Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސައިކަލެއް ވަގަށް ނަގައިގެން ދެ އަހަރަށް ޖަލަށް!

ސައިކަލެއް ވަގަށް ނެގި ކަމަށް ކޯޓުގައި އިޢުތިރާފުވި މީހަކު ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ޙުކުމްކޮށްފައި ވަނީ ހުޅުދޫ ނިޔަދުރުމާގެ، ޙުސައިން ޝިނާޒު، 28، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ ޝިނާޒު އޭޕްރިލް 12، 2014 ވަނަ ދުވަހުގެ ހަވީރު 4:30 އެހާކަށްހާ އިރު ހ. މެހެލިގޯޅި ތެރޭގައި ޕާކް ކޮށްފައި ހުއްޓައި ވަގަށް ނެގި ކަމަށް އިއުތިރާފްވާ ކަމަށެވެ.

އަދި އެ ސައިކަލު ވަަގަށް ނަގައިގެން މ. މެޓްރޯ ކެފޭ ކައިރިން އެ ސައިކަލުގައި ދުއްވާފައި ދިޔަ ކަމަށް ވެސް ޝިނާޒު ޝަރީޢަތުގައި އިޢުތިރާފުވެފައިވެ އެވެ.

އެހެންވެ ވައްކަން ކުރުމުގެ ކުށުން ޝިނާޒް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މި ބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރުކަމަށް ވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް ޝިނާޒް ޖަލަށް ލުމަށް ޙުކުމް ކުރާ ކަމަށް ވެސް އެ ޤަޟީއްޔާގައި ވެ އެވެ.