Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

ރައްޔިތުންނާއި ބައްދަލު ކުރާނީ 4،5، އަދި 6 ގައި!

އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓް އެކުލަވާލުމަށް ރައްޔިތުންނާއި ބައްދަލު ކުރުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 4،5 އަދި 6 ގައި ބައްވާ ގޮތަށް ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން ނެރުނު އިއްލާނެއްގައި ކުރިން އެބައްދަލުވުން ބާއްވަން ނިންމާފައިވަނި މިދިޔަ ޖުލައި މަހުގެ، 28 އަދި 29ގައެވެ.

ކައުންސިލުން ބުނީ މިނިވަން ދުވަހާއި ގުޅިގެން 28 ވަނަ ދުވަސް ބަންދުކުރުމާއި ގުޅިގެން ސިލްސިލާކޮށް ބާއްވަން ނިންމި ބައްދަލުވުން ފަސްކުރީ ކަމަށެވެ.

އެގޮތުން ހިތަދޫގެ ރައްޔިތުންނާއި ބައްދަލު ކުރުން އޮގަސްޓް 4 ވަނަ ދުވަހުގެ ރޭ 8:30ގައި ބޭއްވުމަށް ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

ފޭދޫ، މަރަދޫ، އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮގްސްޓް5 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ އިރުޝާދިއްޔާ ސްކޫލްގައެވެ. ގަޑިއަކީ ރޭގަނޑު 8:30އެވެ.

ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލު ކުރާނީ އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ 8:30 އަތޮޅު މަދަރަސާއިންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް މީގެ ކުރިން ބޭއްވި ބައްދަލުވުންތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވެއެވެ.

އައްޑޫގެ ތަރައްޤީއަށްޓަކައި ކައުންސިލުން އެކުލަވާލާ ބަޖެޓާއި ބެހޭ ބައްދަލުވުމަކީ ވަރަށް މުހިއްމު ބައްދަލުވުމެކެވެ. އަދި ބައްދަލުވުމަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓްގައި ހިމެނުމަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމުގެ އެންމެ ބޮޑު އެއްް ބޭނުންކަމަށް ކައުންސިލުން ބުނެއެވެ.