Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

އައްޑޫގައި "ސީ ހައުސް" ކެފޭއެއް ހުޅުވަނީ

އައްޑޫގައި ހުޅުވަން ތައްޔާރު ވަމުން އަންނަ ސީހައުސް އައްޑޫގެ ފޮޓޯއެއް. ފޮޓޯ: ފަސީ/ސީ ހައުސް

ދިވެހިންގެ ވަރަށް ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ "ސީ ހައުސް" ހޮޓެލް އެންޑް ރެސޯޓުގެ ފަރާތުން އައްޑޫގައި ކެފޭއެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެގްރޫޕުން ބުނެފިއެވެ.

"ސީ ހައުސް"ގެ ފަރާތުން އައްޑޫގައި ގާއިމް ކުރާ ކެފޭ ހަދަމުންދަނީ ފޭދޫ ބަނދަރު ސަރަހައްދުގައި ހުންނަ ސިޓީ ފިއުލް، ތެޔޮ ޕޮއިންޓް ކުރިމަތީގައި ހުންނަ "ކެރީބިއަން" ގޭގައެވެ.

ވަރަށް ފުރިހަމަ ޑިޒައިނިން އާއި އެކު ހަދާފައިވާ، މި އިމާރާތުގައި ހުޅުވާ ސީ ހައުސް ކެފޭ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ހުޅުވޭ ވަރު ވާނެކަމަށް ސީ ހައުސް ގްރޫޕްގެ ސީއީއޯ ފަސީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ ކުރިއަށް އޮތް ދެހަފްތާ ތެރޭ ތަން ހުޅުވޭނެ ކަމަށް، މިހާރު ކުރިއަށް މިގެންދަނީ އެންމެ ފަހުގެ ފިނިޝިން މަސައްކަތް"

އައްޑޫގައި ހުޅުވަން ތައްޔާރު ވަމުން އަންނަ ސީހައުސް އައްޑޫގެ ފޮޓޯއެއް. ފޮޓޯ: ފަސީ/ސީ ހައުސް
އައްޑޫގައި ހުޅުވަން ތައްޔާރު ވަމުން އަންނަ ސީހައުސް އައްޑޫގެ ފޮޓޯއެއް. ފޮޓޯ: ފަސީ/ސީ ހައުސް

ފަސީ ވިދާޅުވީ، ސީ ހައުސް ކެފޭއިން މާލެއިން ލިބެން ހުރި ހުރިހާ ކެއުމަކާއި، ކޮފީ ލިބެން ހުންނާނެކަމަށެވެ.

"އަޅުގަނޑު މެންގެ އައްޑޫ ތަނުގެ މެނޫގައި ހިމެނޭނެ މާލޭގެ އަޅުގަނޑުމެންގެ މެނޫއިން ލިބެން ހުންނަ ހުރިހާ ކެއުމެއް، މީގެ އިތުރުން އައްޑޫގެ އެހެން ރެސްޓޯރެންޓް ތަކުގެ މެނޫގައި ނުހިމެނޭ ވަރަށް ގިނަ ބާވަތްތައް އަޅުގަނޑުމެންގެ މަނޫގައި ހުންނާނެ، ހާއްސަ ކޮށް ތަފާތު ވައްތަރުގެ ކޮފީތައް"

ދިވެހި ގިނަ ޒުވާނުންގެ މަގްބޫލްކަން ލިބިފައިވާ ސީ ހައުސް އައްޑޫ ކެފޭގައި ހިދްމަތް ދިނުމަށް ހީވާގި، އައްޑޫ ޒުވާނުން ހޯދުމުގެ މަސައްކަތް އެގްރޫޕުން ކުރިައށް ގެންދާކަމަށް ފަސީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ މިތަން ހުޅުވަންވާއިރަށް ތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރަމުން، ވަރަށް އަވަހަށް އޯޕަންޑޭ އެއް ހުޅުވާލާނަން"

ފަސީ ވިދާޅުވީ އައްޑޫން ސީ ހައުސްއަށް ބޮޑު ތަރްހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ތަނުގެ މުވައްޒަފުންގެ ގޮތުގައި އައްޑޫ ޒުވާނުންނަށް ހާއްސަ އިސްކަމެއް ދޭނެކަމަށެވެ. އަދި ރަހަ އާއި ކޮލެޓީ ސީ ހައުސްގެ ސްޓޭންޑާޑްގައި އަބަދުވެސް ލިބެން ހުންނާނެ ކަމަށެވެ.