Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ލިންކް ރޯޑްގައި ބޮޑެތި ވަޅުގަނޑުތައް! ސަމާލްވޭ!

އައްޑޫ ލިންކް ރޯޑް ހަލާކުވެ، ބޮޑެތި ވަޅުގަނޑުތައް ހުރުމުގެ ސަބަބުން މިއަދު އާއްމު ރައްޔިތުންނަށް މިދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.

މަރަދޫ އާއި، ފޭދޫ، އަދި ހިތަދޫގެ ލިންކް ރޯޑުގެ ބައެއް ސަރަހައްދު ތަކުގައި ބޮޑެތި ފުން ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން އެވަޅުތަކަށް އެރި ގިނަ ބަޔަކަށް ގެއްލުން ވަމުންދާ ކަމުގެ ޝަކުވާވެސް ބޮޑުވެއްޖެއެވެ.

ކުރިން ލާމަރުކަޒީ އުސޫލުގެ ދަށުން ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އައި މަސައްކަތް މިއަދު ވަނީ ހައުސިން މިނިސްޓްރީގެ ދަށައް ބަދަލުވެފައެވެ. ލިންކް ރޯޑް މަރާމާތު ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ދާދި ފަހުން ހައުސިން މިނިސްޓްރީން ހިތަދޫގައި އެކުލަވާލި އޮފީހުން ވަނީ އެމްއާރްޑީސީ އާއި ހަވާލުކޮށް މަަގު މަރާމާތު ކުރާނެކަމަށް ބުނެފައެވެ.

"އައްޑޫލައިވް"އާއި ވާހަކަ ދެއްކި މަރަދޫ މީހަކު ބުނީ މަރަދޫ ލިންކް ރޯޑުގައި ހުންނަ ގޯދި ފިހާރަ ކުރިމަތީގައި ހުރި ވަޅުގަޑަށް ވެއްޓި ގިނަ ބަޔަކަށް ގެއްލުން ވަމުން އަންނަ ކަމަށެވެ.

ލިންކް ރޯޑްގެ މަރާމާތެއް އެންމެ ފަހުން އެމްއާރްޑީސީން ކޮށްފައިވަނީ 2014 ޖޫން މަހުގެ ކުރީ ކޮޅުގައެވެ. އޭގެ ފަހުން ލިންކް ރޯޑު މަރާމާތު ކުރުމަށް އެދެވޭ މަސައްކަތެއް ކޮށްފައި ނުވެއެވެ.

އާއްމު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމްއާރްޑީސީ އަކީ މަގު މަރާމާތު ކޮށް ބަލަހައްޓާ ތަނަށް ވުރެ، ފުޓްސަލް ދަނޑު އެޅުމާއި އެހެނިހެން ކަންކަން ކުރުމަށް އެކުލަވާލާފައިވާ ތަނެކެވެ.

"މަގުތައް މަރާމާތު މިކުރަނީ، ރައްޔިތުން ނުކުމެ ހޯބޯ ލަވަން ފެށީމަ، ޑްރައިވަރުން ހަޅުތާލުކޮށްގެން އެންމެ ފަހުން ވެސް ވެލި މަގުތައް ހެދީ. ލިންކް ރޯޑުން ދާ އިރު ނޭގި އޭގެ ވަޅުގަނޑަކަށް އެރިއްޖެ ނަމަ ކާރުގުގެ ކޮންމެވެސް ތަނެއް ޖެހި އެބަ ގެއްލުންވޭ. މިކަމަށް ހައްލެއް ހޯދައިދޭކަށް ނޫޅޭ، އެކަމަކު އަހަރެމެން އެތައް ލާރިއެއް މިކަން ކަން ކުރުމަށް ސަރުކާރަށް އެބަދެން" ހިތަދޫ ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

ލިންކް ރޯޑްގައި ބޮޑެތި ވަޅުގަނޑުތައް ހުރި އިރު ލިންކް ރޯޑު ގިރައިގެން ގޮސްފާނެ ކަމުގެ އިޝާރާތްވެސް މިވަނީ ފެންނަން ފަށާފައެވެ. ލިންކް ރޯޑްގެ ހަންކެޑެ ސަރަހައްދާއި، ރުއްޖެހެރަ ސަރަހައްދުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާ އިރު ލިންކް ރޯޑާއި ގިރައިގެން ގޮސްފައިވާ ހިސާބުާއި ދެމެދު 10 ވަރަކަށް ފޫޓްވެސް ނެތެވެ.

ހައުސިން މިނިސްޓްރީން ބުނީ އެމްއާރްޑީސީން ލިންކް ރޯޑު މަރާމާތު ކުރުމަށް ހަވާލު ކުރާއިރު، ގިރައިގެންދާ ސަރަހައްދު މަރާމާތު ކުރުމަށްވެސް ބަޔަކާއި ހަވާލު ކުރާނެ ކަމަށެވެ.

މަގު މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން މަގު ބޭނުން ކުރާ ފަރާތްތަކުން ކުރިއަށްވުރެ ބޮޑަށް ވަޅުގަނޑުތަކަށް ސަމާލުކަން ދީގެން ދުއްވަން އެބަޖެހެއެވެ. ނޫންނަމަ ހިތާމަވެރި ހާދިސާއެއް ހިނގުން ވަރަށް ގާތެވެ.