Last Updated: April 16, 11:51
Tuesday, April 16, 2024
މުނިފޫހިފިލުވުން

އާމިރް "ހެދުންލައިފި"

ކުރިމަތި ފަރާތް އެކަނި ނިވާވާ ގޮތަށް އާމިރް ހާން ޕޯޒްކޮށްގެން ހުރި އޭނާގެ ކުރިއަށް އޮތް ފިލްމް "ޕީކޭ" ގެ ފުރަތަމަ ޕޯސްޓަރުގެ މައްސަލަ ހޫނުވެ، ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައި ވަނިކޮށް، ފިލްމްގެ ދެވަނަ ޕޯސްޓަރު އިއްޔެ ލޯންޗްކޮށްފި އެވެ.

ކުރީ ޕޯސްޓަރާ އެއްގޮތަށް މި ފަހަރު ވެސް އާންމުކޮށްފައި ވަނީ ސްޓިލް ޕޯސްޓަރާއި މޯޝަން ޕޯސްޓަރެވެ.

މި ޕޯސްޓަރުގައި އާމިރް ފެންނަނީ ގުޖުރާތުގެ ސަގާފީ ހެދުމެއްގައި ޓްރަންފެޓެއް ހިފަހައްޓައިގެން ހަށިގަނޑު ވަރަށް ބޮޑަށް ނިވާކޮށްގެން ހުއްޓަ އެވެ. މި ފަހަރު ލޮލުގައި އައިނެއް ވެސް އަޅައިފަ އެވެ.

އެކަމަކު ހަމަ ކުރީ ޕޯސްޓަރާ އެއްގޮތަށް އޭނާ ހުރީ ސަހަރާއެއްގެ ތެރޭގަ އެވެ.

pk-2

"ޕީކޭ" ގެ ފުރަތަމަ ޕޯސްޓަރުގައި އާމިރް ހުރީ ހަމައެކަނި ރޭޑިއޯއަކުން އޭނާގެ ކުރިމަތި ފަރާތް އެކަނި ނިވާކޮށްގެން ހުސް ގަޔާ އެވެ.

އެ ޕޯސްޓަރަކީ މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގޮތަަކަށް އާމިރް ގެނެސް ދީފައިވާ ޕޯސްޓަރެއް ކަމަށް ބުނެ، އެ މައްސަލަ ކޯޓާ ހަމައަށް ވެސް ގެންގޮސްފައިވެ އެވެ.

އިއްޔެ "ޕީކޭ" ގެ ދެވަނަ ޕޯސްޓަރު ރިލީޒް ކުރުމަށް ފަހު އާމިރް ބުނީ ޑިސެމްބަރު 19 ގައި އެ ފިލްމު ރިލީޒް ކުރުމުގެ ކުރިން ޖުމްލަ 10 ސްޓިލް ޕޯސްޓަރާއި މޯޝަން ޕޯސްޓަރު އާންމު ކުރާނެ ކަމަށެވެ.

"މިއިން ކޮންމެ ޕޯސްޓަރަކީ ތަފާތު ވާހަކައެއް ގެނެސްދޭނެ ޕޯސްޓަރެއް. މީގެ ސަބަބުން ފިލްމުގެ ކޮންޓެންޓާ މެދު ޝައުގުވެރި މަސްހުނި ހިޔާލުތަކެއް އުފެދޭނެ،" 49 އަހަރުގެ އާމިރް ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "ޕީކޭ" ގައި އާމިރް ކުޅެނީ އޭލިއަންގެ ރޯލެވެ. މި ފިލްމުގައި އޭނާ އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އެވެ.

މީގެ އިތުރުން ސަންޖޭ ދަތާއި ސުޝާންތު ސިންގްރާޖްޕުޓް ވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

"ޕީކޭ" އަކީ 2009 ވަނަ އަހަރު ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި "3 އިޑިއަޓްސް" އަށް ފަހު އާމިރާ ރާޖް ކުމާރު ހިރާނީ އެކުގައި މަަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.