Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މަގުމަތީ އެކްސިޑެންޓް މަދުކުރުމަށް ފަރުދީ ޒިންމާ އަދާ ކުރައްވާ !

އައްޑޫގެ މަގުތަކުގައި މިހާރަކަށް އައިސް ހިނގާ އެކްސިޑެންޓް ތަކުގެ އަދަދު މިވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. މި މަހުގެ 7 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ.ހުރިހާ އެންމެން ވެސް ބޭނުން ވަނީ އެކްސިޑެންޓް ތައް މަދުވެ، މަގުތައް އަމާން ވުމެވެ.މިއީ އަޅުގަނޑުގެ ނަޒަރުގައި އެކްސިޑެންޓް މަދު ކުރުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންތައް ވަރަށް ގިނައެވެ.

އައްޑޫ ސިޓީގައި މިފަހުން ހިނގާފައިވާ އެކްސިޑެންޓް ތަކުގެ %85 އަކީ ބާރަށް ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓް ތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. އަދި ގިނަ އެކްސިޑެންޓް ތައް ހިނގާފައި ވަނީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަންވެސް ފާހަގަ ކޮށްލެވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ޒުވާނުން ބާރަށް ދުއްވަނީ ހަމަ "ކޫލް" ވެލުމުގެ ބޭނުމުގައި ކަމާއި މެދު އެއްވެސް މީހަކު ދެބަސް ވާނެ ކަމެއް ނޫނެވެ.

ހިތަދޫން ވާހަކަ ދެއްކި ގިނަ ޒުވާނުންވެސް ސައިކަލް ބާރަށް ދުުއްވުމަކީ ރަގަޅު ކަމެއް ކަމަކަށް ނުނިންމައެވެ." އަސްލު ކަޑަ ކަމެއް"، "ބާރަށް ދުއްވަން ޖެހެނީ ބަލައިގެން"، "ބާރަށް ދުއްވުމުން އެކްސިޑެންޓްތައް ގިނައިން ވަނީ". މިއީ ގިނަ ޒުވާނުންގެ ޖަވާބު ހުރި ގޮތެވެ.

ލިންކް ރޯޑްގައި ހިނގި އެކްސިދެންޓްގައި ފޮރޮޅާލި ކާރު. ފޮޓޯ: އައްޑޫލައިވް
ލިންކް ރޯޑްގައި ހިނގި އެކްސިދެންޓްގައި ފޮރޮޅާލި ކާރު. ފޮޓޯ: އައްޑޫލައިވް

އެމީހުން ބާރަށް ސައިކަލް ދުއްވުމަކީ ރަަގަޅު ކަމެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ބައެއް ފަހަރުު "ކޫލް" ކަން ދައްކާލެވެނީ އެވެ.

ގިނަ ފަހަރަށް އަޅުގަނޑުމެންގެ ގިނަ މީހުން ވިސްނާގޮތުގައި ފުލުހުން ނިކުމެ ޓްރެފިކް އޮޕަރޭޝަންތައް ހިންގަނީ ޖޫރިމާނާ ކުރުމަށް ޓަކައެވެ. ނަމަވެސް ޓްރެފިކް އޮޕަރޭޝަންތައް ހިންގަނީ ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަން އަޅުގަނޑުމެން ޤަބޫލު ކުރަން އެބަޖެހެއެވެ.ބާރަށް ސައިކަލް ދުއްވުމުން ޖޫރިމާނާ ކޮށްފި ނަމަ ނަމަ ފުލުހުންނަށް ހެއްދެވި ނުހުއްދެވިއަށް ގޮވާކަށް ނުޖެހެއެވެ.

ޤާނޫނު ތަކާއި ޤަވާއިދުތައް ހަދާފައި ހުންނަނީ ތިމާ ހިމެނޭ ގޮތަށް އެންމެންގެ ވެސް ރައްކާތެރި ކަމަށް ޓަކައި ކަން ޤަބޫލު ކުރަން ޖެހެ އެވެ.
accd

ޓްރާންސްޕޯޓް މިނިސްޓްރީ އިން ދިރާސާ އެއް ކުރާ ވާހަކައެއް ދޭތެރެ އަކުން އަޑު އިވިގެން ދިޔައެވެ. އެކަމަކު އެ ދިރާސާ އެއް ކުރަން ބަޔަކު އުޅުނު ކަން ދެނެ ހުރި މީހަކު ވެސް ހަމަ ގައިމު ހުރި ހެނެއް ހިއެއް ނުވެއެވެ. އަނެއްކާވެސް ކޮންމެވެސް ނޫސް ކޮންފަރެންސެއްގައި މޮޅެތި ވާހަކަ ތަކެއް ދައްކާލާތަން ނޫން ކަމެއް ނުފެންނާނެއެވެ. ދައުލަތުން ކަމެއް ކޮށް ދީގެން މަގުމަތި އަމާން ކުރެވޭނެ އޭ ހިތާ ވަރަށް ގިނަ ދުވަހު އަޅުގަނޑު މެންނަށް ތިބެވިއްޖެ އެވެ.

ކޮންމެ އެކްސިޑެންޓަކާއި އެކު ޓްވިޓާ އާއި ފޭސް ބުކުގައި ކައުންސިލަރުން ވެސް މޮޅެތި ވާހަކަ ލިޔުއްވުމުން މައްސަލަ ހައްލު ކުރަން އެބޭފުުޅުންގެ ޒިންމާ އަދާ ކުރެއްވުނީ ހެއްޔެވެ ؟
acc1

ހަމަ ގައިމު ވެސް ވަރަށް ގިނަ "ސްޕީޑް ބްރޭކަރު" ތަކެއް ވެސް އެކި ބޭފުޅުން ފޭސް ބުކް ސްޓެޓަސްގެ ޒަރިއްޔާއިން ލިންކް ރޯޑް ގައި އަޅުއްވައިފިއެވެ. ލިންކް ރޯޑް އަލި ކުރުމަށްޓަކައި ބައްތި ޖެހުމުގެ ބޭނުމެއް ބައެއް ބޭފުޅުންނަކަށް ފެނި ވަޑައެއް ނުގަންނަވައެވެ."ހަނދުވަރުގެ އަލިން މަގު އަލި ވާނެ" ކަމަށް ވެސް ވިދާޅުވަނީ އެހެން ވެގެން ނޫންތޯއެވެ.

ބޭފުޅުންގެ ފަރާތުން ނުވަތަ ދައުލަތުގެ ފަރާތުން ހައްލެއް ހޯދުމަށް ވަރަށް ގިނަ ދުވަހު އަޅުގަނޑު މެންނަށް ތިބެވިއްޖެ ނޫންތޯ އެވެ؟ އެކްސިޑެންޓް ތަކުގައި ގެއްލެމުން ދަނީ އަޅުގަނޑުމެން ކޮންމެވެސް އެކެއްގެ ބޭބެއެއް، ދައްތައެއް ނުވަތަ ކޮއްކޮ އެއްގެ ފުރާނަ އެވެ. ނުކުޅެދޭ މީހަކަށް ވެގެން ދަނީ ކޮންމެވެސް އެކެއްގެ މަންމަ އެއް ނުވަތަ ބައްޕަ އެކެވެ.

ދައުލަތުގެ ވަޒީރުން ނުވަތަ އިސްވެރިން ދަތުރުފުޅު ކުރައްވަނީ މަގު ބަންދު ކުރައްވައިގެން މޮޓޮކޭޑު ގައެވެ. އެއާރ ބޭގް ހުންނަ ކާރު ކޮޅު ތަކުގައެވެ. އެހެންކަމުން އެބޭފުޅުންނަށް މަގުތައް ރައްކާތެރިއެވެ.

އެހެން ކަމުން އެކްސިޑެންޓް ތަކާ ދެކޮޅަށް އަޅުގަނޑުމެން އަމިއްލަ ފަރުދުން ތެދުވަމާ ހިންގަވާށެވެ. މަގުމަތި އަމާން ކުރުމަށް އިސްނަގައިގެން ތެދުވަމާ ހިންގަވާށެވެ. މުޒާހަރާ އަކަށް ނޫނެވެ. މަދަނީ ބަސް ނޭހުމަކަށް ވެސް ނޫނެވެ.

އާއިލާގެ މީހަކު އެކްސިޑެންޓް ވެއްޖެ ނަމަ ފޭސްބުކްގެ ޒަރިއްޔާއިން އެމީހަކަށް އަވަސް ޝިފާ އަކަށް އެދި ދުއާ ކުރާ ވާހަކަ ހާމަކޮށްލެވެއެވެ. ބާރު ސްޕީޑް ގައި ސައިކަލް ދުއްވަާފައި ދާތަން ފެނުނަސް އެއްޗެކޭ ބުނެ ނުލެވެނީ ކީއްވެ ހެއްޔެވެ؟ ހިތުގެ ތެރޭ ގައި ނުބާއްވާށެވެ، ތިބާގެ އާއިލާގައި ނުވަތަ ރަހްމަތްތެރިންގެ ތެރޭގައި ބާރަށް ސައިކަލް ދުއްވާ މީހަކު ހުރި ނަމަ ވަގުތު ކޮޅެއް ހޯދައިގެން އެ ޒުވާނާ އަށް ވިސްނައިދެއްވާށެވެ.

ކޮންމެ ބޭފުޅަކުވެސް 2 މީހަކަށް ނަސޭހަތް ތެރި ވުމަށް އަޒުމް ކަނޑައަޅުއްވަމާ ހިންގަވާށެވެ. އޭރުން ހަމަ ގައިމުވެސް ބާރަށް ސައިކަލު ދުއްވާ މީހުންގެ އަދަދު ހަމަ ކޮންމެވެސް ވަރަކަށް މަދު ކުރެވިދާނެ ނޫންތޯ އެވެ؟

ތިމާ ކިތަންމެ ފަރިތަ ކަމުގައި ވިޔަސް އަނެކާ ނުފަރިތަ ވެދާނެ ކަމަށް ވިސްނައިގެން މަގުމަތީގައި ވެހިކަލް ދުއްވާ ބަޔަކަށް ވަމާ ހިންގަވާށެވެ. ތިމާއަށް ބާރަށް ގޮސް ސައިކަލް ހަމަ ބޭނުން އިރަކު މަޑު ކުރެވިދާނެ އެވެ. ނަމަވެސް އަނެކާއަށް މަޑު ކުރެވޭނެ ކަމުގެ ގެރެންޓީ ތިބާ އަށް އޮވޭ ހެއްޔެވެ؟

މަގުމަތީ އެކްސިޑެންޓްތައް މަދު ކުރެވޭނީ އެންމެން ވެސް އެއްބާރުލައިގެން ނެވެ. ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ޒިންމާ އަދާ ކުރައްވަން ވީއެވެ. ތިމާ އަކީ ގާނޫނަށް ކަމޭހިތާ މީހަކަށް ވާން މަސައްކަތް ކުރައްވަން ވީއެވެ. ގޭތެރޭގައި ތިބި މީހުންނަށް ނަސޭހަތްތެރި ވާށެވެ. ރައްޓެހިންނަށް ނަސޭހަތްތެރި ވާށެވެ. ކޮންމެ ކަމެއް ހައްލު ކުރުމަށް ސަރުކާރަށް ފާޑު ކިޔާ ހަޅޭއްލަވާ ކަށް ނުޖެހެއެވެ.

އަޅުގަނޑުމެން ކޮންމެ މީހަކީ ވަގުތު ނެތިގެން މަގު މައްޗަށް ނިކުންނަ މީހަކަށް ނުވަމާ ހިންގަވާށެވެ. އޮފީހުގެ ގަޑި ޖެހެން 5 މިނިޓް އޮތްވައި ނިކުތުމުގެ ބަދަލުގައި 15 ވަރަކަށް މިނިޓް އޮތްވައި ނިކުތުން ކީއްތޯ އެވެ.