Last Updated: April 19, 06:47
Friday, April 19, 2024
ރިޕޯޓް

އީދިގަލި ކިޅި- އައްޑޫގެ ފަތުރުވެރިކަމަށް މުހިއްމު މަންޒިލެއް!

އީދިގަލި ކިޅި. ފޮޓޯ: ޝަރަފް

ހިތަދޫ އުތުރުގައި އޮންނަ އީދިގަލި ކިޅިއަކީ ގުދުރަތީ މުއްސަދިކަމުން ފުރިފައިވާ ތަނެކެވެ. އެތަނުގެ ވަށައިގެންވާ ހިތްގައިމު މާހައުލުން އެތަން ދެކިލަންދާ މީހުންގެ ހިތް ފުރާލަދެއެވެ.

ކިތަންމެ ހިތްފަސޭހަ ތަނަކަށް އީދިގަލި ކިޅިވި ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އެތަނުގެ ރީތިކަން އެގޮތުގައި ބޭއްވުމަކަށް ކަމަކު ނުދެއެވެ. އެފަރާރްތަކަށް އެތަން ސިފަވަނީ ފަސޭހައިން ކުނި އުކާލަން އޮތް ކުނި ގޮޑަކަށެވެ.

އީދިގަލި ކިޅިއާއި ވަށައިގެންވާ ސަރަހައްދު 2004 ވަނަ އަހަރު ހިމާޔަތް ކުރި ނަމަވެސް އެތަން މިހާތަނަށް ހިމާޔަތް ކުރެވިފައިވަނީ ނަމަކަށެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގެ ދަށުން އުފައްދާފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދަށުން އީދިގަލި ކިޅި މިވަނީ އައްޑޫގެ ތަރައްޤީގެ ބޮޑު ހިއްސާއަކަށް ބަދަލުކޮށްފައެވެ.

ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދަށުން ސްޕެއިންގެ ހިޑްރިއާ އެންޑް އެކުއަޓިކާ އިން ތައްޔާރުކޮށްފައިވާ ކޮންސެޕްޓަކާ އެއްގޮތަށް އީދިގަލި ކިޅި ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ހިތަދޫ ސަދަން މޯލްޑިވްސް ކުންފުނިން ވަނީ ފަށާފައެވެ.

އެގެޮތުން އެ ސަރަހައްދު ސާފުކޮށް، ވަށައި ފެންސް ޖެހުމުގެ އިތުރުން އެ ސަރަހައްދު ބަލަހައްޓާ ރޭންޖާސް ތިބޭނެ ހަޓުތައް ހެދުމާއި ޕިކްނިކް ސަރަހައްދެއް ހެދުމުގެ މަސައްކަތް ސަދަން މޯލްޑިވްސް އިން ދަނީ ކުރަމުންނެވެ.

އައްޑޫއަށް ގެސްޓް ހައުސް ތައާރަފްކޮށް ފަތުރުވެރިކަން ކުރިއަރުވަން ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައްޑޫ ގެސްޓް ހައުސް ވެންޗާ ލޯންޗްކޮށްފައިވާއިރު ފަތުރުވެރިން ޒިޔާރަތް ކުުރާނެ އެއް މަންޒިލަކީ އީދިގަލި ކިޅިއެވެ. އެތަން ތައްޔާރު ކުރަނީ އީކޯޓޫރިޒަމަށެވެ.

ކައުންސިލުން ބުނީ އީދިގަލި ކިޅީ އީކޯ ޓޫރިޒަމަށް ތަރައްގީވެގެން އަންނަ އިރު އެތަން ބަލާލަން ޒިޔާރަތް ކުރާ ފަރާތްތަކަށް ހިދުމަތް ދޭނެ ގިނަ ވަސީލަތްތަކާ އެކު ވިޒިޓާސް ސެންޓަރެއް ގާއިމް ކުރެވޭނެ ކަމަށެވެ. އޭގެ ސަބަބުމް އެތަނުގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް، ވީހާ ވެސް ކައިރިން ބަލާލެވޭނެ ފުރުސަތު ހަމަޖެހިގެން ދާނެ ކަމަށެވެ.

އީދިގަލި ކިޅި ސަރަހައްދުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު އެތަނުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް ސަދަން މޯލްޑިވްސް އިން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ކުންފުންޏަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މަސައްކަތް ކުރާ ސަރަހައްދަށް ގަވާއިދާއި ހިލާފަތްވަދެ، ދޮންވެލި އާއި އަކިރި ފަދަ ތަކެތި ވަގަށް ނަގާ މަައްސަލައެވެ. އެހެންވެ އެކަން ހުއްޓުވައިދިނުމަށް ކައުންސިލް މެދުވެރިކޮށް ފުލުހުންނަށް ވަނީ ހުޅަހަޅާފައެވެ.

އައްޑޫގެ ފަތުރުވެރިކަމާއި ގުޅިލާމެހިފައިވާ އީދިގަލި ކިޅި އީކޯ ޓޫރިޒަމަށް ފައްކާވެގެން އަންނަ އިރު އެތަނަކީ އައްޑޫގެ ރައްޔިތުންނާއި މިއަތޮޅަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ހިތްހަމަ ޖެހުމާއި އުފާ ހޯދައިދެވޭނެ ތަނެއް ކަން ޔަގީންއެވެ.