Last Updated: April 20, 17:52
Saturday, April 20, 2024
މުނިފޫހިފިލުވުން

"ހެޕީ ނިއު އިޔާ" ގެ ޓްރެއިލާ ލޯންޗްކޮށްފި

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމް "ހެޕީ ނިއު އިޔާ" ގެ ފުރަތަމ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

ކުލަ ގަދަ ހަފުލާއަކާ އެކު، ޓްރެއިލާ ލޯންޗްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރެ އެވެ.

މި ފިލްމަކީ "އޯމް ޝާންތީ އޯމް" އާއި "މޭ ހޫނާ" ފަދަ ބޮޑެތި ބްލޮޮކްބަސްޓާތައް ގެނެސް ދީފައިވާ ޝާހްރުކް ހާނާއި ފަރަހް ހާން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

"ހެޕީ ނިއު އިޔާ" ގައި ޝާހްރުކް އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ 2007 ގައި ނިކުތް "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ތައާރަފުވެ، މިހާރު އެންމެ ގަދަ އަށް ފިޔަ ޖަހަމުން އަންނަ ބަތަލާ ދީޕިކާ ޕަދްކޯން އެވެ.

އެ ދެ މީހުންގެ އިތުރަށް މި ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެ އެވެ. އޭގެ ތެެރޭގައި އަބިޝެކް ބައްޗަން، ސޯނޫ ސޫދް، ވިވާން ޝާހް، ބޮމަން އިރާނީ އަދި ޖެކީ ޝްރޮފް ފަދަ ތަރިން ފާހަގަކޮށްލެ އެވެ.

"ހެޕީ ނިއު އިޔާ" އަކީ ޝާހްރުކް ލައިގެން ކާމިޔާބު ދެ ފިލްމް ޑައިރެކްޓް ކުރުމަށް ފަހު، އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ހިމަނައިގެން ފްލޮޕް ބޯޑް އަޅުވަން ޖެހުނު "ތީސް މާރް ހާން" އަށް ފަހު، ފަރަހް ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް ވެސް މެ އެވެ.

މި ފިލްމަށް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ސަބަބަކީ ފަރަހާއި ޝާހްރުކަށް އަނެއްކާ ވެސް ބޮޑު ހިޓެއް ބެލުންތެރިންނާ ހަަމައަށް ގެނެސް ދެވޭނެ ކަމުގެ ޔަގީންކަން ބޮޑުކަމުންނެވެ.

"ހެޕީ ނިއު އިޔާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ދިވާލީގަ އެވެ.