Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

އައްޑޫގައި ފުޓްބޯޅަ ލީގެއް ތައާރަފު ކުރަނީ

އައްޑޫގައި ފުޓްބޯޅަ ލީގެއް ތައާރަފް ކުރަން ވިސްނަމުންދާ ކަމަށާއި އެއީ ކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ފުޓްބޯޅަ ލީގެއް ތައާރަފުކޮށް، ފުޓްބޯޅައިގެ ފޯރި އައްޑޫގައި ދިރުވަން ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް ލީގެއް ބޭއްވޭނީ ކިހާ ތާކު ކަމެއް މޭޔަރު ވިދާޅެއް ނުވެ އެވެ.

"މި އަހަރު އެބަ ބާއްވާ ކުރިން ބާއްވަމުން ދިޔަ ޒޯން މުބާރާތް ވެސް އަލުން. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން އައްޑޫގައި ފުޓްބޯޅަ ލީގެއް ކުރިއަށް ގެންދަން. ފަހަރުގައި އަންނަ އަހަރު މުބާރާތް ބޭއްވި ދާނެ. އެފްއޭމާ ގުޅިގެން އަޅުގަނޑުމެން މިކަން ކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރަސްމީ ފުޓްބޯޅަ އަށް ވުރެ ބޮޑަށް އައްޑޫގައި މިހާރު އެންމެ ބޮޑަށް ފޯރި ހިފާފައި ވަނީ ފުޓަސަލްގައި ކަމަށެވެ.

"އެހެން ނަމަވެސް ރަސްމީ ފުޓްބޯޅައިގެ ތެރެއިން ކުޅުންތެރިން އުފައްދައި، ނެޝަނަލް ލެވެލްގައި ކުޅޭނެ ކުޅުންތެރިން ވެސް އައްޑޫން އުފައްދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "މީގެ ކުރިން މި މަސައްކަތް ކުރެވި، އޭގެ ނަތީޖާ އެބަ ހުރި ފެންނަން ވެސް."

YTGB (41)

މޭޔަރު ވިދާޅުވީ އެފްއޭމާ ގުޅިގެން ހިތަދޫ ޓާފް ދަނޑު މިހާރަށް ވުރެ ބޮޑަށް ތަރައްގީކޮށް، އެތަނުގައި ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަކީ މުހިއްމު ޕްރޮގްރާމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އައްޑުއަކީ މީގެ ކުރިން އެ ޕްރޮގްރާމްގެ ތެރެއިން ގައުމީ ފެންވަރުގައި ވެސް ކުޅެ އަދި ކުޅެމުން އަންނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ސަރަހައްދެކެވެ.