Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދެ ފޯނާއި ޓެބްލެޓެއް ނެގި ހިތަދޫ މީހަކަށް ޖަލު ހުކުމެއް!

މުޙައްމަދު ޝާޠިރު --

ގދ. ތިނަދޫ ގެއަކުން ދެ ފޯނަކާއި ޓެބްލެޓެއް ވަގަށް ނެގި ހިތަދޫ މީހަކު 3 އަހަރަށް ޖަލަށް ލުމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

ތިނަދޫ ކޯޓުން ޖަލު ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ، ސަމަންދަރު މުޙައްމަދު ޝާޠިރު (29އ) މައްޗަށެވެ.

އޭނާގެ މައްޗަށް ޙުކުމްކޮށްފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ 02:00 ހާއިރު ގދ. ތިނަދޫ ގެއަކުން ދެ ފޯނަކާއި ސެމްސަންގް ބްރޭންޑް ޓެބްލެޓެއް ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން މުޙައްމަދު ޝާޠިރުގެ މައްޗަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ޝާޠިރުގެ މައްޗަށް ދަޢުލަތުން ކުރި ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖުލިސްގައި އިޢުތިރާފްވެފައިވާތީ މުޙައްމަދު ޝާޠިރުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާކަމަށް ޙުކުމްގައި ވެއެވެ.

އަދި މިއީ މުޙައްމަދު ޝާޠިރު މި ކުށް ތަކުރާރުކުރި ދެވަނަ ފަހަރުކަމަށްވާތީ މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އަދި ވައްކަން ކޮށްފައިވަނީ މީހުން ދިރުއުޅޭ ތަނަކުން ކަމަށްވާތީ ޤާނޫނުލް ޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، އެކުޖުމްލަ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް، މިބާވަތުގެ ކުށްތައް ތަކުރާރު ނުކުރުމަށް ނަސޭޙަތްތެރިވާކަމަށް ޙުކުމްގައި ވެއެވެ.

ތިނަދޫ ގެއަކުން ދެ ފޯނަކާއި ޓެބްލެޓެއް ވަގަށް ނަގާފައިވާ މި މައްސަލައިގެ ތަހުޤީޤް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މި މައްސަލާގައި ޙުކުމްކޮށްފައިވާ މުޙައްމަދު ޝާޠިރު އަކީ ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެކެވެ.