Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ޒަހަމްވި ބިދޭސީން ފަރުވާ އަށް ފަހު ދޫކޮށްލައިފި

ރޭ ފޭދޫގައި ބަޔަކު ހިންގި މާރާމާރީއެއްގައި ޒަހަމްވި ބިދޭސީންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ރޭ 11:45 އެހާކަށްހާ އިރު ހިނގި މި ހާދިސާގައި އަށް ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ވެފައިވެ އެވެ. އެ އެންމެންނަށް ފެދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ބައެއް މީހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވެސް ފޮނުވި އެވެ.

އެހެން ނަމަވެސް އަނިޔާވި ހުރިހާ އެންމެން ފަރުވާ އަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ބިދޭސީންތަކަކަށް ބަޔަކު ހަމަލާ ދީފައި ވަނީ އެ މީހުން ގޭގައި ނިދާފައި ތިއްބައި ގްރޫޕް ހަދައިގެން ވަން ބައެކެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީންނަށް ފޭދޫގެ ޒުވާން ގްރޫޕަކުން ހަމަލާ ދިނީ މީގެ ދުވަސްކޮޅެއް ކުރިން އެ ބިދޭސީން މަސައްކަތް ކުރާ ވަޑާން ގެއިން ވައްކަން ކުރި ޒުވާނަކަށް ބިދޭސީން ހަމަލާ ދިނުމުގެ ސަބަބުންނެވެ.

ރޭ ޒަހަމްވި ބިދޭސީންނަކީ ފޭދޫ ފަހާގޭ އާއިލާ އިން ހިންގާ "އޯޕީއެޗް" ކުންފުނީގައި މަސައްކަތް ކުރާ މީހުންނެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރޭ ހިނގި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަދި ބިދޭސީންނަށް ހަމަލާ ދިން ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން އަންނަނީ ކުރަމުންނެވެ.