Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އޮންދިގޯ ބަށި މުބާރާތް ފޯރި ގަދަވާނެ!

އޮންދިގޯ ބަށި މުބާރާތުގެ ގުރުލުން. ފޮޓޯ: ވީއޯއެމް

ދުވަސް ތަކަކަށް ފަހު ބަށީގެ ފޯރި އައްޑޫގައި ދަށްވެފައި އޮތުމަށް ފަހު އެ ފޯރި މިއަދު މިވަނީ އަނެއްކާވެސް ގަދަވާން ފަށާފައެވެ. ކުރީގެ ގޮތަށް ބަށި ޓީމްތައް އެކުލަވާލައި އަންހެން ކަބަލުން މިދަނީ ބަށި ބޯޅައިން އެކަބަލުންގެ ހިތްވަރު ދައްކަމުންނެވެ.

އައްޑޫގައި ފޯރިގަދަ ބަށި މުބާރާތްތައް ބާއްވަމުން ދަނިކޮށް މިވަނީ ފޯރިގަދަ އަގު ބޮޑު ބަށި މުބާރާތެއް އައްޑޫގައި ބާއްވަން ނިންމާފައެވެ.

މަޝްހޫރު ވިޔަފާރިވެރިއާ މުހައްމަދު ޖުނައިދު (ޖުނާ)ގެ އޮންދިގޯ އިން މިވަނީ 100،000ރުފިޔާގެ އަގު ހުރި ބަށި މުބާރާތެއް ބާއްވަން ނިންމާފައެވެ.

މުބާރާތުގައި ޖުމްލަ 8 ޓީމް ބައިވެރިވެފައިވާ އިރު ގުރުލުން ވެސް މިވަނީ ބާއްވާފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ބޭއްވުނު ގުރުއަތުލުމުގައި ގްރޫޕް އޭގައި ހިމެނެނީ މަރަދޫ ކޮއިމަލާ ޓީމް ، ހިތަދޫ ނޫރަލީ ޓީމް ، މީދޫ ލިލީ ޓީމް އަދި ފޭދޫ ފަރިގޮމަޓީމެވެ،

ގްރޫޕް ބީގައި ހިމެނެނީ މީދޫ ބަށި ހިތްވަރު ޓީމް ، މީދޫ ދޮންދީނި ބަށި ޓީމް ، ހިތަދޫ މޫލެކެޑެ ހިޔަލަ ޓީމް އަދި ހިތަދޫ މޫލެކެޑެ ކުރަގިޓީމެވެ.

މިމުބާރާތް މިމަހުގެ 30 ވަނަ ދުވަހު ފަށާއިރު މިމުބާރާތުގެ ފުރަތަމަމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕްއޭގައި ހިމެނީ މަރަދޫ ކޮއިމަލާޓީމާއި ހިތަދޫ ނޫރަލިޓީމެވެ.

މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކޮންމެ ދުވަހަކުވެސް 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ހެދުނު ދެ މެޗާއި މެންދުރުފަހު ދެ މެޗެވެ. ހެނދނު ކުޅޭމެޗްތައް ހެނދުނު 8:00 ގައި ފަށާގޮތަށް ހަމަޖައްސާފައިވާއިރު މެންދުރުފަހު ކުޅޭމެޗްތައް ފެށުމަށް ހަމަޖައްސާފައިވަނީ 14:00 ގައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް، އޮންދިގޯއިން 35،000ރ. އިނާމު ހުށަހަޅާފައިވާ އިރު ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވަނީ މި މުބާރާތަށް އިތުރު 30،000ރ. ހުށަހަޅުއްވާފަ އެވެ. އެހެންކަމުން މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖުމްލަ 65،000ރ. ލިބޭނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000ރ. ހުށަހެޅިފައިވާ އިރު ރަނައަޕްޓީމަށް 25،000ރ. ވަނީ ހުށަހެޅިފައެވެ. އަދި ތިން ވަނަ ޓީމަށް ހުށަހެޅިފައި ވަނީ 15،000ރ. އެވެ.

މި މުބާރާތުގެ ހުރިހާ އިންތިޒާމެއް ކުރިއަށް ގެންދާނީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް (އައުޑީ) އިންނެވެ.

އައުޑީން ދަނީ މުބާރާތް ބޭއްވުމަށް ހިތަދޫ ދިރާގު އޮފީީސް ކުރިމަރީގައި އޮންނަ ހުސްބިމުގައި ބަށި ކޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަހަރު އަނެއްކާވެސް 90ގެ އަހަރު ތަކުގައި ފެނުނު ފަދަ މޮޅެތި ބަށިކުޅުންތެރިންނާއި، ކޯޗުން އަދި ސަޕޯޓަރުން ފެނިގެންދާނެކަމަށް ބެލެވެއެވެ. އެކަމަށް ގިނަ ބަޔަކު މިދަނީ އިންތިޒާރު ކުރަމުންނެވެ.

.