Last Updated: March 28, 19:01
Thursday, March 28, 2024

ޕެންޑްރައިވް އަށް ފަހު މަރުގެ އިންޒާރު ދޭ ވީޑިޔޯއެއް !

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚްގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއް ހެން ބިނާވެފައިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ ކޮޓަރިކޮޅުން ފެނުނު ކަމަށް ފުލުހުން ބުނާ ޕެންޑްރައިވް އެއްގައި މައުލޫމާތު ތަކެއްގެ މައްޗަށެވެ. ސަރުކާރުގެ އިސްބޭފުޅުންގެ ބަހުން ނަމަ، "ރައީސް ޔާމީން ދުއްވާލަން ރޭވި ޕްލޭން" އެއް އެ ޕެންޑްރައިވްގައި ވެއެވެ.

ޕެންޑްރައިވްގައި ހުރި މައުލޫމާތު ތަކުން ހާމަވި ކަމަށް ފުލުހުން ބުނަނީ، ރައީސް ޔާމީން އަވަހާރަކޮށްލުމެވެ. އެކަން ކުރަން އުޅުއްވި ކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވަނީ ޕީޕީއެމް ސަރުކާރުގައި އެންމެ ހިންގުންތެރި މިނިސްޓަރގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވެސް ބަލައިގެންފައިވާ ކާނަލް ނާޒިމަށެވެ. އެތުހުމަތު ތައް ސާބިތުކޮށް ނުދެވުނު ނަމަވެސް، ކާނަލް ނާޒިމް ވަނީ 11 އަހަރަށް ޖަލަށް ލެވިފައެވެ.

ކާނަލް ނާޒިމް ޖަލަށް ލެވުނު ފަހުން އަނެއްކާ ވެސް ރައީސް ޔާމީން "ދުއްވާލާނެ" ކަމުގެ އިންޒާރު މިވަނީ ވީޑިޔޯއެއް މެދުވެރިކޮށްދީފައެވެ. ޔޫޓިއުބުގައި އާންމުކޮށްފައިވާ މި ވީޑިއޯގައި މައިގަނޑު ގޮތެއްގައި އިންޒާރުދީފައިވަނީ ޝެއިޚް އިމްރާން އަބްދުﷲ ދޫކޮށްލުމަށާއި ސަންދާނު ލުތުފީއަށް ކުރަމުން ގެންދާ ގޯނާ ހުއްޓާލުމަށެވެ.

ތިން މިނިޓްގެ ވީޑިޔޯގައި ރައީސް ޔާމީނާއި އަދީބަށް އިންޒާރު ދީފައިވާއިރު، އެވީޑިއޯގެ ކަނާތްފަރާތުގައި ސީރިޔާ އަދި ޢިރާޤުގައި ހަރަކާތްތެރިވަމުންދާ ޖަމާޢަތެއް ކަމުގައިވާ އައިއެސްގެ ދިދަ ހުރިކަން ފާހަގަކޮށްލެވެއެވެ.

މިވީޑިއޯގައި ނައިބް ރައީސް އަދީބަށާއި ޔާމީނަށް އިންޒާރު ދީފައި ވި ނަމަވެސް، ރާއްޖޭގެ ރައްޔިތުން ޖިހާދުކުރުމަށް ކަމަށް ބުނެ ސީރިޔާއަށް ނުދިއުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސަޢީދު އަދި އެހެން އެއްވެސް ޢިލްމުވެރިޔަކަށް ވެސް އިންޒާރުދީފައެއް ނުވެއެވެ. އަދި ޖިހާދަށް ކަމަށް ބުނެ އައިއެސް ޖަމާޢަތާއި ގުޅެންދާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދީފައިވާ، ހޯމް މިނިސްޓަރ އުމަރު ނަސީރަކަށް ވެސް އިންޒާރެއް ދީފައެއް ނުވެއެވެ.

ދެން އުފެދޭ ސުވާލަކީ، އައިއެސް ޖަމާޢަތުން އެ ދެ ބޭފުޅެއްގެ ދިފާޢުގައި ވާހަކަ ދެއްކި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ސަންދާނު ލުތުފީ އަކީ އެ ޖަމާޢާތަށް ތާޢީދުކޮށް ވާހަކަދައްކާފައިވާ ބޭފުޅުންތޯ އެވެ؟ އެހެން ކަމުން އެ ދެބޭފުޅުން ޖަލުން މިނިވަން ކުރުމުން އައިއެސް ޖަމާޢަތުގައި ހަރަކާތްތެރިވާ ބަޔަކަށް އޮތީ ކޮން ފައިދާއެއް ތޯއެވެ ؟