Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މަސްތުވާތަކެތި އެތެރެ ކުރި މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި

ވައިގެމަގުން އައްޑުއަށް އެތެރެކުރި ކޮކެއިން - ފޮޓޯ: ހިތަދޫ ޕޮލިސް ސްޓޭޝަން

ވައިގެ މަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ޖުލައި މަހުގެ 16 ވަނަ ދުވަހު ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފިއެވެ.

މަގުމަތީ އަގުގެ ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް އެންމެ ފަހުން ދީފައިވާ 15 ދުވަސް ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މި ސެޕްޓެމްބަރ 15 އަށެވެ.

ޕޮލިސް އިންޓެލިޖެންސާއި އައްޑޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ޒުވާނެކެވެ. އޭނާ އާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ އޭނާ އައްޑޫއަށް މަސްތުވާ ތަކެތި އެތެރެ ކުރީ އޭނާގެ ދެ ފައިގެ ދެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެންނެވެ. އޭނާގެ ފަލަމަސްގަނޑުގައި ބަނދެފައިވަނިކޮށް ފެނިފައިވަނީ ކޮކެއިންކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކައެވެ.
މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.