Last Updated: April 25, 10:47
Thursday, April 25, 2024

ހައްޖު ފޯރަމެއް ބާއްވަނީ

މި އަހަރު ޙައްޖަށްދާ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫގައި "ޙައްޖު ފޯރަމް 1435" ނަމުގައި އެއް ދުވަހުގެ ޢިލްމީ ކޯހެއް ހިންގުމަށް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ނިންމައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ އައްޑޫން މިއަހަރު ޙައްޖަށް ދާ ހުރިހާ ފަރާތްތަކަށް ހިލޭ ބައިވެރިވިމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ. އެވެ.

އަދި މި އަހަރު ޙައްޖަށް ނުދާ އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ހައްޖަށް ދާން ޕްލޭންކޮށްފައވާ ފަރަތްތުގެ އަތުން 150ރ. ނަގައިގެން ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން އެންމެ ފުރަތަމަ ނަން ނޯޓު ކުރާ 25 ފަރާތަކަށް ކޯސް ފީ ހިލޭ ދޭގޮތަށް ނޫރުލްއިސްލާމުން ވަނީ ހަމަޖައްސައިފަ އެ4ވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ހައްޖު ފޯރަމް" ކިޔަވައި ދެއްވާނީ، ޝައިޚް ޢަބްދުﷲ ޞިއްދީޤާއި ޝައިޚް މުޙައްމަދު ޢަފީފާއި ޝައިޚް މުޙައްމަދު ޝަމްޢޫންގެ އިތުރުން ނޫރުލްއިސްލާމްގެ ރައީސް ޝައިޚް މުޙައްމަދު އަނީލް އެވެ.

މި ބޭފުޅުންނަކީ ޙައްޖާޖީންނަށް އިރުޝާދު ދެއްވުމުގައި ހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރި ބޭފުޅުންތަކެކެވެ.

ކޯހުގައި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން ފެށިގެން، ޙައްޖަށް ރާއްޖޭން ފުރުމާއި، އެނބުރި ރާއްޖެ އައުމާ ދެމެދު ކުރަން ޖެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ކިޔައި ދެވި، ޢަމަލީ ގޮތުން ކަންތައް ކުރާނެ ގޮތް ދަސްކޮށް ދެވޭނެ އެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 1 ގެ ކުރިން ނަން ނޯޓު ކުރުމަށް 7676446 ނަމްބަރަށް ގުޅައި ނަން ނޮޓް ކުރުމަށް ނޫރުލްއިސްލާމުން ވަނީ އެދިފަ އެވެ.