Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ވިއްސާރައިގައި ބޮޑެތި ގެއްލުން ލިބުނު ގެތަކުގެ މީހުން އެހެން ތަންތަނަށް ބަދަލު ކުރަނީ

ރޭގެ ވިއްސާރައިގައި ގެއްލުން ލިބުނު ހިތަދޫ ބާޒިހާ ގޭގެ މީހުން. އެމީހުންނަށް ވަނީ އެހެން ތަނަކުން ބޯހިޔާވަހިކަން ހޯދާދީފައި

ރޭ ދަންވަރުން ފެށިގެން ބާރު ވަޔާއި އެކު ބޯކޮށް ވާރޭވެހި ގެއްލުން ލިބުނު އައްޑޫގެ ބައެއް ގެތަކުގެ މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި، އެމްއެންޑީއެފް ގުޅިގެން ފަށައިފިއެވެ.

ރޭގެ ވިއްސާރައިގައި، ފުރާޅު އެއްލާލުމާއި ގުޅިގެން ހިތަދޫގެ ދެ ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
IMG_0063

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ، ހިތަދޫ ކުޅިތުޅާގެ އާއި ބާޒިހާގޭގެ މީހުން، ކުލީ ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރޭގެ ވިއްސާރަ އާއި ގުޅިގެން މަރަދޫ، މަރަދޫފޭދޫގެ ދެ ގެއަކުން ވެސް މީހުން ވަނީ ބަދަލު ކޮށްފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫގެ 13 ގެއަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އެގޮތުން މީދޫ ސަންރޭ ގޭގެ ފުރާޅުވަނީ ވަޔާއި އެކު އެއްލާލާފައެވެ.

މޭޔަރ އަބްދުﷲ ސާދިގް ވިދާޅުވީ ފުރާޅު އެއްލާލި ގެތަކުގެ، ފުރާޅު ރަނގަޅު ކުރުމަށް، ކައުންސިލާއި، ޑިޒާސްޓަރ މެނޭޖްމަންޓް އަދި އެމްއެންޑީއެފް ސަދަން އޭރިއާއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބައެއް އާއިލާތަކަށް އެނބުރި މިރޭ އަލުން ގެތަކަށް ބަދަލުވެވޭ ވަރު ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގެއްލުން ލިބުނު އާއިލާތަކުގެ، ކެއުން ބުއިމާއި، އެހެނިހެން ކަންކަން ބަލަހައްޓަމުން، އިރާދަކުރެއްވިޔާ އެފަރާތަކަށް ކައުންސިލުން ފުރިހަމަ އެހީތެރިކަން ލިބޭނެ، ކައުންސިލްގެ މުވައްޒަފުން މިދަނީ އެމަސައްކަތް ކުރަމުން"

ވިއްސާރައިގެ ސަބަބުން ރުއް ގަސް ވެއްޓި މަގުތައް ބްލޮކް ވުމާއި ގުޅިގެން ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި ފުލުހުންނާއި ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ރެޑް ކްރެސެންޓްގެ އައްޑޫ ބްރާންޗުން އަންނަނީ މިކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.