Last Updated: April 18, 20:52
Thursday, April 18, 2024
ޚަބަރު

އެންމެ ފަހުން މުލިއާގެ ވެސް ކޮންނަނީ ؟

މުލިއާގޭ ބަގީޗާގެ ތެރޭގައި އޮޅާފައި އޮތް ތަޅުންގަނޑު ނެގުމުގެ މަސައްކަަތް ކުރަނީ. ފޮޓޯ: ސޯޝަލް މީޑިޔާ

އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދުކުރާ ސަރަހައްދު ބޮޑު ކުރުމުގެ މަޝްރޫޢުއެއް ހައުސިން މިނިސްޓްރީގެ ފަރާތުން ފެށުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ޚާޢްސަގޮތެއްގައި ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ވެސް ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދައްކައިފައެވެ.

މިސްކިތުގެ ވަށާފާރު ތަޅާލުމުގެ ސަބަބުން ޖުމްހޫރީ މައިދާނާއި މިސްކިތުގެ ގޯތިތެރެ ގުޅިގެން ދިޔައީ ކަމަށާއި އެކަމުގެ ސަބަބުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާ ކުޅިވަރުގެ ތަފާތު ހަރަކާތްތަކުގެ ސަބަބުން މިސްކިތުގެ ހުރުމަތް ކެނޑިގެން ހިނގައިދާނެކަމަށް ޤަބޫލްކުރެވޭތީ އެކަމާއި ކަންބޮޑުވާކަމަށް ޢިލްމުވެރިން ވިދާޅުވި ނަމަވެސް އެކަމަށް ސަރުކާރުން އެއްވެސް ކަހަލަ އިޖާބައެއް ދީފައެއް ނުވެއެވެ.

އިސްލާމީ މަރުކަޒު ބޮޑުކުރުމަށް ކަމަށް ބުނެ ހިންގި މަޝްރޫޢުގެ ދަށުން ސިފައިންގެ ފާރާ ހަމައަށް ތަޅުން އަޅާފައިވާއިރު، ތަޅުންގަނޑު އެޅުމުގެ ކުރިން ގާތްގަނޑަކަށް 2 ފޫޓަށް އެ ސަރަހައްދު ކޮނެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އިސްލާމީ މަރުކަޒުގެ ސަރަހައްދު ބޮޑުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުގައި ހުރި ޖުމްހޫރީ ބިނާ ނެގުމާއި އެކު ވެސް ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އިސްލާމީ މަރުކަޒު ބޮޑުކުރުމަށް ފެށި މަޝްރޫޢަށް ފަހު މާލޭގެ މަގެއް ނުވަތަ އިމާރާތަކަށް ވެސް ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަން ފެށުމާއި އެކު ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ޖޯކު ޖަހަމުންނެވެ. އެމީހުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވެގެން ދިޔައީ މުލިއާގެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމުގައި ވާ މުލިއާގޭ ބަގީޗާ ތެރޭގައި އަޅާފައިވާ ތަޅުންގަޑެއް ނެގުމުގެ މަސައްކަތް މިއަދު ކޮށްފައިވާއިރު ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދަނީ އެއީ ވެސް މާލެ ތެރޭގައި ފަށައިގެން އުޅޭ "ކޮނުމުގެ" ސިލްސިލާ އަށް އިތުރުވި ބޮޅެއްގެ ގޮތުގައެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މުލިއާގޭ ބަގިޗާގެ ތެރޭގައި އަޅާފައިވާ ތަޅުންގަނޑު ނަގަނީ ބަގީޗާއަށް ބަދަލުތަކެއް ގެނައުމަށެވެ. އެކަމާއި ބެހޭ ތަފްސީލް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މުލިއާގެ އަކީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީގެކޮޅު ކަމުގައިވި ނަމަވެސް، ރައީސް ޔާމީން ދިރިއުޅުއްވަނީ އެބޭފުޅާގެ އަމިއްލަ ގެކޮޅުގައެވެ. ވެރިކަންކުރާ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް ސަރުކާރުން އެވާހަކަތައް ދޮގުކުރެއެވެ.

އިސްލާމީ މަރުކަޒުގެ ފާރުތަޅާލައި، ޖުމްހޫރީ ބިނާ ވެސް ނަގާފައިވަނީ އެ ސަރަހައްދުގައި ސިހުރު ވަޅުލާފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާއިރު، މުލިއާގޭގެ ބަގީޗާގެ ތަޅުންގަނޑުތައް ނަގަނީ ވެސް ސިހުރު ވަޅުލާފައި ހުރެގެން ކަމަށް ވާހަކަ ދެކެވެމުންދާކަން ފާހަގަކޮށްލެވެއެވެ.