Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ފޭދޫ ބަނދަރު މަތީގައި ތާރު އަޅަނީ

2014 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމްގެ ކެންޑިޑޭޓް އީނަ (ފަހަތުގައި) އަށް ފޭދޫގެ މަޖިލިސް މެމްބަރު އައިބީ ބަނދަރުމަތީގައި ކެމްޕޭން ކޮށްދެއްވަނީ. ފައިލް ފޮޓޯ

ފޭދޫ ބަނދަރު ހަދައި ނިމުނު އިރު، ބަނަދަރުގެ ތޮށިގަނޑާއި ލިންކް ރޯޑާ ދޭތެރޭ ވެލިގަނޑު އޮތް ސަރަހައްދުގައި ވަރަށް އަވަހަށް ތާރު އަޅާ ގޮތަށް ހަމަޖައްސައިފި އެވެ.

"އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް އަންނަ މަހުގެ 20 ގެ ކުރިން ފެށުމަށް ވަނީ ނިންމައިފަ އެވެ.

ތާރު އެޅުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭަޝަން (އެމްއާރްޑީސީ) އިންނެވެ.

އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް ތާރު އަޅަން ނިންމައި، އެ ވާހަކަތައް ދޭތެރެ ދޭތެރެ އިން ދެކެވި މިހާތަނަށް ނުކުރެވި އޮތް ނަމަވެސް، މިހާރު އެ މަސައްކަތް ކުރަނީ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 20 އަށް ކުރިއަށް އޮތުމާ އެކު ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގަ އެވެ.

ޕީޕީއެމްގެ ފަރާތުން ފޭދޫ ދާއިރާގެ ކައުންސިލް ގޮނޑި އަށް ވާދަ ކުރަނީ ފޭދޫ ފަރިމާގޭ އީނާ ނަސީރެވެ.

މިދިޔަ ހުކުރު ދުވަހު އޭނާގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްފައި ވަނީ ވެސް ބަނދަރުމަތީގަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ޔަސްރިފް ވިދާޅުވީ، ފޭދޫ ބަނދަރުމަތީގައި ތާރު އެޅުމުގެ މަސައްކަތާ އެކު، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގެ ހުރަސް މަގުތަކެއް ވެސް ތާރު އަޅައިގެން ހަދަން ނިންމާފައިވާ ކަމަށެވެ.

ޔަސްރިފް އިތުރަށް ވިދާޅުވީ މި މަޝްރުއަކީ މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓްގައި މަގުތަކަށް ކަނޑައެޅި ފައިސާ އިން ހިންގާ މަޝްރޫއެއް ކަމަށެވެ.