Last Updated: April 24, 12:56
Wednesday, April 24, 2024
ސިޔާސީ

ފަނޑިޔާރުގެތަކުން އިންސާފު ނުލިބޭ ވާހަކަ މަޖިލީހުގައި ދައްކަން ޖެހޭ : ނިޒާރު

ކިތަންމެ އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް އަދި ޖަލަށް ލެވުނު ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ތަކުން އިންސާފު ނުލިބޭ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ދައްކަން މެންބަރުންނަށް ކެރިވަޑައިގަންނަވަން ޖެހޭ ކަމަށް ހިތަދޫ ދެކުުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކުރެވޭ ހައިކޯޓުގެ ދެ ގޮފީގެ ފަނޑިޔާރުންނަށް ތިއްބެވޭނެ ފެންވަރުގެ އިމާރާތްތަކެއް ދެ ކޯޓު ގާއިމްކުރެވޭ ދެ ރަށް ކަމަށްވާ ސ.ހުޅުމީދޫ އާއި ހދ.ކުޅުދުއްފުށިން ކުއްޔަށް ހިފުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައި ދެއްވުން އެދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފޮނުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވަމުންނެވެ.

ނިޒާރު ވިދާޅުވީ، ފަނޑިޔާރުގޭގެ ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ބައެއް މެންބަރުން ފާހަގަކުރި ނަމަވެސް އެއީ ނުރައްކާތެރި ކަމެއް ނޫންކަމަށާއި އެއީ ދައްކަން ޖެހިފައިވާ ވާހަކައެއް ކަމަށެވެ. ފަނޑިޔާރުގެ ތަކުން ނާ އިންސާފުން ހުކުމް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ނިޒާުރު ވިދާޅުވި ގޮތުގައި މަޖިލީހުގައި އެވާހަކަ ދައްކަން ޖެހެނީ އެކަމުގެ ހުރިހާ ނުރައްކަލެއް އޮތީ ރައްޔިތުންނަށް ކަމަށް ވާތީއެވެ.

މީގެ އިތުރުން ނިޒާރު ވަނީ ރައްޔިތުންނަށް އަނިޔާވެރިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވި ނަމަވެސް އެވާހަކަވެސް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ހައިކޯޓުގެ ދެ ބްރާންޗް ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމު ކުރުމަކީ ރައްޔިތުންނަށް އަދުލްއިންސާފު ލިބުމުގައި ފަސޭހަތަކެއް ވާނެ ކަމެއް ކަމަށާއި ނަމަވެސް ރައްޔިތުންނަށް އަދުލްވެރިކަމާއި އިންސާފުން ފަނޑިޔާރުން އަމަލު ކުރާކަމާ މެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުން އަންނަ ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.