ދާދި ފަހުން އައްޑޫގައި ގާއިމް ކުރި ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ޑިޕާޓްމަންޓްއަށް ކުރީގެ ހުޅުދޫ ބޮޑު ކަތީބް ޖަމީލް އާއި ފޭދޫ، ކޮޑަގެ، ފައިސަލް ހަމަޖައްސައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމީލް މަސައްކަތް ކުރައްވާނީ ހުޅުދޫގައި ދާދި ފަހުން ހުޅުވި، ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ޑިޕާޓްމަންޓްގައެވެ.
އަދި ފައިސަލް މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ހުޅުވި، ހައުސިންގެ އޮފީހުގައެވެ. ފައިސަލް އާއި ޖަމީލް ކޯޑިނޭޓަރުންނަށް ހަމަޖެއްސި އިރު މުސާރަ އާއި އެލެވެންސްގެ ގޮތުގައި 17،000 ރުފިޔާ ލިބި ލައްވާނެއެވެ.
ހައުސިންގެ އޮފީހެއް، ހިތަދޫ އަދި ހުޅުދޫގައި ހުޅުވާފައިވާ އިރު ކައުންސިލުން ކުރިން ދެމުން ދިޔަ ގިނަ ހިދްމަތްތައް ވަނީ ހައުސިންގެ ދަށައް ބަދަލުކޮށްފައެވެ.
ހިތަދޫގައި ހައުސިން އޮފީހެއް ހުޅުވައި ފުރަތަަމަ އެތަން ހިންގަވަމުން ގެންދެވީ، ހައުސިން މިނިސްތްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. މުހައްމަދު އަލީއެވެ. މުހައްމަދު އަލީ ފުރާވަޑައިގަތުމުން މިވަގުތު އެތަނުގައި އިސް ވެރިއަކު ނެތެވެ.
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށައް އައްޑޫގެ ގިނަ ބިންތަކާއި، ސަރުކާރުގެ އިމާރާތްތައް ގެންގޮސްފައިވާ އިރު 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ވަނީ ހައުސިން މިނިސްޓްރީގެ ފުރިހަމަ ބެލުމުގެ ދަށުން ވީރާނާ ކޮށްލާފައެވެ.