Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

"ގެއްލުނު" މީހާ 60 އަހަރު ފަހުން މިއަދު އެނބުރި އައްޑޫއަށް

ސައީދު (މެދުގައި) އާއިލާގެ ފަރާތުން އޭނާއާ ބައްދަލު ކުރަން އިންޑިއާ އަށް ދިޔަ ދެ މީހުންނާ އެކު: އޭނާ ގެއްލުނުތާ 60 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ --ފޮޓޯ/ ސައީދުގެ އާއިލާ

އުމުރުން އެންމެ 13 އަހަރުގައި ކިޔަވަން ބާރުއެޅުމުން އާއިލާ އޮޑީގައި ފިލައިގެން އިންޑިއާއަށް ދިޔަ ހިތަދޫ ، މުގިރިގެ މުހައްމަދު ސައީދު 60 އަހަރު ފަހުން މިއަދު އެނބުރި އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާގެ ބޭފުޅަކު ބުނީ ސައީދު މިއަދު ހެނދުނު މާލެ އައުމަށްފަހު މެންދުރު ފަހު ވަގުތެއްގައި އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާއަށް މަރުހަބާ ކިއުމަށް އާއިލާގެ މީހުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އުމުރުން މިހާރު 76 އަހަރު ވެފައިވާ މުހައްމަދު ސައީދު އައްޑޫން ފިލާފައިވަނީ 1953 ނުވަތަ 1954 ވަނަ އަހަރު ކަމަށް އާއިލާއިން ބުނެއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް މިއަހަރު ޖުލައި މަހާއި ހަމައަށް ލިބިފައި ނުވެއެވެ. ސައީދު ދުނިޔޭގައި ގަދަވެ ސަލަމާތުން ހުރި ކަން އެނގިފައިވަނީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަން އައި އިންޑިއާގެ ކައްކާއެއްގެ ފަރާތުންނެވެ.

ސައީދު ހަވާލުކުރި ލިއުންކޮޅެއް ރިސޯޓްގައި މަސައްކަތް ކުރި ސައީދުގެ އާއިލާ ކުއްޖަކަށް ފެނުމާއި ގުޅިގެން ސައީދު އާއި އެއްބަޑު އެއްބަފާ ދެ މީހަކު ވަނީ ހައިދަރުއާބާދަށް ގޮސް ބައްދަލުކޮށްފައެވެ.

މިހާރު އިންޑިއާ ރައްޔިތަކަށް ބަދަލުވެފައިވާ ސައީދު، މުސްލިމް އަންހެނަކާ ކައިވެނިކޮށްގެން ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން ތިން ފިރިހެން ދަރިއަކު ވަޒީފާ އަދާކުރަނީ ދުބާއީގަ އެވެ.