Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި އަންހެން ކުއްޖަކަށް ފަރުވާ ދެނީ!

އެކްސިޑެންޓް ހިގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ކިއުންތެރިއެއް.

ހިތަދޫ ލިންކް ރޯޑުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން ކުއްޖަަކަށާއި އުމުރުން ދުވަސްވީ މީހަކަށް ހިތަދޫ ރިޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ރައްޔިތުންގެ މަޖްލިސް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަޅަމުން އަންނަ ގެސްޓް ހައުސް އާއި ދިމާލު ލިންކް ރޯޑުގައެވެ.

މި ހާދިސާގައި އަނިޔާލިބިގެން ފަރުވާ ދެމުންދާ އަންހެން ކުއްޖަކީ ހިތަދޫ ދިރާގުގައި މަސައްކަތް ކުރަމުން އަންނަ މަރިޔަމް ޝިމާއެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ބުނީ އެކްސިޑެންޓްވީ ޝިމާ އޮފީހަށް ދިއުމަށް ދަނިކޮށް، ކުރިމަތިން ނު ގަވާއިދު ފަޅިން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލަކުން ނައްޓަން އުޅުމުގެ ތެރޭގައި ކުރި މަތިން އައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މިހާދިސާގައި ޝިމާ ވިއްސައިގެން ގޮސް ޕޭވްމަންޓް މަތީ ޖެހި އޭނާގެ ބޯފަޅައިގެން ގޮސް ،މޫނަށް ޒަހަމް ތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށްމީހާ ބުންޏެވެ. އަދި ދެވަނަ ސައިކަލް ދުއްވަން އިން މީހާގެ ފަޔަށްވެސް ޒަހަމް ތަކެއް ވަނީ ލިބިފައެވެ.

މި ދެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ދެމީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ހަބަރު ލިބެއެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހްގީގު ކުރަން ފަށާފައިވާ އިރު މިކަމާއި ގުޅޭ ވަކި އެއްޗެއް އަދި ހާމަ ކޮށްފައި ނުވެއެވެ.