Last Updated: April 23, 21:11
Tuesday, April 23, 2024
ރިޕޯޓް

އައްޑޫ ދަރުބާރުގެ ވީރާނާ! މާލެ ދަރުބާރުގެ މަރާމާތު!

ހިތަދޫ ކޮންވެންޝަން ސެންޓަރުގެ ބޭރު ގޭޓް ވެއްޓިފައި. ތަން ބަލަހައްޓާކަށް ހައުސިން މިނިސްޓްރީން މަސައްކަތެއް ނުކުރޭ. ފޮޓޯ: އައްޑޫލައިވް

ދިވެހި ދައުލަތުން ބޮޑު ހަރަދެއްކޮށް ހިތަދޫގައި ގާއިމްކޮށްފައިވާ ކޮންވެންޝަން ސެންޓަރު ނުބެލެހެއްޓި ވީރާނާވާ ވާހަކަ ދައްކަ ދައްކާ ތިއްބާ މާލޭ ދަރުބާރުގެ އެތައް މިލިއަން ހަރަދުކޮށް އަލުން ހުޅުވައިފިއެވެ.

ހައުސިން މިނިސްޓްރީން ކޯޓަށް ގޮސް، މާލެ ސިޓީ ކައުންސިލުން، މާލެ ދަރުބާރުގެ އަތުލުމަށްފަހު އެތަނަށް ވަނީ ބޮޑެތި މަރާމާތުތަކެއް ކޮށްފައެވެ. މިވީ މުއްދަތުގެ ތެރޭގައި އައްޑޫގައި ހުރި ކޮންވެންޝަން ސެންޓަރުގައި ސަރުކާރުން އިނގިލި ޖައްސާލާފައިވެސް ނުވެއެވެ.

އީސީސީ ސެކިއުރިޓީ ކުރާ ސިފައިން ތިބޭ ތަނުގެ އޭސީ އައުޓް ޔުނިޓް
އީސީސީ ސެކިއުރިޓީ ކުރާ ސިފައިން ތިބޭ ތަނުގެ އޭސީ އައުޓް ޔުނިޓް

މާލެ އާއި އަތޮޅުތެރެ ތަފާތު ކުރާ ވާހަކަ ދައްކަނީ މިހެންވެއެވެ. ކޮންމެ ސަރުކާރުން އިމާރާތް ކުރި ނަމަވެސް، ހިތަދޫގައި ބިނާ ކުރި ކޮންމެވެންޝަން ސެންޓަރަކީ ދައުލަތުގެ ބިނާއެކެވެ. ރައްޔިތުންގެ މިލްކެކެވެ. އެފަދަ ތަންތަން ބަލަހައްޓަން ރައްޔިތުން މިދަނީ ދައުލަތަށް ޓެކްސް ދައްކަމުންނެވެ.

ކޮންވެންޝަން ސެންޓަރު ވީރާނާވާން ދޫކޮށްލި މައްސަލާގައި، ހައުސިން މިނިސްޓަރު މަޖްލިސްެއަށް ހާޒިރުކޮށް ސުވާލުކުރަން މަސައްކަތް ކުރުމުން މިހާރު ވެރިކަން ކުރަމުން އަންނަ ޕީޕީއެމްއިން ވަނީ މަޖްލިސް ތެރެ ހަލަބޮލިކޮށްފައެވެ. އަދި ވަޒީރާއި ސުވާލު ކުރުމަށް އޮތް ފުރުސަތު ގެއްލުވާލާފައެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު، ބޭނުންވެގެން މިނިސްޓަރާއި ސުވާލު ކުރަން އުޅުމުން އެފުރުސަތު ވެރިކަން ކުރާ ޕާޓީގެ މެމްބަރުން ގެއްލުވާލީ ކީއްވެތޯއެވެ. ދުރާލާ ތައްޔާރުވާން ފުރުސަތު ދިނުމަށްފަހު ވަޒީރު މަޖްލިސްއަށް ހާޒިރު ކުރުމުންވެސް ކޮންވެންޝަން ސެންޓަރުގެ މައްސަލައަށް ވާހަކަ ނުދެއްކީ ކީއްވެތޯއެވެ. މިހިރީ ހައްތާވެސް ސަރުކާރުން އައްޑޫގެ ތަރައްޤީއަށް "ތަސައްވުރެއް" ނެތްކަން ދޭހަވެގެންދާ ކަންކަމެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު، އައި ވަހީދުގެ ސަރުކާރާއި، މި ސަރުކާރުގެވެސް ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އައްޑޫގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކުރައްވާ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި، މާލެ އާއި މާލެ ކައިރި ސަރަހައްދު ތަރައްްޤީ ކުރުމަށް "ގްރޭޓަ މާލެ" ހެދުމާއި، ހުޅުމާލެ ބިން ހިއްކުމާއި، މާލެ ދަރުބާރުގެ ޒަމާނީ ފެންވަރަށް ހެދުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

އީސީސީ ވީރާނާވެ، ތަން ބާ ދަގަޑަށްވާން ސަރުކާރުން ދޫކޮށްލައިގެން ތިބީ، އެތަން ތަރައްޤީ ނުކުރަން ވެގެންނެވެ. ނުވެގެން ނޫންކަން މާލެ ދަރުބާރުގެއަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި 5 މިލިއަން ހަރަދުކޮށްލުމުން އެގިގެންދެއެވެ.

ކޮންވެންޝަން ސެންޓަރުގެ މައްސަލާގައި މީގެ ކުރިން ޑިފެންސް މިނިސްޓަރ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމް ވިދާޅުވީ، އެތަން އައްޑޫ ސިޓީ ކައުންސިލާއި ހަވާލު ކުރުމަށް ސަރުކާރުގައި ދަންނަވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ހަމަޖެއްސުމަށް މަަސައްކަތް ކުރައްވާނެކަމަށެވެ.

ކޮންވެންޝަން ސެންޓަރު ކައުންސިލާއި، ހަވާލު ކުރުމުގެ ވާހަކަ ދެއްކިއިރު 2011، ނޮވެމްބަރު މަހު އެތަނުގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ފަހު އެތަނުގެ ކަރަންޓް ބިލަށް ސަރުކާރުން އެންމެ ފައިސާއެއްވެސް ދައްކާފައި ނުވެއެވެ.

އެންމެ ފަހުން ފެނަކަ އިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން، އެތަނުގެ ކަރަންޓް ބިލަށް އެކަނިވެސް 7.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހެއެވެ. އަދި އެފައިސާ ނުލިބޭ ކަމަށް ފެނަކައިން ވާހަކަ ދައްކާއިރު މާލޭގައި ފެނަކަ މައި އޮފީސް ހުރެގެން، މާލޭގައި ހައުސިން މިނިސްޓްރީ ހުރެ، ސަރުކާރުން ސަރުކާރަށް ފައިސާ ނުހޯދެންޖެހޭ ސަބަބެއް ނެތެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ހިތަދޫގައި ހުރެ ވީރާނާވެގެން މިދަނީ ދިވެހި ރައްޔިތުންގެ ބިނާއެކެވެ. އެތަން ވީރާނާވާން ދޫކޮށްލުމަކީ ސަރުކާރުން ރައްޔިތުންނަށް ވެވޭ ހިޔާނާތެކެވެ. އެކަމަކީ ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫނެވެ.