Last Updated: March 28, 13:23
Thursday, March 28, 2024
ރިޕޯޓް

ޗައިނާ އާއި ރާއްޖެ ކުޅޭ މެޗް އައްޑޫގައި ނުކުޅެވެން ޖެހޭ ސަބަބެއް ނެތް!

އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގެ މެޗެއްގެ ތެރެއިން. އައްޑޫލައިވް ފައިލް ފޮޓޯ

ވޯލްޑް ކަޕަށް ކޮލިފައިންގައި އަންނަ މަހު 8 ވަނަ ދުވަހު މާލޭގައި ކުރިން ކުޅެން ހަމަޖެހިފައި އޮތް ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މެޗް، މނިވަން 50 ހަރަކާތްތައް ކުރިއަށްގެންދަން އެޅި ޓާފް ޕްރޮޓެކްޓަރުގެ ސަބަބުން ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން އެ ތާރީހުގައި މާލޭގައި އެ މެޗު ނުކުޅެވޭނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

ގަލޮޅު ދަނޑުގައި އެ މެޗް ކުޅެވެން ނެތުމުން ޗައިނާގެ ހޯމް މެޗަށް ބަދަލުކުރަން ނުވަތަ ނިއުޓްރަލް ދަނޑެއްގައި ކުޅެން އެފްއޭއެމުން ވަނީ ނިންމައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާ އިން އެއްބަސްނުވާ ނަމަ އެފްއޭއެމުން ބޭނުންވަނީ އަވަށްޓެރި ސްރީ ލަންކާ ނުވަތަ ގަތަރު ނޫނީ ޔޫއޭއީގެ ދުބާއީގައި ކުޅޭށެވެ.

ރާއްޖޭ ފިޔަވައި އެހެން ޤައުމެއްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ހޯމް މެޗެއް ކުޅެން އެފްއޭއެމުން ނިންމާފައިވާ އިރު ގަލޮޅު ދަނޑު ފިޔަވައި ރާއްޖޭގައި އެފަދަ ދަނޑެއް ނެތިގެން ކަމަށް ބުނެ އެފްއޭއެމްގެ އިސްވެރިން ވަނީ މީޑިޔާގައި ވާހަކަ ދައްކާފައެވެ.

އެހެންނަމަވެސް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށްގެން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ މެޗްތައް ކުޅުނު އައްޑޫ ފުޓުބޯޅަ ދަނޑަކީ ޗައިނާ އާއި ރާއްޖެ ވޯލްޑްކަޕް ކޮލިފައިންގައި ކުޅެންޖެހޭ މެޗް ކުޅެވިދާނެ ދަނޑެކެވެ.

އައްޑޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވާ ފަދަ ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމްގައި ކޮލިފައިން މެޗެއް ނުކުޅެވޭނަމަ ޚުދު މައުމޫންގެ ގާތަށް އަނެއްކާވެސް ހިނި އަންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަރަށް ފުރިހަމަ ސްޓޭޑިއަމެއް. ވަރަށް ރީތިކޮށް ހެދިފައިވާ ސްޓޭޑިއަމެއް. އަދި ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ތަނެއް. އެހާ ފުރިހަމަކޮށް މިތަން ޑިޒައިން ކުރެވި އަމަލީ ސިފަ ގެނެވުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންވަނަން،" އައްޑޫ ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވެއެވެ.

މައުމޫނުގެ އިތުރުން އޭރު ޔޫތް މިނިސްޓަރަކަށް ހުންނެވި، މުހައްމަދު މަލީހް ޖަމާލް ވެސް ވިދާޅުވެފައިވަނީ އައްޑޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރެވިގެން ދިއުމަކީ ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތައް ބޭއްވާ މަންޒިލެއްގެ ގޮތުގައި އައްޑޫ ދުނިޔޭގެ ޗާޓްގައި ކުރެހިގެން ދިޔަ ކަމެއް ކަމަށެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުނު އައްޑޫ ފުޓްބޯޅަ ދަނޑު-
އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުނު އައްޑޫ ފުޓްބޯޅަ ދަނޑު-

"އެ މަސައްކަތް މިހާރު ވެސް ވަނީ ފެށިފައި. އެގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ސްރީ ލަންކާގެ ރައީސް މަހިންދަރާޖަ ޕަކްސަ މުބާރާތާއި ވޯލްޑް ކަޕް އޭޝިއަން ކޮލިފައި މެޗްތަކެއް ވެސް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ވާހަކަތަކެއް އެބަ ދެކެވޭ." ރާއްޖޭގެ މީޑިޔާތަކަށް ދިން އިންޓަވިއު އެއްގައި އޭރު ޔޫތް މިނިސްޓަރަކަށް ހުންނެވި، މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ކުޅެން ޖެހޭ ހޯމް މެޗެއް ކުޅޭނެ ދަނޑެއް ނެތް ކަމަށް ބުނެ އަވަށްޓެރި ޤައުމުތަކަށް ސަލާން ޖަހަން ދިއުމަށް އެފްއޭއެމްގެ އިސްވެރިން އެތިއްބެވީ ފޫގަޅައިގެންނެވެ. އެކަން އެގޮތަށް ކޮށްފިނަމަ އެއީ ރާއްޖޭގެ ރައްޔިތުންނަށް ލިިބިގެންދާނެ ލަދެއް ކަމުގައި ދަންނަވަން ޖެހެއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅޭފައިވާ ކުޅުންތެރިޔަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި އައްޑޫ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ގަލޮޅު ދަނޑަށް ވުރެ މާ ރަގަޅު ކަމަށެވެ.

" އަޅުގަނޑު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނިން މާލޭގައި. އެކަމަކު ރާއްޖެއިން މިހާތަނަށް އެންމެ ރަގަޅު ޕިޗަކަށް ކުޅުނީ އައްޑޫ ދަނޑުގައި" އޭނާ ބުންޏެވެ.

ސެޕްޓެމްބަރ 8 ވަނަ ދުވަހު ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗް ޗައިނާގައި ކުޅެން އެ ޤައުމުން އެއްބަސް ނުވެއްޖެ ނަމަ، ޗައިނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް ކުޅޭ މެޗެއް ހަމަ ލޮލުން ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ނުދިޔުމަކީ ވެސް ފަހަރެއްގައި އެކަށީގެންވާ ކަމެކެވެ. އެފުރުސަތު ދިވެހިންނަށް ލިބެން އޮތީ ޗައިނާ އިން ސެޕްޓެމްބަރު 8 ގެ މެޗު އެ ގައުމުގައި ކުޅެން އެއްބަސްވެއްޖެ ނަމަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕްގައި ލާއޯސް އާއި ތުރުކަމަނިސްތާން ބައްދަލުކުރި މެޗްގެ ތެރެއިން--. އައްޑޫލައިވް ފައިލް ފޮޓޯ.
އޭއެފްސީ ޗެލެންޖް ކަޕްގައި ލާއޯސް އާއި ތުރުކަމަނިސްތާން ބައްދަލުކުރި މެޗްގެ ތެރެއިން–. އައްޑޫލައިވް ފައިލް ފޮޓޯ.

އެފްއޭއެމުން ބުނެފައިވާގޮތުގައި ދަނޑުގެ ވިނަގަނޑުގެ ހާލަތު ގަތަރުގެ ތަޖުރިބާކާރަކު ގެނެސް ބަލާފައިވާ ކަމަށާއި އަދި ވިނަގަނޑު މިހާރު ބަލަހައްޓަމުން އަންނަނީ އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އޭނާ ލަފާދީފައި ވަނީ، ދެ މަސްދުވަހުގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ވިނަގަނޑު އަލުން ހެދޭނެ ކަމަށެވެ.

ކޮންމެ އަކަސް ގަލޮޅު ދަނޑުގެ ވިނަގަނޑު ސެޕްޓެމްބަރ 8 އަށް ހަލާކުވެފައިވާތީ ރާއްޖޭ އާއި ޗައިނާ މެޗް ރާއްޖޭގައި ނުކުޅެވޭ އެފްއޭއެމުން ބުނެފައިވާއިރު، އައްޑޫ ފުޓްބޯޅަ ދަނޑުގައި އޮތް ވިނަގަނޑާއި މެދު އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅުނު އެއްވެސް ޓީމަކުން އަދި އޭއެފްސީ އިން ވެސް މައްސަލަ ޖައްސާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.