Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

"ޑިސްކަވާ އައްޑޫ" ގެ ނަމުގައި ވެބްސައިޓެއް

އައްޑު އާ ބެހޭ މައުލޫމާތުތައް ހިމެނޭ ވެބްސައިޓެއް "އައްޑޫ ޑިސްކަވާ" ގެ ނަމުގައި ލޯންޗްކޮށްފި އެވެ.

މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ލޯންޗް ކުރި މި ވެބްސައިޓަކީ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ވެބް ސައިޓެކެވެ.

މި މަސައްކަތުގެ މޭސްތިރިއަކީ ހިތަދޫ ޒުވާނެއް ކަމަށްވާ މިސްބާހް ނަރީޒެވެ.

އޭނާގެ މަސައްކަތަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ.

މިސްބާހު ބުނީ އިނގިރޭސި ބަހުން އައްޑު އާ ބެހޭ މައުލޫމާތުތައް ހިމެނޭ ވެބް ސައިޓެއް ހަދަން ނިންމީ އައްޑު އަށް ޝައުގުވެރިވާ ޓޫރިސްޓުންގެ އިތުރަށް ދިވެހިންނަށް ވެސް ވީހާ ވެސް ބޮޑަށް އައްޑު އާ ބެހޭ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ކަމަށެވެ.

އެގޮތުން އައްޑު އާ ބެހޭ އެންމެ ބޭސިކް މައުލޫމާތުތަކުން ފެށިގެން ތާރީހާއި ސަގާފަތާއި އާދަކާދަ އަދި އައްޑޫގެ ތަފާތު ވިޔަފާރިތަކާ ބެހޭ މައުލޫމާތު ވެބް ސައިޓްގައި ހިމަނާފައި ވެ އެވެ.
އަދި ވެބް ސައިޓް އިތުރަށް މުއްސަނދި ކުރަން އާންމުންގެ ހިޔާލުތަކާ އެއްގޮތަށް ބަދަލުތަކެއް ގެންނަމުން ދާނެ ކަމަށް އޭނާ ބުންޏެވެ.

އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅޭ މިސްބާހު އިތުރަށް ބުނީ "ޑިސްކަވާ އައްޑު" އަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ގެންގުޅެމުން އައި ހިޔާލެއް ކަމަށެވެ.

"އެކަމަކު އޭރު ރިސޯސްތައް ހުރި ގޮތުން މިކަން ނުކުރެވިފައި އޮތީ. ވެބް ސައިޓް ޑިޒައިން ކުރުން ފިޔަވައި އޭގެ ހުރިހާ މަސައްކަތެއް މި ކުރަނީ އަޅުގަނޑު އެކަނި. މި ވެބްސައިޓަކީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މަސައްކަތް،" އޭނާ ބުންޏެވެ. "ވަރަށް ބޮޑަށް ބޭނުންވޭ މިއީ ގިނަ ބަޔަކަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތުތައް އެންމެ ސައްހަކޮށް ގެނެސްދެވޭ، ވެބްސައިޓަކަށް ހަދަން. އެހެންވެ އާޓިކަލްތަކުގެ ގޮތުންނާއި ފޮޓޯގްރަފީގެ ގޮތުން ވެސް ވެބްސައިޓް މުއްސަނދި ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން."

މިސްބާހު ބުނީ "ޑިސްކަވާ އައްޑު" އަށް ތަފާތު ލިއުންތަކާއި ފޮޓޯތައް ފޮނުވަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވެބްސައިޓްގައި އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

"ޑިސްކަވާ އައްޑޫ" ވެބްސައިޓްގެ އެޑްރެހަކީ discoveraddu.com އެވެ.