Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ކާލާޕާނީގެ ރަސްގެފާނުންގެ ޚާޒާނާ

ކާލާޕާނީގެ ރަސްގެފާނަކީ އޭނަގެ ރައްޔިތުންގެ މުދާ ގަދަކަމުން އަތުލަމުންދިޔަ އަނިޔާވެރި ޖައްބާރު ރަސްކަލެކެވެ. މީނައާއި ދެކޮޅުވެރި މީހަކު ހުރިނަމަ އެމީހަކު އުމުރަށް ޖަލުގެ ކުޑަގޮޅީގައި ބަންދު ކުރެއެވެ.

މީނައަކީ އޭނަގެ ކަޅުފައިސާ ބޭންކްތަކުގައި ރައްކާކުރާ މީހެއްނޫނެވެ. ރައްޔިތުން އަތުން އަތުލާ ފައިސާއާއި، ރަނާއިރިހި ، އަގުބޮޑު ޖަވާހިރާއި ޔާގޫތުތައް ރައްކާކުރަނީ މީހުންނަށް ނުފެންނަގޮތަށް ހަދާފައިހުރި ބިންގަރާހެއް ގައެވެ.

މިމަސައްކަތުގައި ރަސްގެފާނަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ރަސްގެފާނުންގެ ބޮޑުވަޒީރެވެ. މިމަސައްކަތް ކުރަމުންދިޔައީ ދެމީހުންގެ ހިއްސާ އެއްވަރަކަށް އޮންނަގޮތަށެވެ. މިބިންގަރާހުގެ ދެތަޅުދަޑި އޮވެއެވެ. އެއްތަޅުދަޑި އޮންނަނީ ރަސްގެފާނު އަތުގައެވެ. އަނެއްތަޅުދަޑި އޮންނަނީ ބޮޑުވަޒީރު އަތުގައެވެ.

މިދެމީހުންގެ އިތުރުން އެހެން އެއްވެސް މީހަކަށް މިޚަޒާނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެގިގެނެއް ނުވެއެވެ. މިތަނުގައި އެތައް ބައިވަރު މުދާ ޖަމައަކުރުމަށްފަހު އެއްދުވަހަކު ރަސްގެފާނު ހަވީރު ފިނީގައި ހިނގާލަން ނުކުމެގެން ހިގަމުންގޮސް ހިތައްއެރީ ޚަޒާނާ ހުރިތަނަށްގޮސް އެތެރޭގައި ހުރިމުދާ ޗެކްކޮށް ބަލާލާނަމެވެ.

މިބޭނުމުގަ ޚަޒާނާގެ ދޮރުހުޅުވުމަށްފަހު އެތެރެއަށް ވަދެ އެކި ކޮޓަރިތަކުގައި ހުރި ފައިސާއާއި ، ރަނާއިރިއްސާއި ޖަވާހިރުތައް ބަލަން ފަށައިފިއެވެ. ކޮޓަރިތަކުގެ އަލަމާރި ތަކުގައިހުރި އަގުބޮޑު ޖަވާހިރާއި ޑޮލަރު ބޮޑިތައް ފެނުމުން ރަސްގެފާނު ވަރަށް އުފާވިއެވެ.

ރަސްގެފާނު މިގޮތަށް ބިންގަރާސް ތެރޭގައި އުޅެނިކޮށް އޭނަގެ ބޮޑުވަޒީރު ކޮންމެވެސް އެހެންކަމެއްގައި ބިންގަރާސް ހުރި ސަރަހައްދުން ދަނިކޮށް އޭނައަށް މިފެންނަނީ ބިންގަރާހުގެ ދޮރު ހުޅުވިފައި ހުއްޓައެވެ. ބޮޑުވަޒީރު ވަރަށްބޮޑަށް ހައިރާންވެފަ ހިތައްއެރިއެވެ.

ރޭގައި ބިންގަރާސް ބަލާލަން އައިސްފަ އަހަރެން ހަނދާންނެތިގެން ދޮރު ތަޅުނުލެވުނީ ތޯއްޗެވެ. މިހެން ހިތަށް އެރުމަށް ފަހު އަވަސް އަވަހަށް ގޮސް ދޮރު ބޭރުން ތަޅުލައިފިއެވެ. އެއިރު ރަސްގެފާނުވީ އެތެރޭގައެވެ. އެހިނދަކު ރަސްގެފާނަށް މިކަމުގެ ހިލަމެއް ނުވެއެވެ. މީގެ އެތައް އިރެއްފަހުން ޚާޒާނާގެ އެތެރެ ރަގަޅަށް ޗެކް ކުރުމަށްފަހު ބޭރަށްނިކުންނަން ވެގެން ދޮރާއި ހަމައަށް އައިއިރު ދޮރުވަނީ ބޭރުން ތަޅުލެވިފައެވެ.

ރަސްގެފާނު ވަރަށް ކަންބޮޑުވެގެން ދޮރުގައި ތަޅައި ހަޅޭއްލަވަން ފަށައިފިއެވެ. އެކަމަކު ކުރާނެ ކަމެއްނެތެވެ. ރަސްގެފާނުންގެ ހަޅޭކުގެ އަޑު އިވޭނެ މީހަކު އެސަރަހައްދަކު ނެތެވެ. އެތައްއިރަކު ދޮރުގައި ތަޅާ އަޑުލެއްވުމަށްފަހު މީހެއްގެ ހިލަމެއް ނުވެގެން އެބުރި ބިންގަރާހުގެ ކޮޓަރިތަކަށް ދިޔައެވެ.

ރަނާއި ރިއްސާއި ޑޮލަރާއި ޖަވާހިރުތައް ކައިރި ހުރެގެން ހިތްހަމަޖައްސާލުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަގަހިއްކުމާއި ބަޑުހައި ހޫނުކަމުގެ އިހުސާސް އިތުވަމުން ދިޔަދިޔަހެން ހާސްވެ ކަންބޮޑުވާން ފެށުމުން އަނެއްކާވެސް ދޮރުހުޅުވިދާނެ ކަމުގެ އުއްމީދުގައި އެދިމާލަށް އަވަސްވެ ގަތެވެ. ދޮރުހުޅުވުމަށް އެތައް މަސައްކަތެއް ކުރުމަށްފަހު އެންމެ ފަހުން ނާކާމިޔާބް ވެގެން ދޮރުބުޑަށް ރަސްގެފާނު ވެއްޓުނެވެ.

ބަޑުހައިހޫނު ކަމުގެ އިހުސާސް އިތުރުވެ ގައިގެ ބާރުދެރަވާން ފެށުމުން ބިންމަތީގައި ދެމެމުން މުދާއަޅާފައި ހުރި އަލަމާރިތައް ކާރިއަށް ދިޔައެވެ. އަލަމާރިތަކުގެ ތެރޭގައި ހުރި އަގުބޮޑު ޖަވާހިރުތަކާއި ރަނާއިރިއްސާއި ފައިސާއަށް ބަލާލާފައި ބޭއިޚުތިޔާރުގައި ރަސްގެފާނަށް ބުނެވުނެވެ. "އޭމިހިރަ އަގުބޮޑު ޖަވާހިރުތަކާއި ރަނާއި ރިއްސާއި ފައިސާތަކެވެ. އަހަރެންގެ ބަޑުފުރާނަ މުއްތި ކުރުމަށްޓަކައި އެންމެ ފަހަރަކު ކާނެ ކާއެތިކޮޅެއް އަހަރެންނަށް ދޭށެވެ.

"އެވަގުތު އެމުދާތައް މަލާމާތުގެ ރާގަކަށް ހީ ގަންނަކަހަލައެވެ. އަދި އެމުއްތަކާއި ޖަވާހިރުތަކާއި ޑޮލަރުތައް ރަސްގެފާނާއި ދިމާލަށް ބުނާ ކަހަލައެވެ. އޭ ރަސްގެފާނެވެ. އޭ މުދަލަށް ދަހިވެތިވެފައިވާ މީހާއެވެ. ކަލޭއަށް މުދަލުގެ ހަގީގަތް އެގޭނެނަމަ އެވެ. ކަލޭގެ މުޅި އުމުރުގައި ހޯދި މުދަލަށް ކަލެއަށް އެންމެ ފެންތައްޓެއް ފޯރުކޮށް ނުދެވުނެވެ. އެހިނދު ރަސްގެފާނުންގެ ބޯ އަނބުރައި ގަނެ ބޭސޯޚް ވާން ފެށިއެވެ. އަދި ހޭނެތިގެން ބިންމައްޗަށް ދެމުނެވެ. އިރުގަޑެއްފަހުން ހޭވެރިކަން ވުމަށްފަހު ހުރިހާ ޖަވާހިރުތަކާއި ފައިސާތައް އެއްތަނަކަށް ފުންޏަކަށް ޖެހިއެވެ. އެއަށްފަހު އޭގަ މަތީގައި އޮށޯތެވެ.

ރަސްގެފާނަށް އޭނަގެ މަރު އައިސް ކުޑަތަން ވެއް ޖެކަން ޔަގީވިއެވެ. ދެން ބޭނުންވީ ދިރިތިބި މީހުންނަށް އިބުރަތްތެރި ނަސޭހަތެއް ދެވޭތޯއެވެ. ލިޔުމުން އެންމެނަށް ފެންނަ ގޮތަށެވެ. މިކަމަށް ބޭނުންވާ ކަރުދާހާއި ގަލަމެއް ނުލިބުމުން ހިލަގަޑަކުން އޭނަގެ އިނގިލި ޒަޚަމު ކުރުމަށްފަހު އޭނަގެ ލެއިން ފާރުގައި ލިޔުނެވެ.

ސަރުކާރުގެ ކުދިބޮޑު އެންމެން ރަސްގެފާނު ގެއްލިގެން ހޯދަމުންދިޔައެވެ. އެތައްދުވަހުގެ މަސައްކަތުންވެސް ރަސްގެފާނުގެ ހިލަމެއް ނުވިއެވެ. ދެން އެއްދުވަހަކު ބޮޑު ވަޒީރު ޚާޒާނާ ބާލާލުމަށްޓަކައި އެތަނަށް ދިޔައެވެ. އެތެރޭގެ މަންޒަރު ފެނިފައި ބޮޑުވަޒީރަށް ލިބުނީ ކުއްލި ސިހުމެކެވެ. ރަސްގެފާނު އޮތީ ރަނާއި ރިއްސާއި ފައިސާތަކުގެ މަތީގައި މަރުވެފައެވެ. ކުރިމަތީ ފާރުގައި ރަސަގެފާނުންގެ ލެއިން ލިޔެފައި ވަނީ މިހެންނެވެ. " މިހުރިހާ މުދަލާއި ފައިސާ އެންމެ ފެންތައްޓަކާ އެއްވަރެއް ނުވިއެވެ."