Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ރަޖިސްޓްރީ ދަފުތަރު ފުރިހަމަ ކުރަން އެދެފި

އައްޑޫގައި އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ރަށްވެހިވާ މީހުންނާ ބެހޭ ރަޖިސްޓްރީ ދަފުތަރު ފުރިހަމަ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނަނީ އައްޑޫގައި ރަށްވެހިވެފައިވާ މީހުންނާއި ރަށްވެހި ނުވެ ދިރިއުޅޭ މީހުންނާއި މަރުވާ މީހުންނާއި އަލަށް އުފަންވާ ކުދިންގެ ދަފުތަރު ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ.

އެހެންވެ މިއީ އައްޑޫގެ އަވަށު އޮފީސްތަކުން ބަލަހައްޓަމުން އަންނަ މައުލޫމާތުތަކަކަށްވާތީ އަލަށް އުފަންވާ ކުދިން ރަށްވެހިންގެ ރަޖިސްޓްރީގައި ޖައްސައި ރަޖިސްޓްރީ ހައްދަން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.

އެކަމަކު ބައެއް ފަރާތްތަކުން މިކަމަށް ދޭ ސަމާލުކަން ކުޑަވެ، ގާނޫނާ އެއްގޮތަށް އަމަލު ނުކުރާތީ ޖޫރިމަނާ ކުރަން ޖެހޭ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މިކަމަކީ އަމަލު ކުރަން ޖެހޭ ވަކި އުސޫލްތަކެއް ކަނޑައެޅިފައިވާ ކަމަކަށްވާތީ އަލަށް އުފަންވާ ކުދިން ރަށްވެހި ކުރުވައި، އުފަން ދުވަހުގެ ރަޖިސްޓްރީ ހެއްދުމާއި ނިޔާވެފައިވާ މީހުން ދަފުތަރުން އުނި ކުރުން ފަދަ ކަންކަން ލަސް ނުކޮށް ވީހާ ވެސް އަވަހަކަށް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އަދި އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށް ކައުންސިލުން އިލްތިމާސް ކުރެ އެވެ.