Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

މީދޫ ގެއަކުން ރަންތަކެއް ވަގަށް ނަގައިފި

މީދޫ ޑޭލައިޓް ވާދީން މި މަހުގެ 16ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ރަން ހާރަކާއި، ރަން އަނގޮޓިއެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފި އެވެ.

އެ ގެއިން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯރޓް ކޮށްފައި ވަނީ 16 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އެވެ.

އެ ގެއިން ވައްކަން ކޮށްފައިވަނީ ގޭގެ ވަލުފަރާތު ދޮރެއް ހަލާކުކޮށްލައިގެންކަމަށް ޑޭލައިޓް ވާދީން ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައިވެ އެވެ.

ވަގަށް ނަގާފައި ވަނީ ރަން ހާރަކާއި، ރަން ދެ އަނގޮޓި އެވެ.

މި މައްސަލަ އާ ގުޅިގެން ކުރެވުނު ތަހުޤީގުން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވިފައިވާ އިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފަރާތަކީ މީގެ ކުރިން އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހެއްކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ 17 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާ އިރު، މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ހަތް ދުވަސް ދީފަ އެވެ.

މީދޫ ޑޭލައިޓް ވާދީން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރިޔަށް ގެންދިޔަ މަސައްކަތުން، އެގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ރަން ހާރާއި އެއް ރަން 18 ވަނަ ދުވަހު ވަނީ ހޯދާފަ އެވެ.

މި ތަކެތި ހޯދިފައި ވަނީ މި ތަކެއްޗާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ އާ ސުވާލު ކުރުމުން އޭނާ ދިން މަޢުލޫމާތަށް ބަލައި ކުރި މަސައްކަތުންނެވެ. އެގެއިން ގެއްލުނު ތަކެތީގެ ތެރެއިން މިހާތަނަށް ހޯދިފައި ނުވަނީ އެއް ރަން އަނގޮޓި އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވިފައިވާ މީހަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.