Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

އެމްވީކޭ އެގްރިމެންޓް ބާތިލްނުކޮށްގެން އުޅެނީ ކީއްވެ؟

ނިމިގެން ދިޔަ ބުރާސްފަތި ދުވަހު މުޅިވެސް މީޑިއާގެ ފަލަ ސުރުހީ ތަކުން ފެނިގެން ދިޔައީ، މަޝްހޫރު ވިޔަފާރި ވެރިއާ އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ދިގު މުއްދަތައް ސަރުކާރުން ދޫކޮށްފައިވާ ތަންތަން ނަގަމުން ދިޔަ ވާހަކައެވެ.

އެންމެ ފުރަތަމަ ކަޑެއްދޫ އެއާޕޯޓްގެ އެގްރިމެންޓް ބާޠިލްކޮށް އެތަން ސަރުކާރަށް ނެގިއެވެ. އޭގެ ފަހުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބަރެސްދޫގެ އެގްރިމެންޓް ބާޠިލްކޮށް އެތަން ސަރުކާރަށް ނެގިއެވެ. އަދި ހަވީރުވާން އުޅެނިކޮށް ގދ. ހޯޑެއްދޫން ގާސިމްއަށް މަސް ފެކްޓަރީ އަޅަން ހަވާލުކުރި ބިން 30 ދުވަހުގެ ތެރޭގައި މަސައްކަތް ނުފަށައިފި ނަމަ ނަގާނެ ކަމުގެ އިންޒާރު ދިނެވެ.

އޭގެ ފަހުން ރައީސް ޔާމީން ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާގައި ވިދާޅުވީ، ސަރުކާރުން އެގްރިމެންޓް ބާޠިލް ކުރުމުގައި ގާސިމްއަކަށް ނުވަތަ އެހެން މީހަކަށް ނުބަލާނެ ކަމަށެވެ. އެގްރިމެންޓާއި ހިލާފްވާ ފަރާތްތަކުގެ އެގްރިމެންޓް ބާޠިލްކޮށް ސަރުކާރަށް ނަގާނެކަމަށެވެ.
DSC_5693

އައްޑޫގެ އެއްގަމާއި، ކަނޑު ދަތުރުފަތުރު ކުރުމަށް ޝަރުޠުކޮށް ގަމުގައި ސަރުކާރުން ކުރިން ހިންގަމުން ދިޔަ ގެސްޓް ހައުސް "ދޫގަސް" ވަނީ އެމްވީކޭ ކުންފުންޏަށް 50 އަހރުގެ މުއްދަތަކަށް ކުއްޔަށްދީފައެވެ.

އެވްވީކޭއިން ފާއިތުވެ ދިޔަ މުއްދަތުގައި، އައްޑޫގެ ދަތުރުފަތުރުގެ ހިދްމަތް އެދެވޭ ފެންވަރެއްގައި ފޯރުކޮށް ނުދެެވޭ ކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ސަމާލްކަމަށް ގެނެސްފިއެވެ.

އެމްވީކޭގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައާއި، ދަތުރުފަތުރު ކުރުމަށް ހަލާކުވެ، ވީރާނާވެފައިވާ އުނޅަދު ބޭނުން ކުރުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގައި ބޭނުން ކުރާ ވެހިކަލް ތަކުގެ އަހަރީ ފީ ނެތި ދުއްވާ މައްސަލަ އެތައް ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީ އާއި މިނިސްޓަރުގެ ސަމާލުކަމަށް ވަނީ ގެނެވިފައެވެ. ނަމަވެސް އެވާހަކަ ތަކަށް ސަރުކާރުން ދެނީ "ބީރު" ކަންފަތެވެ.
DSC_5700

ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަރި އަނީސް ވިދާޅުވީ އެމްވީކޭގެ ވެރިން މިނިސްޓްރީއަށް ހާޒިރުކޮށްގެން ވެސް ދަތުރުފަތުރުގެ ކަންކަން ހައްލު ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އަދި ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލައި، އެމިނިސްޓްރީ އިކޮނޮމިކް މިނިސްޓްރީގެ ދަށައް ބަދަލު ކުރުމަށް ފަހު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެމްވީކޭގެ އިސްވެރިންނަށް ގުޅައި މަޝްވަރާ ކުރިކަމަށް "އައްޑޫލައިވް"އަށް ވިދާޅުވިއެވެ.

އެގްރިމެންޓަކާއި ބަޔަކު ހިލާފްވާނެ އެންމެ ފުރިހަމައަށް އެމްވީކޭއިން ވަނީ އެގްރިމެންޓާއި ހިލާފްވެފައެވެ. އެކަމަކު ސަރުކާރަކުން އެމްވީކޭއާއި މެދު ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތްކަން މުހައްމަދު ސައީދުގެ ވާހަކަފުޅު ތަކުން ވަނީ އެނގިފައެވެ.

ޔާމީން ރާއްޖޭގެ ރައީސަކަށް ގެނައުމަށް އެތައް މަސައްކަތެއް ކުރެއްވި ގާސިމް އިބްރާހިމްއަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ ތަން ތަން އެގްރިމެންޓާއި ހިލާފްވީކަމަށް ބުނެ ނެގުން ސިޔާސީ ވަނީ މިހެންވެއެވެ. ގާސިމްއަށް ނިކަމެތިކަން ދޭން މިގޮތަށް ސަރުކާރުން ނިންމަވާއިރު، މިފަދަ އެތައް އެގްރިމެންޓަކާއި އެތައް ބަޔަކު ވަނީ ހިލާފް ވެފައެވެ.

"ގައުމީ ބަޠަލުގެ" ތާޖް ޔާމީން ގާސިމްގެ ބޮލުގައި އެޅުވި އިރު އެމްވީކޭ ޝަފީގް އަކީވެސް ޔާމީން ރާއްޖޭގެ ވެރިއަކަށް ގެނައުމަށް ހަރަދުކޮށް އަމިއްލައަށް "ބަނގުރޫޓް" ވެފައިވާ މީހެކެވެ.

އެމްވީކޭގެ އެގްރިމެންޓް ބާޠިލް ކުރުމަށް ސަރުކާރުގެ ވިސްނުން ނެތީ އައްޑޫ އާއި މެދު ރައީސް ޔާމީން ގެންގުޅުއްވާ "ވީރާނާ" ކޮށްލުމުގެ ސިޔާސަތުން ކަން ގަބޫލް ކުރަންޖެހެއެވެ. އެހެން ނޫންނަމަ ގާސިމްގެ އެގްރިމެންޓް ބާޠިލް ކުރި ފަދައިން ދޫގަސް އެމްވީކޭ އަތުން އަތުލައި، ދެވަނަ ފަރާތަކަށް އައްޑޫގެ ދަތުރުފަތުރު ހަވާލު ކުރާނެއެވެ.