Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 21، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"މިހާރު ކަލަ ވެސް ގޮވަނީ ތަ؟" އުނައިސް ވަރަށް ހިތުގައި ޖެހުނެވެ.

"ބަލަ އެ ދުވަހު މަގޭ ބައްޕަ ވެސް ދެކޮޅު ހެދިޔޭ. އެކަމަކު މަ އެގުޅުން ކަނޑާލަފައޭ އުނައިސް އާ ގުޅުނީ. މި ގުޅުން ކަނޑަން ބަޔަކު އުޅޭތީ މަ ދެރަވަނީ. މަގޭ ނަފުސް މަ ވަނީ ލޯތްބަށްޓަކާ ގުރުބާންކޮށްފަ. އެކަމަކު މިއަދު މީނަ މި އުޅެނީ ފަރުޟާ ސުންނަތް ހަނދާންވެގެން. ރަނގަޅުތާ އެވަރު. މައެކަނި ކޮށްފަ ދުރުކޮށް މިއަދު އެ މީހުން މާ ގާތް ވެއްޖެ."

"އަހަރެން ކޮން އިރަކުތަ ހީނާ އެކަނި ކޮށްލަން އުޅުނީ. އެހެން ނޫނަސް ހީނާ ވެސް ތީ މިއަދު އެ ގޭގެ ދަރިއެއްނު. އެ މީހުން ވެސް ހީނާ އާ ހާދަ ވަރެއް ހުރެޔޭ. އެ މީހުން ހީނާގެ ވާހަކަ އަބަދު ދައްކާ."

"މަގޭވާހަކަ ދައްކާނެ ކަމެއް ނެތް. މަ އެމީހުންނަށް ނަފްރަތު ކުރަން." ހީނާ ދުރަށް ހިނގައިގަންނަމުން ބުނެލި އެވެ.

"ބަލަ އެ މީހުން ހީނާ އަށް ނަފްރަތު ނުކުރާ އިރު ހީނާ ކީއްވެ ތި ގޮތަށް ތި ވިސްނަނީ؟"

"އަހަންނަށް އުނައިސްގެ ލޯބި ބައިބަޔަށް ބަހާ ނުލެވެނެތީ. ތިޔަ ލޯބީގެ ހަމައެކަނި ހައްގުވެރިޔަކީ އަހަރެން." ހިީނާ އޭނާގެ އެންމެ ފަހުގެ ނިޔާ އިއްވި ކަހަލަ އެވެ. އެ ރޭ ވެސް އެ މީހުން ނިދީ އެނދުގެ ދެ ފަރާތަށް އެނބުރި ތިބެ އެވެ.
ހެނދުނު އުނައިސް ތައްޔާރުވެގެން ކާ ގެއަށް އައި އިރު ހީނާ ސައި ތައްޔާރު ކުރަނީ އެވެ.

"ކޮންތާކަށް؟"

"މަންމަ މެންގެއަށް." އުނައިސް ކުރު ޖަވާބެެއް ދިނުމަށް ފަހު ސައި ބޯން އިށީނެވެ. ހީނާ ހިމޭންކަމާ އެކު ތަށިތައް އުނައިސް އާ ކައިރިކޮށްލި އެވެ.

"މިއަދު އަހަރެން އެކަނިކޮށްފަ ނުދޭ."

"ނޫނޭ ކޮންމެހެން ވެސް މިއަދު ލޯޔަރާއެކު ބައްދަލުވުމެެއް އެބައޮތް. އަހަރެން ދިޔުން މަޖްބޫރު."

"ތިހެން ވެއްޖެއްޔާ ކަލެއަށް ޖެހޭނީ މިއަދު ގޮތެއް ނިންމަން. އެ މީހުން ވެއްޖެއްޔާ އެ މީހުން. އަހަރެންވެއްޖެއްޔާ އަހަރެން. މިއަދު ގޮތެއް ނިންމާ."

"އަޅެ ހީނާ ރޭގަ ވެސް ތި ޒުވާބު. އަނެއްކާ އިރު ނާރާނީސް ހަމަ ފެށީއޭ. ހިނގާ އަހަރެންނާ އެކު އެ ގެއަށް. މިއަދު އެއްވެސް ގުޅުމެއް އަހަރެންނަށް ކަނޑާނުލެވޭނެ. އެވެސް އަހަރެންގެ މީހުން ތި ވެސް އަހަރެންގެ މީހެއް. އަހަރެން ކާރުގަ ބޭރުގަ އިންނާނަން ގޮތެެއް ނިންމާނީ ހީީނާ. އަހަރެންނާ އެކު އެގެއަށް ހިނގާ ދާން." އުނައިސް މިހެން ބުނެލާފައި ގޮސް ބޭރު ދޮރު ކައިރީ މަޑުކޮށްލި އެވެ. އެވަގުތު ސިޓިންރޫމްގައި ހުރި ފޯނުން ހީނާ އޭނާގެ ބައްޕަ އަށް ގުޅާލި އެވެ.

"ބައްޕާ….ބައްޕަގެ ހީނާއަށް މާފުކުރޭ. އަދި ހީނާ މި ގެއިން ގެންދަން އާދޭ. އެއްގޮތަކަށް ވެސް މިތާކު އުޅޭކަށް ބޭނުމެއް ނޫން."

އުނައިސް އަވަހަށް ދިޔައީ އެވެ. ހީނާ އޭރު ވެސް ރޮމުން އޭނާގެ ބައްޕަ ކައިރީ ޝަކުވާކު ރަމުން ދިޔައެވެ.

އުނައިސް ގެއަށް ވަނުމާ އެކު ތާނިޔާ ދުވެފައި ބޭރަށް ނިކުތެވެ.

"ބަލަ ކޮބާ ފަހަރި…" ތާނީޔާ މާޔޫސްވެފައި އެހި އެވެ. "ހީނާ ނައީ ކީއްވެ؟"

ވަހީދާ ވެސް އުނައިސް އާ ދިމާއަށް ބަލާލި އެވެ. އުނައިސް ހީނާ އާއި އޭނާގެ މައްސަލަ މަންމަމެން ކައިރީ ކިޔައެއް ނުދެ އެވެ.

"ހީނާ ލަދުން ނައީ" އުނައިސް ހިތި ގޮތަކަށް ހިނިތުންވެލި އެވެ.

"ލަދުންނޭ އެ ކިހިނެއްވީ؟" ވަހީދާ އުނައިސް އާ ކައިރި ވެލަމުން އަހާލި އެވެ.

"މަންމާ…މަންމަ މާމައަކަށް ވަނީނު. މި އައީ ބައްޕަ މެންގެއަށް އޭނާ ލާފަ." އުފާވެރި އަޑަކުން އުނައިސް ބުނެލި އެވެ.

"ނާހަމަ ރަނގަޅަށް ކިތައް މަސް؟" ވަހީދާ އުފަލުން މޫނު އުޖާލާވެގެން ދިޔަ އެވެ. ދުރުގައި ގޮޑީގައި އިން ޔޫނުސް ވެސް ހިނިތުންވެލި އެވެ.

"ކޮބާ އަޑު އިވިއްޖެތަ؟ އަހަރެން މާމައަކަށް ވަނީ އަދި ޔޫނުސް ކާފައަކަށް. ވާހް އުފާވެރި ކަމުގެ ކޮޅެއް ވެސް ނެތް. އަމުދުން މިފަދަ ދަނޑިވަލެެއްގަ ހީނާ އަހަރެމެންގެ ގެ އުފަލުން ފުރާލަ ދީފި. ދަރިފުޅާ އަވަހަށް ގުޅާ ހީނާ އަށް." ވަހީދާ އެއްތާކު ހިމޭނެއް ނުވެ އެވެ.
ޔޫނުސް ކައިރިން ދުވަމުން އުނައިސް އާ ދިމާލަށް އަ އެވެ. އަދި ތާނިޔާ އާއި ދެ މީހުން އަތުގައި ހިފއިގެން މަޖާ ކުރި އެވެ.

"މަންމާ…މަޑުކޮށްބަލަ. އަދި ގުޅިދާނެއެއްނު."

"ދެން މިހާރު ކިތައް މަސްތަ؟ ޑޮކްޓަރަށް ދައްކައިފިންތަ؟" ތާނިޔާ އެހި އެވެ.

"އަދިވީ ހަތަރު މަސް."

"އަޅެ ތިހާ އުފާވެރި ޙަބަރެއް ބުނަން މިހާ ލަސްކުރީ ކީއްވެ؟" ވަހީދާ އެހި އެވެ.

"އަދި ހަމަޔަކަށް އެޅުނީމަނު އެހެން ވާހަކައެއް ދެއްކޭނީ." މިހެން ބުނެފައި އުނައިސް އޮފީހަށް ވަނެވެ. ލޯޔަރާއި ބައްޕަ ވެސް އޭނާގެ އިންތިޒާރުގަ ތިއްބެވެ.

(ނުނިމޭ)