Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކަލާސްގެ ރަންވަނަ ޝަރަފުއްދީންގެ ޝަހުދާންއަށް!

ނެސްލޭ ކަލާސް އެވޯޑުގެ ރަންވަނަ ޝަރަފުއްދީން ސްކޫލްގެ ހުސެއިން ޝަހުދާން ފަހުމީއަށް ލިބިއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ކަލާސް އެވޯޑުގައި ޝަހުދާންއަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ރައީސުލް ޖުމްހުރިއްޔާ ހުޅަހަޅާ އިނާމް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

މިދިޔަ އަހަރުގެ ކުޅިވަރުގެ ރޮނގުން އެންމެ މޮޅު ދަރިވަރަކަށް ޝަހުދާން ހޮވުނީ އެޑިއުކޭޝަނުން އެކުލަވާލި ހާއްސަ ޓެކްނިކަލް ޓީމަކުން، ޖަޖް ކުރުމަށްފަހުއެވެ.

ޝަހުދާން ވަނީީ މިދިޔަ އަހަރު އެތުލެޓިކްސްއިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޝަހުދާންވަނީ ހަތްވަނަ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމާއި، އެ މުބާރާތުގެ 100 މީޓަރު ދުރުވުމުން އެއްވަނަ އާއި، 18 ވަނަ އެޓޯލް އިންޓާ ސްކޫލް އެތުލެޓިކް މީޓްގެ އެންމެ މޮޅު އެތުލީޓުގެ މަގާމާއި، އެ މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ އާއި އެ މުބާރާތުގެ 200 މީޓަރު ދުވުމުގެ އެއްވަނަ ހޯދާފައި ވެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އޭނާ ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތްތަކުން ވެސް ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.

އެގޮތުން އޭޝިއަން ޔޫތު ގޭމްސްގެ 100 މީޓަރު ދުވުމުގެ ހީޓު ދޭއްގެ ފަސްވަނަ އާއި، އެ މުބާރާތުގެ 200 މީޓަރު ދުވުމުގެ ހީޓް ތިނެއްގެ ތިންވަނަ އާއި، އެ މުބާރާތުގެ ސެމީ ފައިނަލަށް ކޮލިފައިވުމާއި، އެ މުބާރާތުގެ ސެމީ ފައިނަލުގެ ހަވަނަ އަދި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ހީޓް ދޭއްގެ ފަސްވަނަ ހޯދައިފަ އެވެ.

މިދިޔަ އަހަރު ކުޅިވަރު ރޮނގުން އެންމެ މޮޅު ދަރިވަރުގެ މަގާމުގެ އިތުރުން އެތުލެޓިކްސްއިން 18 އަހަރުން ދަށުގެ އެއްވަނަ އަދި އެތުލެޓިކްސްގެ ސްޕެޝަލް އެވޯޑް ވެސް ލިބުނީ އޭނާއަށެވެ.

މި މަހު ނަންޖިންގައި ބާއްވާ އެތުލެޓިކްސް އިވެންޓްގައި ރާއްޖެއިން ވާދަކުރާ އެތުލީޓަކީ ޝަހުދާން ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.