Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

މީދޫ ޓީމްގެ ކޯޗް ބޮޑު ހީނާ ޓީމާއި ގުޅިއްޖެ

ބޮޑު ހީނާއަށް މީދޫ ކުޅުންތެރިން މަރްހަބާ ކިޔަނީ: ފޮޓޯ ވީއޯއެމް

މިނިވަން 50 ޒޯން މުބާރާތުގައި ބައިވެރިވާ މީދޫ ޓީމްގެ ކޯޗްކަމާއި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަދި ކޯޗް ހީނާ އަހްމަދު ސަލީމް (ބޮޑު ހީނާ) ހަވާލުވެއްޖެއެވެ.

ހީނާ މީދޫ ޓީމްގެ ކޯޗަކަށް ހަމަޖެއްސީ ކުރިން އެޓީމަށް ކޯޗުކޮށްދިން ބައްޓޭއާއި ލޮޓޯ އިސްއުފާ ދިނުމާއިގުޅިގެންނެވެ.

ބައްޓޭއާއި ލޮޓޯ އިސްތިއުފާ ދީފައިވަނީ ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރަށުން ބޭރުގެ ކުޅުންތެރީން ޓީމްގައި ހިމެނުމަށް އެދުމުން ބައެއް ކުޅުންތެރީންނާއި އޮފިޝަލުން އެކަމާ ދެކޮޅު ހެދުމުންނެވެ.

މީދޫ ޓީމްގެ އިސް އޮފިޝަލަކު ވިދާޅުވީ ހީނާ ޓީމްގެ ކޯޗަކަށް ހަމަޖެހުމާއި ގުޅިގެން ޕްރެޒިޑެންޓް ކަޕްގައި ކުޅުމަށް އައްޑޫއަށް އަންނަ ވެލެންސިއާ ޓީމާއި އެކު މީދޫ ޓީމަށް އެކުވެރިކަމުގެ މެޗެއް ކުޅުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.

"ހީނާ އަކީ ވެލެންސިއާގެ ވެސް ކޯޗް، ވެލެންސިއާ އެބަ އާދޭ، ޕްރެޒިޑެންޓް ކަޕަށް އައްޑޫއަށް، އެހެންވެ ޓީމް ވަރުގަދަ ކުރުމަށް ވެލެންސިއާ އާއި އެކު މެޗެއް ކުޅެން ޓީމް ބޭނުންވޭ. އެފުރުސަތު ހޯދައި ދޭން ހީނާ ހުރީ"

އޮފިޝަލް ވިދާޅުވީ ހީނާ މީދޫ ޓީމްއާއި އެކު އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މަސައްކަތް ކުރުމަށް ފަހު މާލެ ގޮސް އެނބުރި ދެން ޓީމާއި ގުޅޭނީ އަންނަ މަހުގެ 16 ހިސާބުގައެވެ.

މިނިވަން 50 ޒޯން މުބާރާތަށް އައްޑޫން ހަތަރު ޓީމް ވާދަ ކުރާއިރު މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ޓީމް ލިސްޓް އެފްއޭއެމްއަށް ހުށަހަޅަން ޖެހެއެވެ. މި މުބާރާތުގައި އައްޑޫން ވާދަ ކުރަނީ މީދޫ، ފޭދޫ، މަރަދޫފޭދޫ އަދި ހިތަދޫން ނެވެ.