Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ނުބެހޭ ކަންތައްތަކާ ބެހުން

ހަރުބަހެއްގައި ކިޔައެވެ. ތިމާޔާ ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުވާށެވެ. މި ހަރުބަސް ދިވެހި ބަހުގެ ރަދީފްގައި ތަފްޞީލުކޮށްދީފައިވަނީ “ތިމާޔާ ނުބެހޭ ކަމެއް ބަޔަކު މީހުން ނުވަތަ މީހަކު ކުރަމުންދާއިރު އެކަމުން ކިތަންމެ ބޮޑު ގެއްލުމެއް ވަމުން ދިޔަޔަސް އެކަމާ ތިމާ ނުބެހުމަށް ނަސޭޙަތްތެރިވުމުގެ ގޮތުން ބުނެ އުޅޭ ބަހެއް” މިހެންނެވެ.

މިއީ އަޅުގަނޑަށް ވަރަށް ގިނައިން ލިބެމުންދާ ނަސޭޙަތެކެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ޤާނޫނުގެ އިޖުރާއަތުން ބޭރުން ޝަރީޢަތެއް ހިންގުމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަރކިއުލަރތަކުން ޤާނޫނު ހަދަމުން ގެންދިއުމަކީ އަޅުގަނޑާ ކޮން ބެހޭކަމެއް ހެއްޔެވެ. އެކަންކަމަށް ފާޑުކިޔައި، ބަޔަކު މީހުންގެ ނަފްރަތަށް ހުށަހެޅިގަންނާންވީ ކީއްވެގެންތޯ، ނަސޭޙަތްދޭ މީހުން ސުވާލުކުރެއެވެ.

ތިމާޔަށް ސީދާ ގޮތުގައި އަސަރު ނުކުރާ ކޮންމެކަމަކީ އެއީ ތިމާޔާ ނުބެހޭ ކަމެއްކަމުގައި ބެލުމަކީ ރަނގަޅު މާނަކުރުމެއްކަމަށް ނުފެނެއެވެ. ދީނީ ގޮތުން އެކަނި ބެލިކަމުގައި ވީނަމަވެސް، ކަމަކީ ތިމާޔާ ސީދާގޮތުން ނުބެހޭ ކަމެއް ނަމަވެސް އެއީ މުންކަރާތެއް ކަމުގައިވާނަމަ އެކަމެއް ނަހީކުރުމަށް ދީން އިރުޝާދުދެއެވެ. އާލުއިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގެ މާނައިގައި އޮންނަނީ

“ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.” މީގެ އިތުރުން ރަސޫލު (ސ) ހަދީޘް ކުރައްވާފައިވެއެވެ. “ތިޔަބައިމީހުންކުރެ މުންކަރާތެއް ފެނިއްޖެ މީހާ އޭނަގެ އަތުން އެކަން ބަދަލު ކުރާށެވެ! އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ އެމީހެއްގެ ދުލުން އެކަން މަނާކުރާށެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ ހިތުން އެކަމާއި އިންކާރު ކުރާށެވެ. (އެކަމާއި ނަފުރަތުވެ، އެކަމާއި ދުރުހެލިވާށެވެ.) އެއީ އީމާންކަމުގެ އެއްމެ ޟަޢީފު މިންވަރެވެ.”

ދިވެހިރާއްޖޭގައި ފަހުން މިފެށުނު ސިޔާސީ ހަލަބޮލިކަން ފެށުނު ހިސާބަށް ވިސްނުން ގެންދަވާށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް އިން ކާމިޔާބު ކުރުމާ ގުޅިގެން އެމް.ޑީ.ޕީ އިން ފިޔަވަޅެއް ފަހަތަށް ޖެހިލައި، ވަނދު ގޮތަކަށް އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަމުން ގެންދިޔައެވެ. ނޫސް ބަޔާންތަކަކާއި، ޓްވީޓްތަކެވެ. އަނިޔާވެރިވުމަށް ސަރުކާރަށް ޖާގަލިބުނީ އަނިޔާވެރިކަން ހުއްޓުވާ ދޫތައް ހިމޭންވުމުން ކަމުގައި ބުނުމުގެ ޖާގަ އެބައޮތެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް ފެށުނީ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ކާނަލް ނާޒިމް ހައްޔަރުކުރެވުމާ ގުޅިގެން އޭނާގެ ދިފާޢުގައެވެ. ސަރުކާރާ ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާ ގޮވައިގެން އެމް.ޑީ.ޕީ ގެ ރައީސް މުޙައްމަދު ނަޝީދު އެކަމާ ބެހިވަޑައިގަތީ ކީއްވެގެންތޯ ވިސްނަވާށެވެ. ކާނަލް ނާޒިމު ޖަލުގައި ކިތަންމެ ދުވަހެއް ހޭދަކުރިޔަސް މިއިން ބޭފުޅަކަށް ކުރާނޭ ކުޑަވެސް އަސަރެއް ނެތެވެ. އެހެންނަމަވެސް، ކާނަލް ނާޒިމްއާމެދު އިންސާފުވެރިވުމަށް ގޮވާލައި ސިޔާސީ އިދިކޮޅު ހަރަކާތެއް އުފެއްދީ މިބޭފުޅުންގެ ހިތްވަރުންނެވެ.

ކާނަލް ނާޒިމް މިނިވަންކުރުމަށް ގޮވާލުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިން އުފުލައި، ދޫކޮށްލެވިފައި އޮތް ދަޢުވާއެއް އެއަށްވުރެ ނުރައްކާތެރި ސިފައެއްގައި އަލުން އުފުލައި، އެމަނިކުފާނު ޖަލަށް ލުމަށް ޙުކުމް ކުރެވުނެވެ. ޝައިޚް އިމްރާން އަނިޔާވެރިކަމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅަކީ ޓެރަރިޒަމްގެ ޢަމަލެއްކަމަށްވެގެން އެމަނިކުފާނުވެސް ޖަލަށްލުމަށް ޙުކުމް ކުރެވުނެވެ. ޝައިޚް އިމްރާންއަކީ ސަރުކާރުގެ ރަސްމީ މަޤާމެއްގައި ހުރި ބޭފުޅެއް ނޫންނަމަވެސް ސަރުކާރުގެ ތެރޭގައި ނުފޫޒާއި ބާރު އޮތް ބޭފުޅެކެވެ. ކާނަލް ނާޒިމްގެ މައްސަލައިގައި އިދިކޮޅު ބަސް ވިދާޅުނުވެ ހުންނެވިނަމަ ސަރުކާރުން ޝައިޚް ވިދާޅުވާ ދުނިޔެވީ ކޮންމެ ކަމެެއް ފަހިކުރަމުން ދިޔައީސްކަން ކަށަވަރެވެ. އެހެންނަމަވެސް ޝައިޚް އިޚްތިޔާރުކުރެއްވީ ނުޙައްޤުން އަދަބު ލިބުނު ނަމަވެސް ގޯސްކަންތައް ގޯހޭ ފާޅުގައި ވިދާޅުވުމަށެވެ.

“ނުބެހޭ ކަންތައްތަކާ ބެހިގެން” އެކަމުގެ ގެއްލުން ތަޙައްމަލުކުރަމުންދާ މިކަހަލަ ކިތަންމެ ޝަޚްސިއްޔަތުތަކެއް މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެބައުޅެވެ. ސަރުކާރާ އިދިކޮޅު ފިކުރުގެ ޢާއިލާއަކަށް ނިސްބަތްވީތީ ވަޒީފާ ނުލިބިފައިތިބި މީހުންނާއި، އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕޭނަށް ޚަރަދުކުރީތީ ސަރުކާރުގެ ތެރެއިން ޕްރޮޖެކްޓް ނުލިބޭ މީހުންނާއި، އިސްލާޙްކުރުމުގައި ނިޔަތުގައި ފާޑުކީތީ ފިއްތާލެވިފައި ނުވަތަ ދަޢުވާ އުފުލިފައިވާ ނޫސްވެރިންނާ، ޖުޑިޝަރީއާ ދެކޮޅަށް ވާހަކަ ދައްކާތީ ކޯޓުތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ކުރިމަތީލާންޖެހޭ ވަކީލުންނެވެ. މިއެންމެންނަކީވެސް ނުބެހޭ ކަންތައްތަކާ ބެހިގެން ގެއްލުން ތަޙައްމަލުކުރަމުން ގެންދާ މީހުންނެވެ.

ކަންމިހެންހުރިއިރު، އަޅާފާނޭ ފިޔަވަޅަކަށް ނުވަތަ ނަތީޖާއަށް ވިސްނައި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ފެންނަ އިސްލާޙްކުރަންޖެހޭ ކަންކަމާއި، ފާޅުގައި ހިންގަމުން ގެންދާ ޖަރީމާތަކާމެދު އެއްޗެއް ނުބުނެ ހިމޭނުން ހުންނާނޭ މީހަކަށް އަޅުގަނޑެއް ނުވާނަމެވެ. ކުރުކޮށް ދަންނަވާނަމަ؛ “ޙުކުމެއް ކޮށްފާނޭކަމުގެ ބިރަށް ސަނާކިޔާނީ ކިހިނަކުން ހެއްޔެވެ؟