Last Updated: April 19, 18:16
Friday, April 19, 2024
ރިޕޯޓް

ސިޔާސީ ކުޅިވަރާއި ހެދީ މަރަދޫފޭދޫ ދަނޑުގެ ބޭނުން އެރަށު ޒުވާނުންނަށް ނުހިފޭ !

މަރަދޫފޭދޫ ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް

ދެ އަހަރު ދުވަހަކީ ދަނޑެއްގެ ވަށާ ފާރު ރާނައި، ފެންސު ޖެހުމަށް ފަހު، ލައިޓް ޕޯސްޓްތައް ހަރުކުރުމަށް ކުޑަ މުއްދަތެއް ނޫނެވެ. އެހެން ނަމަވެސް އައްޑޫ ސިޓީ، މަރަދޫ ފޭދޫ ޒުވާނުންގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ފުޓްބޯޅަ ކުޅެންދިޔަ ދަނޑު މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމުގެ އުއްމީދުގައި އެރަށުގެ ޒުވާނުން ތިބޭތާ މިވަނީ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ވެސް މިވަގުތު އެންމެ ފޯރިއާއި އެކު ޒުވާނުން ތައްޔާރުވަމުން ގެންދާ މިނިވަން50 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް މަރަދޫފޭދޫގެ ޒުވާނުންވެސް ވަނީ ޓީމެއް އެކުލަވާލާފައެވެ. އެހެން ނަމަވެސް އެހެން ރަށްތަކުގެ ޒުވާނުންނާއި ޚިލާފަށް އެމީހުން ޕްރެކްޓިސް ކުރާނެ ދަނޑެއް ނެތެވެ. އެކަމާއި އަޅާލާނެ ސަރުކާރުގެ އިދާރާއެއް ނުވަތަ އެވާހަކަ ދަންނަވާނެ މެންބަރަކު ހުރި ތަނެއް ވެސް ނޭނގޭ ކަމަށް އެމީހުން ބުނެއެވެ.

"އަޅުގަނޑުމެން ބައްދަލުކުރިން ކައުންސިލާއި، އެމްއާރްޑީސީ އަދި ހައުސިން މިނިސްޓްރީގެ ޑިޕާޓްމެންޓުގެ އިސްވެރިންނާއި ވެސް. އެކަމަކު ނަތީޖާއެއް ނުފެނޭ." މަރަދޫ ފޭދޫ ފުޓްބޯޅަ ޓީމުގައި އޮފިޝަލަކު ބުންޏެވެ.

މަރަދޫފޭދޫ ދަނޑުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ސަދަން މޯލްޑިވްސް އިން ކުރަމުން އަންނައިރު، އެ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ބުނާގޮތުގައި އެމީހުން ވަނީ އެމްއާރްޑީސީގައި އެދިފައެވެ. އެމްއާރްޑީސީ އިން އެމަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަކީ. -/225،000 ރުފިޔާ އެވެ. 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މަރަދޫފޭދޫ ދަނޑުގެ މަސައްކަތް ނުފެށި ލަސްވެގެން ގޮސްފައިވަނީ އެމްއާރްޑީސީ އިން އެ މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އަގު ބޮޑު ވުމުގެ ސަބަބުންނެވެ.

މަރަދޫފޭދޫ ދަނޑުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލާއި އެކު ވެސް އެ ރަށުގެ ޒުވާނުން ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެކަމުން ވެސް އަލިމަގެއް ނުފެނުމުން މަރަދޫފޭދޫ ދާއިރާ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް އާއި އެކު ވެސް ގިނަ މަޝްވަރާތަކެއް މަރަދޫ ފޭދޫގެ ޒުވާނުން ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެ މަޝްވަރާތަކުން ވެސް އެކަމަށް ހައްލެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި މަރަދޫފޭދޫ ދަނޑުގެ ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާކަމަށާއި އެ ދަނޑުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމޭތީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދަނޑުގެ ވަށައިގެން ފާރު ރޭނިފައިވާއިރު ލައިޓްޖެހުމުގެ މަަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށް ކައުންސިލުން ބުނެއެވެ.

މަރަދޫފޭދޫ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކީ ދަނޑަށް ފަސް ނޭޅި ނަމަވެސް އެތަނުގައި ކުޅެވޭނެ ގޮތެއް މިހާރު ނެތުމެވެ. ދަނޑުގެ އެކި ހިސާބުތަކަށް ގަލާއި ސިމެންތި އަޅާފައިވާއިރު ދަނޑުގެ ބޭނުން ދެންކުރެވޭނީ ދަނޑަށް ފަސް އެޅުމަށްފަހު ލެވެލްކޮށްގެންނެވެ.

މަރަދޫ ފޭދޫގެ ދަނޑުގެ މަސައްކަތް ނުނިމި ވަނީ ކައުންސިލް އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދު އުފެދިފައިވާ ސިޔާސީ ޚިޔާލު ތަފާތުވުމެއްގެ ސަބަބުން ކަމަށް މަރަދޫފޭދޫ ޒުވާނުން ދެކެއެވެ.

" މިއީ އަޅުގަނޑުމެންގެ ރަށްތަކުގެ ފަޅުން ނަގާ ވެލި. އަޅުގަނޑުމެން ޒުވާނުންގެ ބޭނުމަށް މިކަން ކޮށްދޭން ވީމާ ބޮޑު އަގު މިކިޔަނީ. އަޅުގަނޑުމެން ތައްޔާރު އަމިއްލައަށް އެ މަސައްކަތް ކުރަން ވެސް. އެކަމަކު އަޅުގަނޑުމެން އަތަކު ނެތް ވެހިކަލެއް." މަރަދޫފޭދޫ ޒުވާނަކު ބުންޏެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހާއި ހަމައަށް މަރަދޫފޭދޫ ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙަކަށް ފަހު، ސިޓީ ކައުންސިލްގެ ބައެއް ބާރުތައް، ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށަށް ދިއުމުން މިހާރު ދަނޑުގެ މަސައްކަތްތައް ހިނގަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ހައުސިން މިނިސްޓްރީގެ ޑިޕާޓްމެންޓުގެ އިސްބޭފުޅުން މަރަދޫފޭދޫ ދަނޑުގެ ހާލަަތު ބައްލަވާފައިވާ އިރު ދަނޑުގެ މައްސަލައިގައި ހައްލެއް ލިބޭތޯ މަރަދޫފޭދޫ ޒުވާނުން ވަނީ މި މަހުގެ 19 ވަނަ ދުވަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

" އަޅުގަނޑުމެން ސިޓީއެއް ލިން ބުދަ ދުވަހު. މިހާރު އިންތިޒާރު މިކުރަނީ ޖަވާބު ލިބޭނެ ދުވަހަކަށް. އެބޭފުޅުން ވިދާޅުވި އާދީއްތަ ދުވަހު ޖަވާބެއް ދޭނެ ކަމަށް. "

މިނިވަން50 ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އައްޑޫގެ އެހެން އަވަށްތަކުގެ ޓީމުތަކުން މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މަރަދޫފޭދޫ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރާނެ ދަނޑެއް ނެތުމުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިން ތިބީ މާޔޫސްވެފައެވެ. ޕްރެކްޓިސްކުރުމަށް ފޭދޫ ދަނޑާއި މަރަދޫ ދަނޑު ލިބޭތޯ ވާހަކަ ދެއްކި ނަމަވެސް އެކަން ވެސް ހަމަޖެހިފައި ނުވާކަމަށް ވެއެވެ.

ދާއިރާގެ މެންބަރުގެ ފަރާތުން އެހީތެރިކަމަށް އެދުމުން -/2000 ރުފިޔާ ލިބިފައިވާއިރު އެ ފައިސާ ކައުންސިލަށް ދީގެން ނަމަވެސް ދަނޑުގައި ކުޅެވޭނެ ގޮތެއް ވޭތޯ މަަރަދޫފޭދޫގެ ޒުވާނުން ތިބީ ކެތްމަދުވެފައެވެ.މިހާރު މަރަދޫ ފޭދޫގެ ޒުވާނުން އަދިވެސް އ އިންތިޒާރުކުރަމުން ދަނީ އާދީއްތަ ދުވަހު ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެމީހުންނަށް އަންގާފައިވާ ޖަވާބު ލިބޭނެ ދުވަހަކަށެވެ.

މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މުބާރާތުގައި ވާދަކުރާ ޓީމަކަށް ޕްރެކްޓިސްކުރާނެ ދަނޑެއް ހޯދައި ދިނުމަށް ސަރުކާރުގެ އިދާރާތަކުން ނުކުޅެދިފައިވާއިރު، ހަވާއެރުވުމާއި މިއުޒިކް ޝޯވްތައް ބޭއްވުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މަރަދޫފޭދޫ ދަނޑަށް ވެލި އެޅުމުގެ މަސައްކަތްކޮށް ދިނުމަށް އެމްއާރްޑީސީ އިން ކިޔާ އަގު ކައުންސިލުން ބޮޑު ކަމަށް ބުނާއިރު، ކައުންސިލް އިދާރާގެ ދޮރުތަކުގައި ފިންގަރ ޕްރިންޓް ތަޅުތައް ހަރުކުރުމަށް ޚަރަދުކުރުމަށް ކައުންސިލުގައި ފައިސާ ހުރެފައި ޒުވާނުންގެ ތަރައްޤީއަށްޓަކައި ކަމެއް ކުރަން ޖެހުމުން، ކައުންސިލުގެ ބަޖެޓް ހުސްވެދާނެ ކަމުގެ ބިރު ހީވާނަމަ އެއީ މައްސަލައެކެވެ.