Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

މެޓައިން ކަރުދާސް ވަކިކުރާހާ ފަސޭހައިން ނަޝީދަށް ވެރިކަން ފުރޮޅާނުލެވުނީ ކީއްވެ ؟

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދެވި ވާހަކައަކީ އެމަނިކުފާނަކީ ޖަލުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގެންނެވުމަށް ޖެހިލުންވެ ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި، ޖަލަށް ލެވުނު ކަމުގައި ވިޔަސް ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

މިގޮތުން، 2012 ވަނަ އަހަރު އެމްޑީޕީގެ ވަޢުދުގެ ދަތުރުގެ ތެރެއިން ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މީގެ ކުރިން އެތައް ފަހަރަކު އެ މަނިކުފާނު ޖަލަށް ވަޑައިގެންފައިވާ ކަމަށާއި ޖަލުގައި ނުލިބޭ އަދަބެއް ނެތް ކަމަށެވެ. އެހެންވެ އެމަނިކުފާނު ޖަލަށް ލައިފި ނަމަ މާފަސޭހައިން ސަރުކާރު ވައްޓާލާނެ ކަމަށް އޭރު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ޖަލަށް ފޮނުވިދާނެ. އޭރުން މާ ފަސޭހައިން އަޅުގަނޑު ސަރުކާރު ވައްޓާލެވިދާނެ. އަޅުގަނޑު އެކަން ކުރާނަން މެޓައިން ކަރުދާސް ވަކި ކުރާހާ ފަސޭހައިން. ރާއްޖޭގައި ނުހުންނާނެ އަޅުގަނޑު ނުދަންނަ ޖަލެއް. ރާއްޖެއަކު ނުދޭނެ އަޅުގަނޑަށް ނުދޭ، ނުލިބޭ އަނިޔާއެއް. އެހެންވެ، ކުޑަތަންކޮޅެއް ވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން…އަޅުގަނޑު ރާއްޖެ ބަދަލު ކުރާނަން،" ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވެއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިވަޑައިގަތުމާއި އެކު، އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ހީކޮށްގެން ތިބީ ޖަލު ހުކުމެއް އައުމުގެ ބިރު ނެތިގެންދިޔައީ ކަމަށެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް އިން ކާމިޔާބުކުރުމާއި އެކު އަނެއްކާވެސް ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމެއްގެ އަތުވެދާނެ ކަމުގެ ބިރުވެރިކަން އެމްޑީޕީގެ މެންބަރުންގެ ހިތްތަކަށް ވެރިވެގެން ދިޔައެވެ.

ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވި ދުވަހު، ރާއްޖޭގެ ސިޔާސީ ހަމަޖެހުން ޤާއިމްކުރައްވާނެ ކަމުގެ ވަޢުދު ރައީސް ޔާމީން ވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ވުމާއި އެކުހެން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޝަރީޢަތް ކުރެވެން ޖެހޭނެ ކަމުގެ ވާހަކަތައް ދެކެވެން ފެށިއެވެ. އެވާހަކަތައް ދެކެވެން ފެށުމާއި އެކުހެން ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި، ހަވާ ފަޓާސްބަރިއެއްހެން ޝަރީޢަތް ކުރިއަށް ގެންދިޔުމަށް ފަހު އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވިގެން ދިޔައީ އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން އެތައް ބަޔަކު ރޮއްވާލުމަށް ފަހުގައެވެ.

ދިވެހިރާޢްޖޭގެ ތާރީޚުގައި އިންތިޙާބެއްގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލުމާއި އެކު އެމަނިކުފާނަށް ތާޢީދުކުރާ އެތައް ބަޔަކު މަގުތަކަށް ނިކުމެ ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށުން ވެގެން ދިޔައީ ސަރުކާރަށް ކުރިމަތިވެގެން ދިޔަ ވަރަށް ވެސް ބޮޑު ޕްރެޝަރެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ވިދާޅުވި ފަދައިން "މެޓައިން ކަރުދާސް ވަކިކުރާހާ ފަސޭހައިން" ވެރިކަން ވައްޓާލަފާނެހެން ހީވެގެން ދިޔަ ދަނޑިވަޅުތަކެއް ވެސް އައިސްފައިވެއެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރަމުން ގެންދިޔަ މުޒާހަރާތަކުގައި، އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ބައިވެރިވެ ފޯރިއާއި އެކު ވާހަކަދައްކަވަމުން ގެންދެވި ނަމަވެސް މުޒާހަރާތަކުގައި ވަކި ހިސާބަކުން އިސްބޭފުޅުން ގެއްލެން ފެށުން ވެގެން ދިޔައީ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ޢަދަދު އެންމެ ބޮޑަށް މަދުވެގެން ދިޔަ އެއް ސަބަބުކަމަށް ވެއެވެ.

ރައީސް ނަޝީދު ޖަލަށް ލެވުމާއި އެކު، އެމްޑީޕީގެ ލީޑާޝިޕުގައި އެންމެ އިސްކޮށް ހަރަކާތްތެރިވުމުގެ ޒިންމާ އުފުއްލަވަން ކުރިއަށް ނިކުންނެވީ އެޕާޓީގެ ޗެއާޕާސަން އަލީ ވަޙީދާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއެވެ.

ސަރުކާރާއި ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި އެންމެ ޖޯޝާއި އެކު ބައިވެރިވެވަޑައިގެން ރައީސް ނަޝީދުގެ ދިފާޢުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއްބޭފުޅަކީ، މިހާރު އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދެވެ. އަބްދުﷲ ޝާހިދާއި އިބްރާހިމް މުހައްމަދު ސޯލިޙްގެ މަޑުމައިތިރި ސިޔާސަތުތައް އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި އެހާ މަޤުބޫލު ސިޔާސަތަކަށް ވެގެން ގޮސްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި އެންމެ ވަރުގަދަ މުޒާހަރާކަމުގައި ވާ މޭޑޭގެ މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަން ހައްޔަރުކުރެވިގެން ދިޔުމާއި އެކު އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އައިކަން ފާހަގަކުރެވުނެވެ. އެ ދުވަސްވަރު ބޭރުގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވި ރައީސް ޔާމީން ވެސް ގޮތް ދޫކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

އެމްޑީޕީގެ ލީޑާޝިޕުން ކަންތައް ނިންމެވުމުގައި އިސްކޮށް ތިއްބެވި ދެބޭފުޅުން ކަމުގައިވާ، އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ނިންމެވީ ސަރުކާރާއި އެކު މަޝްވަރާތައް ކުރެއްވުމަށެވެ. ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ފަދަ، "މެޓައިން ކަރުދާސް ވަކިކުރާހާ ފަސޭހައިން" ވެރިކަން ވައްޓާލުމުގެ ފުރުސަތު އެމްޑީޕީގެ ލީޑާޝިޕުން ނަގާލީ ނޭނގުމެއްގެ ތެރޭގައި ކަމަށް ބުނުމަށް ވުރެ އެއީ އެޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ގަސްތުގައި އެޅި ފިޔަވަޅެއް ކަމުގައި އެމްޑީޕީގެ ބައެއް އާންމު މެމްބަރުންވެސް ޤަބޫލުކުރެއެވެ.

ސަރުކާރާއި އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަކީ އެމްޑީޕީގެ އާންމު މެންބަރުން ޤަބޫލުކުރި ކަމެއް ކަމުގައި ނުވި ނަމަވެސް ސަރުކާރާއި އެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ގޭބަންދަށް ބަދަލުކުރެވުން ވެގެން ގޮސްފައިވަނީ ވެސް އެޕާޓީގެ އާންމު މެންބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ރައީސް ނަޝީދު މިނިވަންކުރުމަށް ބޭނުންވެފައި ތިބި ވަރުން އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ކޮންމެ ބިލެއް ފާސްކުރުމަށް "ޤުރުބާން" ކުރެވިފައެވެ.

އެމްޑީޕީގެ އާންމު މެންބަރުން ވެސް އަދި އެޕާޓީގެ ލީޑާޝިޕުން ވެސް ބޭނުންވީ ސަރުކާރުން އެދުނު ކޮންމެ ކަމެއް ކޮށްދީގެންވެސް ރައީސް ނަޝީދު މިނިވަންކުރުމަށެވެ. ނަމަވެސް ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އެބޭފުޅާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ މިނިވަންކުރުމަށް އެއްބަސްވެވަޑައިނުގަންނަވާކަން އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ވިސްނިވަޑައިގެންފައި ނެތީ ކަމަށް ވެދާނެއެވެ. ރައީސް ޔާމީން ބޭނުންފުޅުވި ހުރިހާ ކަމެއް އެމްޑީޕީ އިން ކޮށްދިނުމުން، ރައީސް ނަޝީދު އަނެއްކާވެސް ޖަލަށް ގެންގޮސްފާނެ ކަމަށް އެމްޑީޕީގެ ލީޑާޝިޕުން އަދި އެޕާޓީގެ އާންމު މެންބަރުން ވެސް ތިބީ ޤަބޫލުކޮށްގެނެއް ނޫނެވެ.

"މެޓައިން ކަރުދާސް ވަކިކުރާހާ ފަސޭހައިން" ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމުގެ ފުރުސަތު އެމްޑީޕީއަށް ލިބި އެފުރުސަތު އެޕާޓީގެ ލީޑާޝިޕުން ވަނީ ނަގާލާފައެވެ. އެފަދަ ދެވަނަ ފުރުސަތެއް ދެން އެމްޑީޕީގެ މެންބަރުންނަށް ލިބުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެމްޑީޕީގެ އާންމު މެންބަރުން ކަށިން ހިތްވަރު ނެރެގެން ނިކުމެ ފެށި ހަރަކާތްތައް ޕާޓީގެ ލީޑާޝިޕުން ނެންގެވި ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކެއްގެ ސަބަބުން ހުއްޓިފައިވާއިރު، އެ ހަރަކާތްތައް އެމްޑީޕީގެ މިހާރުގެ ލީޑާޝިޕުގެ ދަށުން އަލުން ފެށިގެންދާނެ ކަމަކަށް ނުބެލެވެއެވެ.

ރޭގެ ވަގުތެއްގައި، ރައީސް ނަޝީދު ޖަލަށް ގެންދިއުމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ޔާގޫތުގެއަށް ދިއުމާއި އެކު ނަޝީދުގެ ހިމާޔަތުގައި ނިކުންނެވީ ޕާޓީގެ އާންމު މެންބަރުންނެވެ. ލީޑާޝިޕުގައި ތިއްބެވި އިސްބޭފުޅުން އެ ސަރަހައްދަކުން ފެނިފައެއް ނުވެއެވެ. އަދި ނަޝީދު ޖަލަށް ގެންދިއުމާއި އެކު ޕާޓީގެ އާންމު މެންބަރުން ކަންބޮޑުވެގެން ހަދާނެ ގޮތް ހުސްވެގެން ދެކޮޅަށް ދުވާއިރު އެޕާޓީގެ ލީޑާޝިޕުން ހިމޭނުން އޮތީ ކީޢްވެގެންތޯ އެމްޑީޕީގެ އާންމު މެންބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.