް މިކަން ހާއްސަކަމެއްކަމަށް ބަަލައިގެން މަސައްކަތް ފަށާފައި،" އޭނާ ވިދާޅުވި އެވެ. "މީގެ ކުރިން މަސައްކަތް ކުރަމުން އައީ އެސްޓިއޯ މެދުވެރިކޮށް ޖިމް ސާމާން ގެނައުމަށް. އެކަމެއް ނުވި. ދެމް މިހާރު އޯޕަން ބިޑަކަށް ހުޅުވާލަން މަސައްކަތް ކުރަމުން މި ދަނީ."

ހިތަދޫ ޒުވާނުންގެ މަރުކަޒުގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ ޖިމް ހުއްޓާލުމާއި ގުޅިގެން އެތަން ބޭނުން ކުރަމުން ދިޔަ ޒުވާނުން ދަނީ ޖިމެއް ނެތުމުގެ ޝަކުވާ ކުރަމުންވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ޖިމް ހަދަން. އެކަމަކު ސީދާ ތާރީހެއް ނުބުނާނަން. ހަމަ ޔަގީނުން ވެސް މި އަހަރު ނިމުމުގެ ކުރިން ޖިމް ހުޅުވައި ހިދުމަތް ދޭނަން،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިތަދޫ ޒުވާނުންގެ މަރުކަޒު ބޮޑު ކުރުމުގެ ވިސްނުން ހުރި ކަމަށާއި އެކަމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގައި، މި ވަގުތު ބިލިއާޑް އާއި ބެޑްމިންޓަންގެ އިތުރުން، ޓޭބަލް ޓެނިސް އަދި ޑާޓް އަދި ގާލެންޑޯ ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ޒުވާނުންނަށް ހާއްސަ އިސްކަމެއް ދޭން ވައުދުވި މި ސަރުކާރުން އަންނަނީ ފުޓްސަލް ދަނޑުތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ޒުވާނުންނަށް ހަދައި ދެމުންނެވެ.