Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ޒުވާނުން އެދޭ ގޮތަށް ފޭދޫ ދަނޑުގެ ލައިޓް ޖަހަނީ

ފޭދޫގެ ހަތަރު ޖަމިއްޔާއަކުން މިއަދު ކައުންސިލާ އެކު ބޭއްވި ބައްދަވުލުވުން. ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫ ބޯޅަ ދަނޑުގައި ލައިޓް ޖަހަން ކައުންސިލުން ނިންމާފައިވާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން، އެ ރަށުގެ ޖަމިއްޔާތަކެއް މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް، އެ މީހުން ބޭނުންވާ ގޮތް ކައުންސިލަށް ހުށަހަޅައިފި އެވެ.

މިއަދު މެންދުރު ފަހު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ފޭދޫ ސިފަ ޖަމިއްޔާ އާއި ދި ފޭދޫގެ އިތުރުން ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ) އާއި އެސްޑީއައި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ސިފަ ޖަމިއްޔާގެ ފަރާތުން ބައިވެރިވީ އިބްރާހީމް ސައީދު (ޖަރީ) އެވެ. ދި ފޭދޫގެ ފަރާތުން ޝަރަފްޒާދު ބައިވެރިވި އިރު، އެސްޑީއައިގެ ފަރާތުން ބައިވެރިވީ އަހުމަދު ނަސީރެވެ. އަދި އެފްވައިސީގެ ފަރާތުން ބައިވެރިވީ އަލީ ހަފީޒެވެ.

އެ ޖަމިއްތޔާތަކުން ވަނީ ފޭދޫ ޒުވާނުން ދަނޑުގެ ލައިޓިން ޖަހަން ބޭނުންވާ ގޮތުގެ ޓެކްނިކަލް ޑްރޯވިންއެއް ވެސް ކައުންސިލަށް ހުށަހަޅައިފަ އެވެ. އަދި މި މަަަސައްކަތް އަމަލީ ގޮތުން ފެށުމުގެ ކުރިން، މިކަމާ ގުޅޭ ގޮތުން ޒުވާނުންގެ ހިޔާލު ހޯދައިގެން މަސައްކަތް ފެށި ނަމަ، ވަރަށް ރަނގަޅުވީސް ކަމަށް ޖަމިއްޔާތަކުން ފާހަގަ ކުރި އެވެ.

DSC08508

ކައުންސިލްގެ ފަރާތުން މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް (ޓޮމް) އާއި އެހެން ކައުންސިލަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ކައުންސިލްގެ ބިމާ ބެހޭ ސެކްޝަނުގެ ސާވޭ ޓީމްގެ ދެ އޮފިޝަލަކު ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އޮފިޝަލުން ވިދާޅުވީ މިފަދަ މައްސަލަތަކެއް ފެންމަތިވެދާނެތީ، މަސައްކަތް ފެށުމުގެ ކުރިން ފޭދޫ ޒުވާނުންގެ ހިޔާލު ހޯދަން މަސައްކަތް ކުރި ކަމަށެވެ.

ކައުންސިލަށް ޖަމިއްޔާތަކުން މިއަދު ހުށަހަޅާފައި ވަނީ މިހާރު ލައިޓް ޖަހަން ނިންމާފައިވާ ގޮތާ ހިލާފަށް، ދަނޑުގެ ބޮޑު މިނުން ނެގެން އޮތް އެންމެ ބޮޑުކޮށް ސައިޒް ނަގައި، މުޅި ދަނޑަށް ވީހާ ވެސް ބޮޑަށް އަލި ކުރެވޭ ގޮތަށް ލައިޓް ޖެހޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.

މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކައުންސިލުން ހަވާލުކޮށްފައި ވަނީ ސަދަން ކޮންޓްރެކްޓިން މޯލްޑިވްސް އާ އެވެ.

އެހެން ނަމަވެސް އެ ކުންފުނިން މިދިޔަ ހަފުތާގައި މަސައްކަތް ފެށުމާ އެކު، ޒުވާނުންތަކެއްގެ މެދުގައި ހިޔާލު ތަފާތުވެ މަސައްކަތް ވަނީ މެދުކަނޑާލައިފަ އެވެ.

dhadu

މޭޔަރު ވިދާޅުވީ ކައުންސިލުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ފޭދޫ ދަނޑުގައި ޖަހަން ގެނައި ލައިޓިން ސިސްޓަމް ހަރުކޮށް، އެ މަސައްކަތް ނިންމަން ކަމަށެވެ.

އަދި ކުރިއަށް މި އަހަރުގެ ޒޮން މުބާރާތް ވެސް އޮތުމާ އެކު، މުބާރާތުގައި ފޭދޫން ބައިވެރިވާ ޓީމްތަކަށް ޕްރެކްޓިސް ކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަކީ ވަރަށް ބޮޑަށް ބޭނުންވެ ވަޑައިގަންނަވާ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޒުވާނުން އެދުނު ގޮތަށް ކޮންޓްރެކްޓާ އެކު މަޝްވަރާކޮށް، ޒުވާނުން ބޭނުންވާ ގޮތަށް ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވި އެވެ.

އެގޮތުން ދެ ދުވަހެއްގެ ތެރޭގައި ކޮންޓްރެކްޓާ އެކު އަލަށް ގެނެވުނު ބަދަލުތައް ހިއްސާކޮށް، އެންމެ ލަަސްވެގެން އަންނަ ބުރާސްފަތި ދުވަހު އަމަލީ މަސައްކަތް އަލުން ފަށަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެ ދަނޑުގެ ބައެއް ލައިޓްތައް ނުދިއްލޭ މައްސަލަ ވެސް ވީހާ ވެސް އަވަހަކަށް ހައްލު ކުރަން މޭޔަރު އެދިވަޑައިގެންނެވި އެވެ.

އެހެންވެ ސާވޭ ޓީމްގެ އޮފިޝަލުންގެ އަރިހުން މޭޔަރު ވަނީ ކޮންޓްރެކްޓާ އެކު ވީހާ ވެސް އަވަހަކަށް މަޝްވަރާކޮށް، މަސައްކަތް ދެން ކުރިއަށް ގެންދަންވީ ގޮތް ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޖަމިއްޔާތަކުން ވަނީ ލައިޓް ޖެހުމާ އެކު ދަނޑަށް ކަރަންްޓް ފޯރުކޮށްދީ ލައިޓް ދިއްލޭނެ ގޮތް ވެސް ވީހާ އަވަހަކަށް ހަދައި ދިނުމަށް އެދިފަ އެވެ.

HJH

މިކަމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ އެ މަސައްކަތާ ގުޅޭ ގޮތުން ފެނަކަ އާއި ޔޫތު މިނިސްޓްރީ އާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ފޭދޫ ދަނޑަށް ކަރަންޓް ދޭން ބަލާ އިރު، އެކަން ކުރަން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކޭބަލް އަޅައިގެން ލައިޓިން އަށް ކަރަންޓް ދޭން ބަލާ އިރު، އެކަމަށް ވެސް ފުދޭ ވަރެއްގެ ހަރަދެއް އެބަ ހިނގާ. އަނެއްކާ ލައިޓިންތަކަށް ކަރަންޓް ދޭން އެ ދިމާލުގައި ޓްރާންސްފޯމަރެއް ބަހައްޓާ ކަމަށް ވަންޏާ އަދި އެއީ އެއަށް ވުރެ ވެސް މާ ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މިކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އަށް ވެސް ސިޓީއަކުން ލިޔެފައި ވާނީ. ދެން އެންމެ ރަނގަޅަކަށް، އެންމެ އަވަހަށް މިކަން ކުރެވެން އޮތް ގޮތަކަށް މިކަން ކުރަން ކައުންސިލުން މަސައްކަތް ކުރާނެ."

ޓޮމް ވިދާޅުވީ ޓްރާންސްފޯމަރެއް ބަހައްޓައިގެން ކަރަންޓް ދޭ ކަމަށް ވަންޏާ މުޅި ޕްރޮޖެކްޓަށް ގާތްގަނޑަަކަށް 5،000،000ރ. ވަރު ހަރަދު ވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފޭދޫ ދަނޑުގައި ޖަހަން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގެނައި ލައިޓިން ސިސްޓަމްގެ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 20 ފޫޓްގެ ހަތަރު ލައިޓިން ޕޯސްޓާއި އެއަށް ބޭނުންވާ އިތުރު ސާމާނެވެ.

އަދި ލައިޓިން ސިސްޓަމް ހަރު ކުރަން ކޮންޓްރެކްޓާ އެކު ވެފައިވާ އެއްބަސްވުމަށް 800،000ރ. އަރަ އެވެ.