Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހިއުމަން ރައިޓްސް އިން އައްޑޫގައި އޮފީހެއް ހުޅުވަނީ

ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަރާތުން އައްޑޫގައި އޮފީހެއް ގާއިމް ކުރުމަށްޓަކައި މުވައްޒަފުން ހޯދުމަށް އިއްލާން ކޮށްފިއެވެ.

އެޗްއާރްސީއެމް އިން ކޮށްފައިވާ އިއްލާނުގައި، އައްޑޫ ރީޖަން އޮފީހަށް، ޑިރެކްޓަރަކާއި، އެސިސްޓެންޓް ހިއުމަން ރައިޓްސް އޮފިސަރެއްގެ އިތުރުން، އެސިސްޓެންޓް އެޑްމިން އޮފިސަރަކާއި، ސެކްރެޓަރީއަކާ، މަސައްކަތު މީހެއް ނެގުމަށް ވަނީ އިއްލާން ކޮށްފައެވެ.

އިއްލާންގައިވާ ގޮތުން މިމަގާމުތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން، ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ސިޓީ ހުށަހަޅަން ޖެހެއެވެ.

އެޗްއާރްސީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫގައި އޮފީހެއް ގާއިމް ކުރުމަށްޓަކައި އޮފީސް ހެދުމަށް ތަނެއް ބަލަމުން އަންނަ ކަމަށާއި، އޮފީސް ގާއިމް ކުރުމަށް ނިންމާފައިވަނީ ހިތަދޫގައި ކަމަށެވެ.

އެޗްއާރްސީއެމްއިން އައްޑޫގައި ރީޖަނަލް އޮފީހެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ އިރު މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ)އިން ވެސް ދަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އޮފީހެއް ހުޅުވުމަށް ތައްޔާރު ވަމުންނެވެ.