Last Updated: April 16, 17:11
Tuesday, April 16, 2024
ވިޔަފާރި

އައިސީޕީ ހިދްމަތަށް ތަރްހީބް ބޮޑު: އައިއެމްޑީސީ

ސިމްޑީ ގްރޫޕުން ދާދިފަހުން އުފެއްދި އިންސްޓިޓިއުޓް ފޯރ ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ)ގެ ފުރަތަމަ ހަރަކާތް ކާމިޔާބް ކަމާއި އެކު ނިންމާލައިފިއެވެ.

މިމަހުގެ 7 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމާއި ގުޅޭ ގޮތުން މިއަދު ހަވީރު އައިއެމްޑީސީ ހޮސްޕިޓަލްގައި މައުލޫމާތު ދެއްވަމުން އައިސީޕީގެ ޓެކްނިކަލް ޑައިރެކްޓަރ ކްލިނިކަލް އެންޑް ކައުންސިލިން ސައިކޮލޮޖިސްޓް ފާތިމަތު ސައުދާ އަދި އެސިސްޓެންޓް ސައިކޮލޮޖިސްޓް އައިޝަތު ފަޒްލާ އަޙްމަދު ވިދާޅުވީ 3 ދުވަހުގެ ތެރޭގައި ހީ ނުކުރާ މިންވަރަށް ހިދްމަތް ހޯދުމަށް ނަން ނޯޓުކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ބަޔަކަށް ހިދްމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ސައުދާ ވިދާޅުވީ 28 ކްލައިންޓުންނަށް ކައުންސިލިން ދެވުނު އިރު ގިނައިން ހިދްމަތް ހޯދާފައިވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަށް ކަމަށެވެ.

މައިގަނޑު ގޮތެއްގައި ކައުންސިލިން ދިނުމާއި، ޕާސަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމު ހިންގުމަށް އުފެއްދި އައިސީޕީ އަކީ ސިމްޑީ ގްރޫޕްގެ ކުންފުންޏެކެވެ. އަދި މި ކުންފުންޏަކީ އައިއެމްޑީސީގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ސައުދާ ވިދާޅުވީ ރަސްމީކޮށް އައިސީޕީ މިމަހުގެ 18 ވަނަ ދުވަހު މާލޭގައި ލޯންޗް ކުރުމަށްފަހު، އައްޑޫގައިވެސް ހިދްމަތް ފުޅާ ކުރާނެ ކަމަށެވެ.

އެގޮތުން އައްޑޫގެ ސްކޫލްތަކަށާއި އެހެނިހެން މުވައްސަސާތަކަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމު ހިންގަން ރާވާފައިވާ ކަމަށް ސައުދާ ވިދާޅުވިއެވެ.

ޑރ. މަރިޔަމް ޝަކީލާގެ ބޮޑު ހިއްސާއެއް އޮންނަ ސިމްޑީ ގްރޫޕުން އައްޑޫގެ ސިއްހީ ހާލަތު ހަރުދަނާ ކުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވަރަށް އަވަހަށް އައިއެމްޑީސީ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ވަނީ ނިންމާފައެވެ.