Last Updated: April 25, 22:42
Thursday, April 25, 2024
ކޮލަމް

މޯލްޑިވިއަން ފްލައިޓްތަކުގެ "ހަތް ތަރީގެ" ޚިދުމަތް !

ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި ހުރެފައި މާލެއަށް ވައިގެ މަގުން ދާން ޖެހިއްޖެނަމަ މިހާރު އޮތީ ހަމަ އެންމެ ޗޮއިސް އެކެވެ. މޯލްޑިވިއަންގެ ޚިދުމަތް ހޯދުމެވެ. ސަބަބަކީ މީގެ ކުރިން އައްޑޫ އާއި މާލެ އާއި ދެމެދު ވައިގެ ދަތުރުތައް ކުރި ފްލައިމީ އިން އައްޑޫ އަށް ކުރާ ދަތުރުތައް ހުއްޓާލުމެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއަރޕޯޓުން ، ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ގަން "އިންޓަނޭޝަނަލް" އެއާރޕޯޓަށް ދިއުމަށް، އަޅުގަނޑުގެ މޯލްޑިވިއަންގެ ފްލައިޓަށް އެރުމާއި ހަމައަށް އެއާރޕޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބުނު ޚިދުމަތްތަކުގެ ފެންވަރާއި މެދު އަޅުގަނޑު ފަޚުރުވެރިވަމެވެ.

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ލިބުނު ހިތްހަމަޖެހުމުގައި ފޭސްބުކަށް ވަދެ އެއަރޕޯޓްގެ ޕޭޖަށް ލައިކް ވެސް ދީފީމެވެ.

ކޮންމެއަކަސް މޯލްޑިވިއަންގެ ފްލައިޓް ފުރާ ގަޑި ޖެހިގެން ބޯޓަށް އެރުމާއި ހަމައަށް އަޅުގަނޑަށް، އަދި ހުރިހާ ޕަސިންޖަރުންނަށް ވެސް އެއރަޕޯޓް މުވައްޒަފުންގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެކެވެ.

މޯލްޑިވިއަންގެ މަތިންދާ ބޯޓަށް އެރުމަށް ހިނގަންނަމުން ބޯޓުގެ ފޮޓޯ އެއް ނަގާލީމެވެ. އިންސްޓަގްރާމް ކުރުމަކީ އަޅުގަނޑު ފާޑަކަށް ދެވިހިފާފައި ހުންނަ ކަމަކަށް ވީމައެވެ. ފްލައިޓަށް އެރުމުގެ ކުރިން ބޯޓުގެ ބުރަފަތި އަށް ބަލާލެވުނެވެ. ފެނުނީ ކުލަގަނޑު ތަންތަން ގަނޑުން ނައްޓައިގެން ގޮސް ހުރި މަންޒަރެވެ.

ފްލައިޓަށް އަރަމުން ކެބިން ކްރޫގެ ސަމާލުކަމަށް އެކަން ގެނައީމެވެ. ޖަވާބަކަށް ވީ އެއީ "އެއްވެސް ކަމެއް ނޫން" ކަމަށެވެ. ކެބިން ކްރޫއަށް ކަމަކަށް ނުވަންޏާ އަޅުގަނޑަށް ވެސް ވަކި ކީއްހެއްޔެވެ ؟

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރުކުރާއިރު އިންޖީނުގެ އަޑުގަދަ ކަމުން ބޮލުގައި ރިއްސާ ވާހަކަ އަކީ ވަރަށް ގިނައިން އަޅުގަނޑު އަހާ ވާހަކައެކެވެ. ފްލައިޓް ނައްޓާލުމަށް ތައްޔާރުވެ އިންޖީނު ސްޓާޓް ކޮށްލުމާއި އެކު އަޅުގަނޑަށް ހީވީ، ހުރެވުނީ ސީދާ އިންޖީނު ރޫމުގެ ތެރޭގައި ހެންނެވެ.

އިންޖީނުގެ އަޑު އެކަންޏެއް ނޫނެވެ. ކޮންތާކުން ކަމެއް ނޭނގުނު ނަމަވެސް ބޯޓުގެ ކޮންމެވެސް އެއްތަނަކުން ކޮންމެވެސް އެއްޗެއް ވައިބްރޭޓް ވާކަހަލަ އަޑުފައްގަނޑެއް ވެސް އިވެނީއެވެ. މުޅި ބޯޓު ތެރެއަށް ނަޒަރު ހިންގާލުމުން ވެސް އެއީ ކޮންތަނަކުން ކިޔާ އަޑެއް ކަމެއް ނޭނގުނެވެ.

ދަތުރު ފެށުމުގެ ކުރިން، ދަތުރު ދުޢާ ހުރިހާ ބައިވެރިންނަށް އިއްވިއެވެ. ވަރަށް އުފާވިއެވެ. އޭގެ ފަހުން ކެބިން ކްރޫ ވަރަށް ރަނގަޅަށް ސަލާމަތީ މައުލޫމާތު ވެސް ދީފިއެވެ. ފްލައިޓުން އެނައުންސް ކުރި އިރު ދެއްކި ވާހަކަ އަޅުގަނޑަށް އެހާ ކަމު ނުދިޔައެވެ.

ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ވަރަށް "ނާދިރު" ކަމެއް ކަމުގައި ބުނީމައެވެ. އަޅުގަނޑަށް ސިފަވެގެން ދިޔައީ އޭގެ ކުރިން އަޅުގަނޑުމެން ކުރި ދުޢާއަށް ކުރެވުނު ޖެއްސުމެއްގެ ގޮތުގައެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަޅުގަނޑުގެ ޚިޔާލެވެ.

މޯލްޑިވިއަންގެ ފްލައިޓަކުން ސ.ގަމާއި މާލެ އާއި ދެމެދު ޓިކެޓް ވިއްކާ ތަފާތު 3 އަގެއް ކަނޑައަޅާފައިވެއެވެ. އެންމެ އަގުހެޔޮ އަދި އެންމެ އުނދަގުލުން ލިބޭ -/999 ރުފިޔާގެ ފެއާގައި ލިބޭ ޓިކެޓާއި، -/1332 އަދި -/1728 ރުފިޔާގެ ފެއާގައި ލިބޭ ޓިކެޓެވެ.

މިއިން ކޮންމެ ފެއާއެއްގެ ޓިކެޓެއް ނެގި ކަމުގައި ވިޔަސް އިންނަން ޖެހެނީ ހަމަ އެއްކަހަލަ ގޮނޑިއެއްގައެވެ. ވަކި ޚާއްސަ ޚިދުމަތްތަކެއް ލިބޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އެހެން ކަމުން ބޮޑު އަގުގައި ޓިކެޓް ވިއްކަނީ ކީއްކުރަން ބާވައެވެ؟ ފަހަރެއްގައި މޯލްޑިވިއަން ބަނގުރޫޓް ވެދާނެތީ ބޮޑު އަގުގައި ޓިކެޓް ވިއްކުން މަޖުބޫރު ވަނީ ކަމަށް ވެސް ވެދާނެއެވެ.

ފްލައިޓްގެ ތެރެއިން އިވެމުން ދިޔަ ވައިބްރޭޝަނުގެ އަޑަކީ ކޮން އަޑެއްކަން ހޯދައިގަތުމަށް ހުރި ޝައުޤުވެރިކަމެއް ބޮޑުކަމުން ފްލައިޓުގެ އެންމެ ފަހަތުގައި ހުސްކޮށް އިން ސީޓަކަށް އަޅުގަނޑު ބަދަލުވީމެވެ.
ފަހަތު ސީޓުގައި އިށީނުމާއި އެކު ހީވީ ބޯމައްޗަށް އެއްޗެއް ވެއްޓިދާނެހެންނެވެ. ކުރިން އިވެމުން ދިޔަ ވައިބްރޭޝަނުގެ އަޑު އިވެނީ ކޮންދިމާލަކުން ކަމާއި މެދު ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ލިބޭކަށް މާގިނަ އިރެއް ނުނެގިއެވެ. އެއީ ފަހަތު ސީޓާއި ދިމާލުން ފްލައިޓްގެ އެތެރެ ދިއްލުމަށް ބޭނުންކުރާ ލައިޓެއްގެ ކަވަރުގެ ބައެއް ބިންދައިގެން ގޮސް ހުރުމުން ވަމުން ދިޔަ ވައިބްރޭޝަނެއް ކަން އެނގުނެވެ.
ބިންދައިގެން ގޮސްފައި ހުރި ލައިޓްގެ ކަވަރުގެ އަގު ހަމަގައިމުވެސް އެންމެ ފަހަރަކު މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކުރާ ޕަސިންޖަރުންގެ ޓިކެޓް ވިއްކައިގެން ވެސް ގަނެވިދާނެއެވެ. އެހެން ނަމަވެސް މޯލްޑިވިއަން 'ބަގުރޫޓް' ވެދާނެތީ އެކަން ވެސް ނުކުރަން ނިންމީ ކަމަށް ވެދާނެއެވެ.

މޯލްޑިވިއަން އިން ގަސްތުކޮށްފައިވަނީ ޓޭޕުކޮޅޭއް އެޅުމަށްފަހު ބިންދައިގެން ދިޔަ ތަންކޮޅު 'މަރާމާތު" ކޮށްލުމަށެވެ.
11872683_687014424731561_786453409_n
އަޅުގަނޑަކީ މޯލްޑިވިއަންގެ ފްލައިޓަކުން ދަތުރުކުރި ހަމައެކަނި މީހާއެއް ވެސް ނޫނެވެ. ފްލައިޓުގެ ތެރެއިން އިވޭ ވައިބްރޭޝަނުގެ އަޑާއި އެހެނިހެން އަޑުތަކުން ބޮލުގައި ރިއްސުމާއި ތަފާތު އުނދަގޫތަކާޢި ކުރިމަތިވީ ހަމައެކަނި އަޅުގަނޑަކަށް ނޫނެވެ. އަޅުގަނޑު ފަދަ އެތައް ބަޔަކު ދަނީ މި އުނދަގޫތައް ކޮންމެ ދުވަހަކުވެސް ތަޙައްމަލް ކުރަމުންނެވެ.

ޓިކެޓްތަކުގެ އަގު ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުން ދާއިރު، ފްލައިޓްތަކުގެ ފެންވަރު ދަށްވާނަމަ އެވާހަކަ ދެއްކުމަކީ، ކޮންމެ ޕަސިންޖަރެއްގެ ޙައްޤެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ.