Last Updated: March 29, 06:30
Friday, March 29, 2024
ރިޕޯޓް

ސުނާމީ އެރި ދުވަހު "ކޮއިމިލްގަޔާ"، ޖަނާޒާގެ މަންޒަރު ދައްކާއިރު "ކަލް ހޯ ނަހޯ"!

ދިވެހިރާއްޖޭގައި ދީނީ ހައްދުފަހަނަޅައި ދިއުން އިންތިހާއަށް ގޮސްފައިވާކަން ދެއްކުމަށް އެއްބަޔަކު އަވަދިނެތި މަސައްކަތް ކުރަމުން ގެންދާއިރު އަނެއް ބަޔަކު "މެދު މިނެއް" ތަޢާރަފް ނުކުރެވިގެން ޤައުމުތަކަށް ގޮސް އިރުއިރުކޮޅާ ވާހަކަދައްކަވަނީއެވެ. ދީނީ ޢިލްމު ރަނގަޅަށް ނޭނގި ތިބެ ބަޔަކު މީހުން ފަތުވާ ދިނުމަކީ މައްސަލައެއް ކަމުގައި ވެސް އެއްބަޔަކު ގެންދަނީ ފާހަގަކުރަމުންނެވެ.

ޤައުމުގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ އަބުރު ކަތިލެއްވުމަށް އެއްބަޔަކު، ޕްރޮޕެގެންޑާތައް ފަތުރަމުން ގެންދާއިރު، އެކަމާއި ދެކޮޅަށް އެއްޗެއް ބުނުމަށް ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނުކެރެއެވެ. ރާއްޖޭގައި މިހާރު އެންމެ ޤަދަރުވެރި ބަޔަކީ ސިޔާސީ ލީޑަރުންނެވެ. އެމީހުންނަކީ ކޮންމެ ގޮތަކަށް އުޅުއްވިޔަސް ކުށެއް ނެތް މަޢުސޫމް ބަޔެކެވެ. އެމީހުންނާއި ދެކޮޅަށް އެއްޗެއް ބުނެފިނަމަ އެއީ ޖާހިލެކެވެ.

ދިވެހިރާއްޖެއަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާއަކީ 2004 ވަނަ އަހަރުގެ ސުނާމީއެވެ. ސުނާމީ ކާރިސާގައި 82 މީހަކު މަރުވެ، 24 މީހަކު ވީނުވީއެއް ނޭނގި ގެއްލިގެން ގޮސްފައިވާއިރު ރާއްޖޭގެ އެތައް ރަށަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސްފައެވެ.

ސުނާމީ އެރި ޚަބަރު ޓީވީއެމް އިން ގެނެސްދިން ޕްރެޒެންޓަރުންގެ މޫނުމަތިން ވެސް އެދުވަހު މުޅި ޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި، ޤައުމަށް ލިބުނު ހިތާމާއިގެ ބޮޑުކަން ފެނިގެން ދާނެއެވެ. ސުނާމީގައި ލިބުނު ގެއްލުން ތަކުގެ މަންޒަރުތައް ޓީވީއެމް އިން ދައްކަމުން ދިޔައިރު، ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ހުރީ، ހިންދީ ފިލްމެއް ކަމުގައިވާ ކޮއި މިލްގަޔާގައި އޭލިއަން ތަކެއްގެ މަންޒަރު ދައްކާ ގަޑީގައި ގެނެސްދީފައި ހުންނަ ރާގެވެ. ރާއްޖެއަށް އެރީ ސުނާމީއެކެވެ. އޭލިއަންތަކެއް ނޫނެވެ.

ސުނާމީ ކާރިސާއަށް އެތައް އަހަރެއް ވެގެން ގޮސްފައިވާއިރު އެ ރާގު އިވޭ އިރަށް ބައެއް ދިވެހިންނަށް " އެއީ ސުނާމީ ރާގޭ" ބުނެލެވެއެވެ. ޓީވީއިން 24 ގަޑިއިރު ފޮނުވަމުން ދިޔަ މަންޒަރުތަކާއި އެކު އެ ރާގު ވަނީ ގެނެސްދީފައެވެ. އެވާހަކަ މިއަދު ދައްކައިފި ނަމަ، މާޒީގެ ވާހަކަ ދައްކަނީ ކަމުގައި ވެދާނެއެވެ. ނުވަތަ އެއީ ކުރިން ދިވެހިންނަށް ނޭނގޭ އިރު ކުރި ކަމެކޭ ވެސް އެއް ބަޔަކު ބުނެފާނެއެވެ.

ދިވެހި ޤައުމަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ޖަނާޒާގެ މަންޒަރުތައް ރާއްޖޭގެ ޓީވީއަކުން ދައްކަމުން ދިޔައިރު އަނެއްކާވެސް އަޑުއިވެމުން ދިޔައީ، ސުނާމީގެ ކާރިސާގައި އިވެމުން ދިޔަފަދަ ހިންދީ ރާގެކެވެ. މިފަހަރު، ހިންދީ ލަވަ "ކަލްހޯނަހޯ" ގެ ރާގެވެ.

ޤައުމީ ބަތަލަކު އަޅުގަނޑުމެންނާއި ވަކިވެގެންދާއިރު ލޯބީގެ ލަވައެއްގެ ރާގު ގެނެސްދިނުމަކީ އެބޭފުޅާގެ އާޢިލާއަށް ވެސް ކުރެވޭ ޖެއްސުމެއް ނޫންތޯއެވެ ؟ ސަން ޓީވީގެ އިސްބޭފުޅުންނަށް ޖަނާޒާގެ މަންޒަރުތައް ފޮނުވަމުން ދިޔައިރު، "ކަލްހޯނަހޯ" ރާގު ނޫން އެހެން އެއްޗެއް ގެނެސްދޭން ނޭނގުނީތީ ހިތާމަކުރަމެވެ.

އަދިވެސް އިތުުރު ވާހަކައެއް ބުނެފާނަމެވެ. ރޭ ޓީވީ ބަލަން ހުރި އިރު ފެނުނު އެހެން މަންޒަރެއްގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން މަހާނަ ގާތަކުގެ މައްޗަށް އަތް އަރުވައިގެން ތިބެ ހިނުފުޅުވަޑުވަމުން ދިޔަ މަންޒަރަކީ އަޅުގަނޑަށް އެހާ ރީތި މަންޒަރެއް ނޫނެވެ. އެވަގުތަކީ އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ ބޭފުޅާގެ އާއިލާއަށް ހިތްވަރުދީ އެމީހުންނަށް ލިބިފައިވާ ހިތާމައަށް ލުޔެއް ލިއްބައިދޭތޯ މަސައްކަތް ކުރަންވީ ވަގުތު ކަމެއް ވެސް އެބޭފުޅުން ހަނދާން ނެތުނީއެވެ.

ފަހަރެއްގައި މިވާހަކަ ލިޔުމުން ގޯސްވާނީ އަޅުގަނޑެވެ. ނުވަތަ އަޅުގަނޑުގެ މިލިޔުން ޝާއިއުކުރާ ނޫހެވެ. ނަމަވެސް މިއީ ނުދައްކައި ދޫކޮށްލަން ޖެހޭ ވަރުގެ ވާހަކައެއް ނޫނެވެ.